ކަޒަކިސްތާނުގެ އެސްޓާނާގައި ކުރިއަށްދާ 27 ވަނަ އައިޓީޓީއެފް އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2024 ގެ ރޭންކިން މެޗުތަކުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުންވެސް ތާރީހީ މޮޅުތަކެއް ހޯދައިފިއެވެ.
މިއަހަރުގެ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަށް ކުޅުންތެރިޔަކު ވާދަކުރަމުން ދެއެވެ. އެއީ ފިރިހެން ހަތަރެއް އަދި އަންހެން ހަތަރު ކުޅުންތެރިންނެވެ. ރާއްޖެއިން ވާދަކުރާ އަންހެން ޓީމުގައި ހިމެނެނީ ގައުމީ މުބާރާތް ދާދިފަހުން މިލްކު ކުރި ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތި ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްގެ އިތުރުން މިޝްކާ މުހައްމަދު އިބްރާހީމް އަދި ލައިސާ ފަތުހުﷲ އިސްމާއީލެވެ.
ފިރިހެން ޓީމުގައި ހިމެނެނީ ގައުމީ މުބާރާތް ހޯދި އަހްޔަރު އަހުމަދު ހާލިދާއި މޫސާ މުންސިފް އަހުމަދުގެ އިތުރުން މުހައްމަދު ޝައްފާން އިސްމާއީލް އަދި ޒީކް ހަސަން ލަތީފެވެ.
މުބާރާތުގެ ޓީމް އިވެންޓުގެ ރޭންކިން މެޗުތައް އިއްޔެ ކުޅެފައިވާ އިރު، ރާއްޖޭގެ ފިރިހެން ޓީމުން ވަނީ ފުރަތަމަ ފަހަރަށް ޓީމް އިވެންޓްގައި ޕާކިސްތާން ބަލިކޮށްފައެވެ. އަދި އަންހެން ޓީމުން ވަނީ ފުރަތަމަ ފަހަރަށް ސްރީ ލަންކާ ކައިރިން ކުރި ހޯދާފައެވެ.
ފިރިހެން ޓީމުން ކުޅުނު މެޗުގައި ޕާކިސްތާން ބަލިކުރީ 3-2 ގޭމުންނެވެ. ފުރަތަމަ ގޭމްގައި އަހްޔަރު ޕާކިސްތާނުގެ ތައިމޫރު ހާން އަތުން 3-2 ސެޓުން ބަލިވި ނަމަވެސް، ދެން ކުޅުނު ގޭމްގައި ރާއްޖޭގެ އަހުމަދު މޫސާ ވަނީ މުހައްމަދު ހާން ކައިރިން 3-2 ސެޓުން މެޗު ކާމިޔާބު ކޮށްފައެވެ. އަދި ދެން ކުޅުނު ގޭމްގައި ޝައްފާން ވަނީ ޕާކިސްތާނުގެ ސައީދު ޝާހު 3-2 ސެޓުން ބަލިކޮށްފައެވެ.
ދެން ކުޅުު ގޭމްގައިވެސް ޕާކިސްތާނުގެ މުހައްމަދު ހާން ރާއްޖޭގެ އަހްޔަރު ބަލިކުރި އިރު، ރާއްޖެއަށް މެޗު ކާމިޔާބުކޮށްދިނީ އެންމެ ފަހު ގޭމްގައި އަހުމަދު މޫސާ، ތައިމޫރު ކައިރިން 3-1 ސެޓުން މޮޅުވެގެންނެވެ.
ރާއްޖޭގެ ފިރިހެން ޓީޓީ ޓީމުން އިއްޔެ ވަނީ ސީދާ ތިން ގޭމުން އޮމާންވެސް ބަލިކޮށްފައެވެ. އެ މެޗުގައި ރާއްޖޭގެ ޝައްފާން އޮމާންގެ ގައްސާމް އަލް ގައްސާނީ ސީދާ ތިން ސެޓުން ބަލިކުރި އިރު، އަހުމަދު މޫސާ ވަނީ މުހައްނަދު އަލް ބަލޫޝީ 3-1 ސެޓުން ބަލިކޮށްފައެވެ. އަދި ފަހު ގޭމްގައި އަހްޔަރު ވަނީ އޮމާންގެ ބަދަރު އަލް ޖައްސާސީ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ.
ރާއްޖޭގެ އަންހެން ޓީމުން ސްރީ ލަންކާ ބަލިކުރީ 3-0 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމްގައި ރަފާ ވަނީ ލެސަންޔާ ކުލަޕުވަވަޑޫ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. އަދި ދެވަނަ ގޭމްގައި ރާއްޖޭގެ ދީމާ ސީދާ ތިން ސެޓުން ލަންކާގެ ޝަމަލްޝާ ހަލަވަތަގޭ ބަލިކުރި އިރު، އެންމެ ފަހު ގޭމްގައި މިޝްކާ ވަނީ 3-1 ސެޓުން ލަންކާގެ މަނީޝާ ޝަލިންދީ ބަލިކޮށްފައެވެ.
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް