އިންޑިއަން ސުޕަ ލީގުގެ އީސްޓް ބެންގާލްގެ ކޯޗު ކަމަށް، ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓްގެ ކޯޗުކަން ކުރި ސްޕެއިންގެ އޮސްކާ ބްރުޒޮން ހަމަޖައްސައިފިއެވެ.
އޮސްކާ އެނބުރި އިންޑިއާ ލީގަށް ނުކުމެފައި ވަނީ ނުވަ އަހަރު ފަހުންނެވެ. ރާއްޖޭގެ ނިއު ރޭޑިއަންޓާ ހަމައަށް ނުކުތުމުގެ ކުރިން އޮސްކާ ވަނީ މުމްބާއީ ސިޓީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ނިކޮލަސް އަނެލްކާއާ އެކު މަސައްކަތް ކުރުމުގެ އިތުރުން މުމްބާއީ އެފްސީގެ ކޯޗަކަށްވެސް 2017 ވަނަ އަހަރު މަސައްކަތް ކޮށްފައެވެ.
ނިއު ރޭޑިއަންޓާ އެކު އޮސްކާ ވަނީ މެޗަކުން ބަލިނުވެ، 2017 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ހޯދައި، އެ ސީޒަނުގެ އެފްއޭ ކަޕާއި ޕްރެސިޑެންޓްސް ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އޭގެ ފަހުން ނިއު ރޭޑިއަންޓްގެ މާލީ ހާލަތު ގޯސްވެ، އޮސްކާ ފޮނުވާލަން އެ ކްލަބަށް މަޖުބޫރުވުމުން، އޭނާ ދެން ހަވާލުވީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާއެވެ.
އެ ކްލަބާއެކު 2019، 2021، 2022 އަދި 2023 ވަނަ އަހަރު ވެސް ބަންގްލަދޭޝް ލީގު ކާމިޔާބުކޮށް، އޮސްކާ ވަނީ އޭއެފްސީ ކަޕްގައިވެސް އެ ކްލަބަށް ތާރީހީ މޮޅުތަކެއް ހޯދައިދީފައެވެ.
އޮސްކާ މިފަހަރު އީސްޓް ބެންގާލާ ހަވާލުވުމުގެ ކުރިން އެ ކްލަބަށް ކޯޗުކަން ކޮށްދިނީ ކާލެސް ކުއަޑްރަޓެވެ. އޭނާ ވަނީ 12 އަހަރު ފަހުން އެ ކްލަބަށް ފުރަތަމަ ތަށި ހޯދައިދީފައެވެ. އެއީ ކަލިންގާ ސުޕަ ކަޕް ކާމިޔާބު ކޮށްގެންނެވެ. އޭނާ މަގާމު ދޫކޮށް އިސްތިއުފާ ދިނީ މިދިޔަ ސެޕްޓެމްބަރު މަހު 30 ގައެވެ. އެއީ ނަތީޖާތައް މާ ބޮޑަށް ދަށްވުމުންނެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ