މާލޭގެ ގެއަކަށް ފިރިހެނަކު ވައްދައި، އޭނާއަށް ވަޅިން ބިރުދައްކައި ފޭރުނު މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
މި މައްސަލައަކީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި މއ. މަސްފަން ގެއަށް މީހަކު ވައްދައި، އެ މީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އޭނާގެ މޯބައިލް ފޯނު އަތުލައި އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާ ކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމް އިން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އޭނާ ވެއްދި ގޭގެ އާއިޝަތު (43އ) އާއި ހަމަ އެ ގޭ މުހައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ/ ސޯމާ، ޝަގީގު އިބްރާހިމް (35އ) އެވެ.
އާއިޝަތު އާއި ރީހާންއަކީ މަންމަ އާއި ދަރިފުޅުކަން އެނގިފައިވެއެވެ. މި ތިން މީހުންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ މައްސަލައިގައި އެ ތިން މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެ ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށެވެ. އެގޮތުން އެ ގާނޫނުގައި ބަޔާންކޮށްފައިވާ އަނިޔާއެއް ދިނުމުގެ ކުށް، އެނގި ހުރެ ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު ހޯދުން އަދި ފޭރުމުގެ ދައުވާ ތިން މީހުންނަށް ވެސް ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު