ތަރުޖަމާ: އަހުމަދު އިނާދު
--------
"އެއް ދުވަހަކު އަޅުގަނޑުގެ ޖަޕާނު ރަހުމަތްތެރިޔާ، މުދައްރިސް، ޔަމަމޯޓޯއާ ސުވާލެއް ކުރީމެވެ. އެއީ ޖަޕާނުގައި މުދައްރިސުންގެ ދުވަސް ފާހަގަކުރަނީ ކޮން ދުވަހެއްގައިތޯ އާއި އެ ދުވަސް ފާހަގަކުރުމަށް ކުރާ ހާއްސަ ކަންތައްތަކަކީ ކޮބައިތޯއެވެ. އަޅުގަނޑުގެ ސުވާލަށް އޭނާ ވަރަށް ސީދާސާދާ ޖަވާބެއް ދިނެވެ. އެއީ ޖަޕާނުގައި މުދައްރިސުންގެ ދުވަހެއް ފާހަގަނުކުރާ ކަމަށެވެ. މި ޖަވާބު އަޅުގަނޑަށް ގަބޫލުކުރަން ދަތިވިއެވެ."
އަހަރެންގެ ހިތަށްއެރިއެވެ. ދުނިޔޭގައި އިގްތިސޯދީގޮތުންނާއި، އުމުރާނީގޮތުން އަދި ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން މިހާ ކުރިއަރާފައި ގައުމެއްގައި މުދައްރިސުންނަށާއި އެމީހުންގެ މަސައްކަތަށް އެހާބޮޑު އަހަންމިއްޔަތުކަމެއް ނުދެނީ ކީއްވެބާއެވެ.
އެއްދުވަހަކު ސްކޫލްގެ މަސައްކަތްތައް ނިންމާލުމަށްފަހު ޔަމަމޯޓޯ އޭނާގެ ގެއަށް ދިއުމަށް އަހަރެންނަށް ދައުވަތު ދިނެވެ. އޭނާގެ ގެ ހުންނަނީ ޝަހަރުގެ ވަރަށް ދުރުހިސާބެއްގައި ކަމުން ކޮންމެދުވަހަކުވެސް ޔަމަމޯޓޯ ސްކޫލަށް އައިސްގޮސް ހަދަން ޖެހެނީ ބިމުއަޑީގެ ރޭލުންނެވެ. އެދުވަހުވެސް އަހަރެމެންނަށް ޖެހުނީ ބިމުއަޑީގެ ރޭލުން އޭނާގެ ގެ ހުންނަ ސަރަހައްދާ ހަމައަށް ދާށެވެ.
އޮފީސްތަކާއި އަދި އެހެނިހެން ތަންތާގެ ރަސްމީ މަސައްކަތުގަޑި ނިމޭ ވަގުތުކަމުން އެނބުރި ގެއަށް ދިއުމަށް އަރައި ތިބި މީސްތަކުންނައިގެން ރޭލުވެސް އޮތީ ފުރިބާރުވެފައެވެ. ވަރަށް ދަތިގޮތަކަށް ރޭލަށް އަރައި، މަތީގައި ހުރި އަތްގަނޑެއްގައި ހިފަހައްޓައިގެން ހުރީމެވެ. ކުއްލިއަކަށް އަހަރެމެންނާ ވަރަށް ކައިރީގައި ހުރި ގޮނޑިއެއްގައި އިން އުމުރުން ދުވަސްވީ ބޭބެއަކު ތެދުވެލާފައި އެ ގޮނޑީގައި އަހަރެން އިށީނުމަށް އެދުނެވެ. އޭ ބޭބެގެ ފަރާތުން އެފަދަ އިހުތިރާމްކުރުމާއި ހިތްހެޔޮކަން ފެނުމުން ނުހަނު އުފާވިއެވެ. އަދި އަހަރެންނަށްވުރެ އެ ގޮނޑި މުހިއްމު ވާނީ އެ ބޭބެއަށް ކަމަށް ބުނީމެވެ. އެހެންނަމަވެސް އެ ބޭބެ ކުރެއް ނުކުރިއެވެ. އަހަރެން ގޮނޑީގައި އިށީންނަންދެން އޭނާގެ އެދުން ތަކުރާރު ކުރަމުންދިޔައެވެ.
ދަތުރު ނިމުމާއެކު ރޭލުން ފޭބުމަށް ހިނގައިގަންނަމުން ޔަމަމޯޓޯ ކުރެން އަހަރެން ސުވާލުކުރީމެވެ. އެ އެންމެންގެ ތެރެއިން އަހަރެންނަށް ގޮނޑި ދިނުމަށް އެ ބޭބެ އެދުނީ ކީއްވެ ހެއްޔެވެ. އެވަގުތު ޔަމަމޯޓޯ އަހަރެންގެ ގަމީހުގެ ޖީބުގައި ހަރުކޮށްފައި ހުރި މުދައްރިސެއްކަން އަންގައިދޭ ބެޖާ ދިމާލަށް އިޝާރަތްކޮށްލިއެވެ. އަދި ބުންޏެވެ. އެ ބޭބެއަށް ތިބެޖު ފެނުމުން ތިޔައީ މުދައްރިސެއްކަން އެނގުނީއެވެ. އަދި މުދައްރިސަކަށް ހައްގުވާ ލޯތްބާއި އިހުތިރާމު ދިނުމުގައި އަވަސްވެގަތީއެވެ.
އެއީ އެކުވެރި ޔަމަމޯޓޯގެ ގެއަށް އަހަރެން ކުރި ފުރަތަމަ ޒިޔާރަތްކަމަށްވުމުން އޭނާއަށް ކޮންމެވެސް ހަދިޔާއެއް ގަތުމަށް އަހަރެން ބޭނުންވިއެވެ. އަދި ރަނގަޅު ފިހާރާއެއް ހުންނާނެ ދިމާލެއް ޔަމަމޯޓޯކައިރިން އެހީމެވެ. މުދައްރިސުންނަށް ހާއްސަ ޑިސްކައުންޓްތައް ލިބޭނެ ފިހާރަތައް އެ ސަރަހައްދުގައި ހުންނާނެކަމަށް އޭނާ ބުންޏެވެ. މުދައްރިސުންނަށް ވަކީން ހާއްސަކަމެއް ދެނީ ކީއްވެތޯ އަހަރެން އެހީމެވެ. އޭނާ ބުންޏެވެ. ޖަޕާނުގައި މުދައްރިސްކަމަކީ އެންމެ ގަދަރުވެރި މަސައްކަތެވެ. މުދައްރިސަކީ މުޖުތަމައުގައި އެންމެ ބޮޑަށް އިހުތިރާމު ލިބިގެންވާ މީހާއެވެ. ވިޔަފާރިވެރީން އެމީހުންގެ ފިހާރަތަކަށާއި އަދި އެނޫންވެސް ތަންތަނަށް މުދައްރިސަކު ޒިޔާރަތްކުރުމުން އެކަމާ ވަރަށް އުފާކުރާނެވެ. އަދި އެއީ އެމީހުންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމުގައި ދެކޭނެއެވެ.
ޖަޕާނަށް އަހަރެން ކުރި ޒިޔާރަތުން އެ ގައުމުގެ ރައްޔިތުން މުދައްރިސުންނަށް ކުރާ އިހުތިރާމާއި މުދައްރިސުންނާއި ދޭތެރޭ އޮންނަ ހިތްތެޔޮކަމާއި ލޯބި އަދި އެމީހުންނަށް ކުރާ އިތުބާރު ތަކުރާރުކޮށް އަހަރެން ތަޖުރިބާ ކުރީމެވެ. ރޭލުތަކާއި ބަހުގައި އަދި އެނޫންވެސް އާންމު ދަތުރުފަތުރު ކުރުމުގެ ނިޒާމުތަކުގައި މުދައްރިސުންނަށް ހާއްސަ ކުރެވިފައިވާ ޖާގަތައް ހުރެއެވެ. މުދައްރިސުންނަށް ހާއްސަކުރެވިފައިވާ ތަފާތު ޑިސްކައުންޓް އަގުތައް ފިހާރަތަކުގައި ހުރެއެވެ. ޓިކެޓް ނެގުމަށް ނުވަތަ އެހެންވެސް ކަމެއްގައި ކިޔުގައި މުދައްރިސުން މަޑުކުރާކަށް ނުޖެހެއެވެ.
ޖަޕާނުގައި މުދައްރިސުންގެ މަސައްކަތުގެ އަގު އެއީ އޭގެ އެންމެ މަތީ ދަރަޖައަށް ކޮންމެ ދުވަހަކު ވަޒަން ކުރެވޭ ކަމަކަށް ވީހިނދު މުދައްރިސުންގެ ދުވަހުގެ ނަމުގައި ވަކިން ހާއްސަ ދުވަހެއް ފާހަގަކުރުމުގެ މާނައެއް ނެތެން ނޫންތޯއެވެ.
މިވާހަކަ އަޅުގަނޑު އަލުން ކިޔައިދޭއިރު އަޅުގަނޑުގެ ހިތުގެ ފުންމިނުން އެދި ކުރެވޭ އުންމީދަކީ އަޅުގަނޑުމެންގެ މި މުޖުތަމައުވެސް މުދައްރިސުންނަށް އިހުތިރާމު ކުރުމުގައި ޖަޕާނާއި އަދި ދުނިޔޭގެ އެހެންވެސް ހޭލުންތެރި މުޖުތަމައުތައް ފަދައިން ވެގެން ދިއުމެވެ. މުދައްރިސުންނަށް މުޖުތަމައުގައި ހައްގުވާ އިހުތިރާމާއި ގަދަރު ލިބިގެން ދިއުމެވެ.
އެޑިޓަރުގެ ނޯޓު: އަހުމަދު އިނާދަކީ ރާއްޖޭގެ ސްކޫލެއްގެ އިނގެރޭސި ޓީޗަރެކެވެ.
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް