ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ 50 ޕަސަންޓް ފައިސާ، އެ ޕާޓީއަކަށް ވޯޓު ލިބޭ އަދަދަށް ބަލައިގެން ދޫކުރާ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީގެ މެންބަރު އަދި އެ ކޮމިޝަންގެ ތަރުޖަމާނު ހަސަން ޒަކަރިއްޔާ "ވަން" އަށް މިއަދު ވިދާޅުވީ އެގޮތަށް ބަޔާންކޮށް ޑްރާފްޓް ބިލެއް އީސީން ތައްޔާރުކޮށްފައިވަނީ މީގެ ދެ އަހަރު ކުރިން ކަމަށެވެ. އެއީ ޕާޓީތަކުން އެއްބަސްވެފައިވާ ގޮތަށް އެކުލަވާލި ޑްރާފްޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޑްރާފްޓު، އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާތީ މިއަދު އަނެއްކާ ވެސް ސިޔާސީ ޕާޓީތަކާ ބައްދަލުކޮށް، އެ ޑްރާފްޓާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ ޑްރާފްޓު ބިލުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތުން 50 ޕަސަންޓް ފައިސާ ދޫކުރުމަަށް ނިންމީ ކުދި ޕާޓީތަކުގެ މެދުގައި އިންތިހާބުތަކުގައި ވާދަކުރުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި ކަމަށެވެ.

"މީގެ ދެ އަހަރު ކުރިން އަޅުގަނޑުމެން ނިންމީ އެކަން. އެއީ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުގައި ވާދަކުރާ ޕާޓީތަކަށް ވޯޓު ލިބޭ އަދަދުން ޕާޓީތަކަށް ދޫކުރާ މި ފައިސާގެ 50 ޕަސަންޓް ދޫކުރުމަށް. ފައިސާ ދޫކުރުމުގައި ބަލާނީ ސިޔާސީ ޕާޓީތަކުން ކާމިޔާބުކުރާ ގޮނޑީގެ އަދަދަކަށް ނޫން، އެ ޕާޓީއަކަށް ލިބޭ ވޯޓުގެ އަދަދަށް، އެގޮތަށް ބަލާނީ" ޒަކަރިއްޔާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ބަޖެޓުން ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

ޒަކަރިއްޔާ ވިދާޅުވީ ޑްރާފްޓް ބިލުގައި ހިމަނާފައިވަނީ 3،000 ހަމަވާ ކޮންމެ ޕާޓީއަކަށް، ޕާޓީތަކަށް ދޫކުރާ ފައިސާގެ 25 ޕަސަންޓުން ފައިސާ ދިނުމަށް ކަމަށެވެ. އެއީ ކުދި ޕާޓީތައް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

އަދި އަނެއް 25 ޕަސަންޓް 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ދިނުމަށް ހިމަނައިފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޑްރާފްޓު ބިލު މި ހަފުތާ ތެރޭގައި އޭޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ.