ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަން ހުރަސްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ، 1،492،031 ފަތުރުވެރުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5،500 ފަތުރުވެރިން ރާއްޖެ އާދެއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެހެންވެ، އެ އަމާޒަށް ދާން މި މަހުގެ ބާކީ އޮތް ދެ ހަފުތާ އާއި ކުރިއަށް އޮތް ދެ މަހާ އެކު އިތުރު ފަސް ލައްކަ ޓޫރިސްޓުން އަންނަން ޖެހޭނެއެވެ.

މިވަގުތު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.

މިވަގުތު ރާއްޖޭގައި 62،908 ޓޫރިސްޓު އެނދު އޮޕަރޭޓް ކުރެއެވެ.