ފިރިހެން ގައިދީންނާއި ޖަލުގައި ބަންދުކޮށްފައި ތިބޭ ފިރިހެނުންގެ ބޮލާއި ތުނބުޅި ގަދަކަމުން ނުބޭލޭނެހެން ނުވަތަ ނުކޮށެނޭހެން އުސޫލު އިސްލާހު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ހުށަހަޅައިފިއެވެ.

ފިރިހެން ގައިދީންނާއި ޖަލުގައި ބަންދުކުރެވޭ މީހުންގެ ބޯކޮށުމާ ގުޅޭގޮތުން އަމަލުކުރަމުން ދަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހަދައިފައިވާ "ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވާއިދު" ދަށުންނެވެ. \

އެ ގަވާއިދުގައި ބަޔާންކޮށްފައި ވަނީ ޖަލުގައި ތިބޭ ފިރިހެން ގައިދީންނާއި ބަންދުކޮށްފައިވާ މީހުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ދެ ސެންޓިމީޓަރަށްވުރެ ތުނިކޮށް ކޮށާފައި ކަމަށެވެ. އަދި އެ މީހުންގެ ތުނބުޅި ހުންނަންވާނީ ދެ އިންޗިއަށް ވުރެ ދިގުނުވާ ވަރަށް ކޮށައިފައި ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މަތިމަސް ހުންނަންވާނީ ބާލާފައި ނުވަތަ ދެ ސެންޓިމީޓަރަށްވުރެ ދިގުނުވާ ގޮތަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

އެޗްއާރްސީއެމުން މިއަދު ވަނީ ފިރިހެން ގައިދީންނާއި ޖަލުގައި ބަންދުކުރެވޭ މީހުންގެ ބޯކޮށުމާ ގުޅޭ ޕޮލިސީ ރިވިއު ކުރުމަށްފަހު އެކަން ކުރާނެ ގޮތުގެ ހަ ހުށަހެޅުމެއް ހުށަހަޅައި، އެކަންތައްތައް އާންމުކޮށްފައެވެ.

އެޗްއާރްސީއެމުން ބުނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި، ޖަލުތެރޭގައި އަހުލާގު ބެހެއްޓުމަށް ކަނޑައަޅައިފައިވާ މިންގަނޑާ ހިލާފަށް ގައިދީންގެ އަމަލުތައް ބެހެއްޓުމަކީ ޖަލު ކުށެއް ކަމުގައި ކަނޑައަޅައިފައިވާ ކަމަށެވެ. ނަމަވެސް އެ ގާނޫނުގެ އެއްވެސް މާއްދާއެއްގައި ބޯކޮށުމަކީ އަހުލާގީ މިންގަނޑުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ބަޔާންކޮށްފައިނުވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ. އެހެންކަމުން ގައިދީންގެ ސުލޫކީ މިންގަނޑުގެ ތެރޭގައި ބޯކޮށުން ހިމަނައި އެއީ ޖަލު ކުށެއް ކަމުގައި ކަނޑައެޅުމުގެ ބާރު ލިބިގެންނުވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

"މި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކައް ބަލާއިރު ރުހުމަކާ ނުލައި ގަދަކަމުން ގައިދީއެއްގެ ބޯކޮށައި އަދި އެކަންކުރުމުގެ ތެރޭގައި ގައިދީއަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކޮމިޝަނުން ތަހުގީގުކޮށްފައިވެއެވެ. މީގެ އިތުރުން، މާފުށި ޖަލުގައި ކުރިއަށްގެންދާ ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރަމުންދާ ގައިދީއެއްގެ ނުރުހުމުގައި ގަދަކަމުން ބޯކޮށުމަށް މަޖުބޫރު ކުރުވަމުންދާ ކަމަށާއި އަދި ބޯކޮށުމަށް އިންކާރުކުރާ ނަމަ، ރިހިބިލިޓޭޓްވުމުގެ ފުރުސަތު ގެއްލޭ ކަމަށް ބުނެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާކަން ފާހަގަކުރަމެވެ،" އެޗްއާރްސީއެމުން ބުންޏެވެ.

  • ގައިދީން ބޯކޮށުމަކީ ސާފުތާހިރުކަމާ ގުޅުންހުރި ކަމެއް ކަމަށް ވާތީ، ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވާއިދުގެ 8 ވަނަ މާއްދާ، އެ ގަވާއިދުން އުނިކުރުން
  • ހަމަޖެހިފައިވާ އިންތިޒާމުގެ ތެރެއިން ބޮލުގެ އިސްތަށިގަނޑާއި ތުނބުޅިމަތިމަސް ކޮށުމަށް އެދުމަކީ އެ ގައިދީއެއް ނުވަތަ ބަންދުގައި ހުރި މީހެއްގެ އިހުތިޔާރީ ކަމެއްގެ ގޮތުގައި ގަވާއިދާއި އުސޫލުތަކުގައި ބަޔާންކުރުން
  • ގައިދީންނަށް ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި މަތިމަސްކޮށުމާއި ބޮލުގެ އިސްތަށިގަނޑު ބެލެހެއްޓުމަކީ ގައިދީންގެ ސާފުތާހިރުކަމާ ގުޅިފައިވާ ކަމެއްކަމުގައިވެފައި މިކަމަކީ އެއްވެސް ހާލަތެއްގައި އެ މީހެއްގެ އަބަދު އަހުލާގާ ނުވަތަ ސުލޫކާ ގުޅުވޭނެ ކަމެއްކަމުގައި ނުވާތީ، ގައިދީންނަށް ހިންގޭ ރިހިބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައާއި ގައިދީންނަށް ޕެރޯލްގެ ފުރުސަތު ދިނުމުގައި އަހުލާގީ މިންގަނޑުން ބަލައި އެ ކަންކަމަށް ރިއާޔަތް ނުކުރުން
  • ބަލިމަޑުކަމެއްގެ ސަބަބުން ޖަލުގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ނުވަތަ ގައިންގަޔަށް އަރާފަދަ ބަލިމަޑުކަމެއް ފެތުރިދާނެ ހާލަތުގައި ނުވަތަ ގައިދީއެއްގެ ސިއްހީ ސަބަބަކަށްޓަކައި މެނުވީ، އެއްވެސް ގައިދީއަކު ނުވަތަ ބަންދުކޮށްފައިވާ އެއްވެސް މީހެއްގެ ބޮލާއި ތުނބުޅި އާއި މަތިމަސް، އެ މީހެއްގެ ނުރުހުމުގައި އެއްވެސް މިންވަރަކަށް ގަދަކަމުން ކޮށައި ނުވަތަ ބާލައިގެން ނުވާނެކަން ގަވާއިދާ އުސޫލުތަކުގައި ބަޔާންކުރަން ހުށަހެޅުން. އަދި މިފަދަ ހާލަތްތަކުގައި ވެސް މިކަން ކުރެވޭނީ ޖަލުގެ ހެލްތު އޮފިސަރުގެ ލަފާގެ މަތިންކަން ބަޔާންކުރުން
  • ސިއްހީ މާހިރެއްގެ ލަފާގެމަތިން ގައިދީއެއްގެ ބޯކޮށައިރު އެފަރާތުގެ އިންސާނީ ކަރާމަތް އުނިކަމެއް ނާންނާނެ ފަދައިން އެކަން ކުރުމަށާއި އެގޮތަށް އެކަން ކުރާނަމަ ލިޔެކިޔުމުން އެކަން ރެކޯޑްކޮށް ބެލެހެއްޓުން
  • އެއްވެސް ގައިދީއެއް ދީނީގޮތުން ގަބޫލުކުރާ ގަބޫލުކުރުމެއްގެ ސަބަބުން ބޯކޮށުމަށް ނުވަތަ ތުނބުޅި ބޭލުމަށް އިންކާރު ކުރާ ހާލަތުގައި، ބޯކޮށުމަށް ނުވަތަ ތުނބުޅި ބޭލުމަށް މަޖުބޫރު ކުރުމެއް ނެތި އެކަންކަމަށް އިހުތިރާމް ކުރުން