އިއްޔެ ކަޒަކިސްތާނުގެ އެސްޓާނާގައި ފެށި 27 ވަނަ އައިޓީޓީއެފް އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ކިރިގިސްތާން ބަލިކޮށްފިއެވެ.

މިއަހަރުގެ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަށް ކުޅުންތެރިޔަކު ވާދަކުރަމުން ދެއެވެ. އެއީ ފިރިހެން ހަތަރެއް އަދި އަންހެން ހަތަރު ކުޅުންތެރިންނެވެ. ރާއްޖެއިން ވާދަކުރާ އަންހެން ޓީމުގައި ހިމެނެނީ ގައުމީ މުބާރާތް ދާދިފަހުން މިލްކު ކުރި ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތި ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްގެ އިތުރުން މިޝްކާ މުހައްމަދު އިބްރާހީމް އަދި ލައިސާ ފަތުހުﷲ އިސްމާއީލެވެ.

ފިރިހެން ޓީމުގައި ހިމެނެނީ ގައުމީ މުބާރާތް ހޯދި އަހްޔަރު އަހުމަދު ހާލިދާއި މޫސާ މުންސިފް އަހުމަދުގެ އިތުރުން މުހައްމަދު ޝައްފާން އިސްމާއީލް އަދި ޒީކް ހަސަން ލަތީފެވެ.

މުބާރާތުގެ ޓީމް އިވެންޓް އިއްޔެ ފެށިގެން ކުރިއަށްދާ އިރު، ފިރިހެން ޓީމް ހިމެނުނީ ގްރޫޕް އެކެއްގައެވެ. އެ ގްރޫޕްގައި ދެން ވާދަކުރަނީ ސިންގަޕޫރާއި ގަތަރެވެ. އިއްޔެ ފިރިހެން ޓީމްގެ މެޗުތައް ކުރިއަށް ގޮސްފައިވާ އިރު، ރާއްޖެ، ގަތަރު ކައިރިން ބަލިވީ 3-1 ގޭމުންނެވެ. އޭގެ އިތުރުން ސިންގަޕޫރު ކައިރިން ބަލިވީ ސީދާ ތިން ގޭމުންނެވެ.

އަންހެން ޑިވިޝަނުގެ ޓީމް އިވެންޓްގައި ރާއްޖެ ހިމެނުނީ ގްރޫޕް ހަތަރެއްގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ އުޒުބެކިސްތާނާއި ޗައިނީސް ޓައިޕޭ އަދި ކިރިގިސްތާނެވެ.

ރާއްޖެއިން ވަރުގަދަ ޗައިނީސް ޓައިޕޭ އަތުން ސީދާ ތިން ގޭމުން ބަލިވި އިރު، އުޒުބެކިސްތާން ކައިރިން ބަލިވީ 3-1 ގޭމުންނެވެ. އެ މެޗުގައި ރާއްޖެއަށް ގޭމެއް ހޯދައިދިނީ ދީމާއެވެ. އެއީ އަރުޖާން ކަމަލޯވާއާ ދެކޮޅަށް ކުޅެ ސީދާ ތިން ސެޓުންނެވެ. ދީމާ އެ ގޭމްގެ ސެޓުތައް ގެންދިޔައީ 11-8، 11-4 އަދި 11-8 އިންނެވެ.

ރާއްޖެއިން އިއްޔެ ކުޅުނު ފަހު މެޗުގައި ކިރިގިސްތާން ބަލިކުރީ 3-1 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމްގައި ދީމާ ނުކުތީ ކިރިގިސްތާނުގެ ސައީދާ ކުޑުސޯވާއާ ދެކޮޅަށެވެ. އެ ގޭމް 3-2 އިން ރާއްޖެއަށް ގެއްލުނު ނަމަވެސް ދެން ޖެހިގެން އައި ގޭމް ރަފާ ވަނީ 3-2 އިން ކާމިޔާބު ކޮށްފައެވެ. އެއީ ރަމީދާ އަބްދިމިތަލިޕޯވާއާ ދެކޮޅަށް ކުޅެގެންނެވެ.

ގޭމްގެ ފުރަތަމަ ދެ ސެޓު ރަފާ އަތުން 11-3، 11-7 އިން ގެއްލުނު ނަމަވެސް ދެން ކުޅުނު ތިން ސެޓު ރަފާ ވަނީ 11-5، 13-11 އަދި 11-8 އިން ގެންގޮސްފައެވެ.

އޭގެފަހުން ތިންވަނަ ގޭމްގައި މިޝްކާ ވަނީ 3-0 ސެޓުން ރައިއާނާ މުރަތަލިއެވާ ބަލިކޮށްފައެވެ. އެއީ 11-4، 11-6 އަދި 12-10 އިން ސެޓުތައް ގެންގޮސްގެންނެވެ. ރާއްޖެއިން މެޗު ކާމިޔާބުކުރީ ހަތަރު ވަނަ ގޭމް 3-0 ކާމިޔާބު ކޮށްގެންނެވެ. އެ ގޭމްގައި ދީމާ ވަނީ 11-8، 11-5 އަދި 11-7 އިން ސެޓުތައް ގެންގޮސްފައެވެ.

ފިރިހެން ޑިވިޝަންގެ ޓީމް އިވެންޓްގެ އިތުރުން އަންހެން ޑިވިޝަންގެ ޓީމް އިވެންޓުން ވެސް ރާއްޖެ ނޮކްއައުޓް ބުރަށް ދަތުރު ކޮށްފައެއް ނުވެއެވެ.