ނުރައްކާތެރިކޮށް ބާރަށް ލޯންޗުތަކެއް ދުއްވި މައްސަލައާ ގުޅިގެން ތިން ކެޕްޓަނެއްގެ ލައިސަންސް ވަގުތީގޮތުން ހިފަހައްޓައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އެ ތިން މީހުންގެ ލައިސަންސް ހިފަހައްޓައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

މިހާރު ކުރިޔަށްދަނީ އެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލައާ ގުޅިގެން އަޅާނެ ދާއިމީ ފިޔަވަޅެއް ނިންމާނީ އެ މިނިސްޓްރީން" ފުލުހުން ބުންޏެވެ.

ފުލުހުން ހޮނިހިރު ދުވަހު ބުނެފައިވަނީ ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވާ މަންޒަރު ފެންނަ ވީޑިއޯ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އެ ވީޑިއޯގައި ހިމެނޭ ލޯންޗުތަކަކީ މި އަހަރުގެ އޮގަސްޓުގެ 13 ވަނަ ދުވަހު އއ. އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއް ކަމަށް ފުލުހުން ހޯދި ހޯދުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.