ދިވެހި ފުޓުބޯޅަ މިވަގުތު އޮތް ހާލަތު އިތުރަށް ބަޔާންކޮށްދީ، ތަފްސީލު ކޮށްދޭކަށް ނުޖެހޭނެއެވެ. މިއިން ޒަމާނެއްގައި ވެސް ނުދާ ހިސާބަށް ފުޓުބޯޅަ ސޮއްސާލައިފިއެވެ. ހަމައެކަނި ފުޓުބޯޅަ 'ފުނޑުނީ"އަކީ ނޫނެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މެދުވެރިވެ، މުޅި ރާއްޖޭގެ ފުޓުބޯޅަ ހަލާކުކޮށްލުން އޮތްތަނުގައި ބާއްވާފައި، އެ އިދާރާ މެދުވެރިވެ ހިންގާފައިވާ ޖަރިމާތަކުންވެސް "ފިއްކަނޑައިގެން" ދާވަރުވެއެވެ. މައްސަލަ ނިއުޅެމުންދާ ދިއުމުގައި ފެންނަމުންދަނީ ހުސް ލަދުގަންނަން ޖެހޭ މަންޒަރުތަކެވެ. ދިވެހި ރާއްޖެއާ ހަމައިން މިކަން ނުވެސް ހުއްޓޭނެ ކަމަށް ބުނާތީ އެބަ އިވެއެވެ. ޔަގީނުންވެސް ކުޅިވަރުގެ ބޮޑު ހަޑިއެއްގެ ގޮތުގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށްވެސް އަތުވެއްޖެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން، އެފްއޭއެމްގެ ފައިސާއަށް އެތައް ގޮތަކުން ހިޔާނާތްތެރިވުމުގެ ތުހުމަތުގައި މިވަގުތު ބައްސާމްގެ ތަފާތު އެކި މައްސަލަތައް އަންނަނީ ތަހުގީގުކުރަމުންނެވެ. ފީފާއިން ދާދިފަހުން އެފްއޭއެމް ނޯމަލައިޒް ކޮށްފައިވާ އިރު، އެ އިދާރާގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހުމަދު ޒުހޫރު ދާދިފަހުން ވިދާޅުވީ ދަރަނި 85 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެ ކަމަށެވެ. އެހިސާބުން ނިމުނީކީ ނޫނެވެ. އެ ދަރަނި މުޅި ދިވެހި ފުޓުބޯޅަ އާއިލާއާ ހަވާލުކޮށް، ބައްސާމް ފައިބައިގެން ދިޔައީ އެކައުންޓްތައް އެއްކޮށް ހުސްކޮށްލައިގެންނެވެ. އެފްއޭއެމްގެ އެތައް ފައިސާއެއް އަމިއްލަ ބޭނުމަށް ބޭނުންކޮށް، އެފްއޭއެމްއިން ލަގްޒަރީ ދިރިއުޅެއް ހޯދައިގެންނެވެ. މިއަދު އޮތީ އެ މައްސަލަތައް ހަރުކަށިކޮށް ބަލަން ޖެހޭ ހިސާބަށް ގޮސް، ދުލެއް ނުދީ ފިޔަވަޅު އަޅަން މަޖުބޫރުވެފައެވެ.
ބައްސާމްގެ ހިޔާނާތުގެ މައްސަލައިގެ ބައެއް ފީފާއިންވެސް ތަހުގީގުކުރަމުން އަންނައިރު، ޖޫން މަހުގެ ތެރޭގައި އެ އިދާރާއިން ވަނީ ބައްސާމް ނުވަ މަސް ދުވަހަށް ފުޓުބޯޅައިން ސަސްޕެންޑް ކޮށްފައެވެ. ފީފާއިން އެފަހަރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބައްސާމް ސަސްޕެންޑް ކުރަން ނިންމާފައި ވަނީ އިންވެސްޓިގޭޓަރީ ޗެމްބާއިން އެންގި އެންގުމަކާ ގުޅިގެންނެވެ. އެ ޗެމްބާއިން ބައްސާމް ސަސްޕެންޑް ކުރަން އެދިފައި ވަނީ ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހިންގަމުންދާ ބައްސާމްގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތަހުގީގާ ގުޅިގެންނެވެ. އޭގެ އިތުރުން ފީފާ ފަންޑުން ނާޖައިޒު ބޭނުންތައް ހިފައި، އެ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަވެސް ބަލަމުން އަންނައިރު، މިދިޔަ އަހަރު އޮކްޓޯބަރު މަހު ފުލުހުން އެފްއޭއެމް ހައުސްއަށް ވަން ވަނުންވެސް އިންވެސްޓިގޭޓަރީ ޗެމްބާއިން ވަނީ ފާހަގަކޮށްފައެވެ.
އެއީ ބައްސާމްގެ ފިޔަވަޅުގެ ކޮޅުމަތި ކަމަށް ބަލަމާ ހިނގާށެވެ. އޭގެ ފަހުން ރާއްޖޭގެ ފުލުހުންނާއި ޕީޖީން ވަނީ ބައްސާމްގެ އިތުރު ބޮޑު މައްސަލައެއް ފެންމަތި ކޮށްފައެވެ. ފުލުހުން އިސްކަންދަރު ކޮށީގައި މިދިޔަ މަހު 18 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނަމިކް ކްރައިމް އިންވެސްޓިގޭޝަންގެ ޑިޕާޓްމަންޓުގެ ފަރާތުން ސަބް އިންސްޕެކްޓަރު އަހުމަދު ސަވާދު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ފުޓްބޯޅަ ކްލަބުތަކަށް ދިމާވި މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފީފާއިން ވަނީ އެފްއޭއެމްއަށް 1.9 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދޫކޮށްފައި ކަމަށެވެ. އެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ބޭނުންކޮށްގެން ބައްސާމް ވަނީ އަމީން އެވެނިއުއަށް ފައިސާ ދައްކައިފައި ކަމަށެވެ.
އަހުމަދު ސަވާދު ވިދާޅުވީ އެ ފައިސާއަކީ އަމީން އެވެނިއުއިން އެޕާޓްމެންޓެއް ގަތުމަށް ބައްސާމް ދެއްކި ފައިސާ ކަމަށްވިޔަސް މަސައްކަތް ކޮށްފައިވަނީ އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ކަމަށެވެ. އެގޮތުން އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމް އަށް ދީފައި ނުވި ނަމަވެސް އެ ފައިސާ ދިންކަން ދެއްކުމަށް ލިޔުންތައް ހަދާފައިވާ ކަމަށް އަހުމަދު ސަވާދު ވިދާޅުވިއެވެ.
"މި ދެންނެވި މުއާމަލާތަކީ ކޮވިޑް ރިލީފް ލޯނެއްގެ ގޮތުގައި އެފްއޭއެމްއަށް 2021 އެޕްރީލް 14 ވަނަ ދުވަހު ފީފާއިން ޖަމާކޮށްފައިވާ 1،019،950 ޔޫއެސް ޑޮލަރުގެ ތެރެއިން އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ފައިސާއެއްކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. މިހާތަނަށް ބެލި ބެލުމުން މި މުއާމަލާތާ ގުޅޭ ދިވެހި ރުފިޔާ ދައްކާފައިވާކަން ދެއްކުމަށްޓަކައި ލިޔެކިޔުން ތައްޔާރުކޮށްފައިވާކަން ވެސް ވަނީ ފާހަގަ ކުރެވިފައި. މި ފައިސާ އެފްއޭއެމަށް ލިބިފައިވާކަން ދެއްކުމަށްޓަކާ ކުންފުންޏެއް މެދުވެރިކޮށް، ލޯނު ނަގާފައިވާކަން ވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ. އަދި މި ލޯނުގެ ފައިސާގެ އަދަދާއި އަމީން ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ފައިސާ ދައްކާފައިވާ ރިސިޕްޓުތަކުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދާ ދިމާވާކަން ވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ،" ސަވާދު ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ. އަދި ކުންފުންޏެއްގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވެއެވެ. އެއީ ބައްސާމްގެ އިތުރުން މ. ހިރިނައިދޫ ހަސަން ވަހީދާއި ގއ. ގެމަނަފުށީ ފެހިކުރި، މުހައްމަދު އަގީލްގެ މައްޗަށާއި، އަމީން ކޮންސްޓްރަކްޝަންގެ މައްޗަށެވެ. އެ ފަރާތްތަކަށް ތުހުމަތުކުރެވެނީ އޮޅުވާލުމާއި މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ކުށް ކަމަށް ފުލުހުން ބުންޏެވެ.
އެޕާޓްމަންޓްގެ މައްސަލައިގައި ކޯޓުން ވަނީ ބައްސާމްގެ މައްޗަށް އަމުރެއްވެސް ކޮށްފައެވެ. ކޯޓުން ފުރަތަމަ އަމުރު ކޮށްފައި ވަނީ އިއްޔެގެ ކުރިން އެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށެވެ. އޭގެފަހުން އެ ދެ އެޕާޓްމަންޓު ހަވާލުކުރުމަށް މި މަހުގެ ނިޔަލަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުންގެ ފަރާތުން ސިޓީއަކުން ފުލުހަށް އެދުނެވެ. އެއީ އަނބިދަރިން ވަންނާނެ އިތުރު ތަނެއް ނެތުމުން ކަމަށްވެސް ބައްސާމް ވިދާޅުވެފައިވެއެވެ.
އޭގެފަހުން އެ ސިޓީއަށް ރިއާޔަތްކޮށް، ސިޓީގައި އެދިފައިވާ މުއްދަތަށް އެޕާޓްމަންޓް ހުސް ކުރުމަށް ފުރުސަތު ދީފައިވާ ކަމަށާއި އެކަން ލިޔުމުން ބައްސާމަށް އަންގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އޭރު ބުނީ، އެޕާޓްމަންޓްތައް ފުލުހުންނާ ހަވާލުކުރުމުގެ ކޯޓު އަމުރުގައި އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް އަމުރުކޮށްފައިވާ ކަމަށާއި އެޕާޓްމަންޓް ތަކަކީ ބޮޑެތި މީހުންނާއި ކުޑަކުދީން ވެސް ދިރިއުޅެމުން އަންނަ އެޕާޓްމަންޓްތަކަކަށް ވާތީ، ހާލަތަށް ރިއާޔަތްކުރުމުގައި އެކަންކަންކަމަށް ބަލާފައިވާނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު ފުލުހުން ވަނީ އެ ނިންމުން އަނެއްކާވެސް ބަދަލުކޮށް، މިރޭ 12:00ގެ ކުރިން އެޕާޓްމަންޓް ހަވާލުކުރަން އަންގައިފައެވެ.
ބައްސާމްގެ އެޕާޓްމަންޓް މައްސަލައިގައި ކުރީގެ ކުޅުންތެރީންނާއި ކޯޗުންވެސް ފާޑު ކިޔާފައިވާ އިރު، ކޮވިޑްގެ އެ ދުވަސްވަރަކީ އެތައް ކުޅުންތެރިންނެއް މަގުމަތިވާން ދިމާވި ހާލަތެކެވެ. ފުޓުބޯޅަ ހުއްޓި، އެތައް ކުޅުންތެރީންނެއް މާލެ ދޫކޮށް ރަށްރަށަށްވެސް ބަދަލުވެފައިވެއެވެ. އެ ހާލަތުގައި ބައްސާމްގެ ލަގްޒަރީ، އެޕާޓްމަންޓް ގަތުމަކީ މިއަދު އޭނާ ހުރި ހާލަތަށް އަންނަން ޖެހުނު ސަބަބު ކަމަށް ފުޓުބޯޅައިގެ އިސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
ރާއްޖޭގެ ފުޓުބޯޅަ ހާލަތު ބިނާވެފައި އޮންނަ ގޮތުން މިވަގުތަށް އެފްއޭއެމްގެ ކޮންޓްރޯލް އޮތީ މާލެއަށް ބަރޯސާވެފައި އޮންނަ ކްލަބުތަކެއްގެ އަތްމަތީގައެވެ. ޒޯންތަކަށް ބަހާލައިގެން އެފްއޭއެމްގެ އިލެކްޓޯރަލް ނިޒާމް ގާއިމުކުރުމަށް މީގެ ކުރިން މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، އެކަން ކުރަން އަދި އަސާސީ ގަވާއިދު ބައްޓަންވެފައެއް ނުވެއެވެ. އޭގެ ނަތީޖާ ހިތިވެސް މެއެވެ.
"ރާއްޖޭގެ ފުޓުބޯޅައަށް ވެގެން މިއުޅޭ ގޮތަކީ، ކައިރީގައި އޮތް ކްލަބުތަކަށް ބައްސާމްގެ އެހީތެރިކަން ލިބި، އެ ފައިސާގެ ބޭނުންވެސް ޖެހޭތީ، އެ ހުރިހާ ކަމެއް ހިންގަމުން ދިޔައިރުވެސް ކްލަބުތައް ތިބީ ބީރު ކަންފަތެއް ދީގެން. އެހެންވެ މިއަދު އޮތް ހާލަތަށް ދާން ޖެހުނީ. ވިކްޓަރީއާއި ނިއު ރޭޑިއަންޓް ކަހަލަ ސަޕޯޓަރުންގެ ކޮންމެވެސް ވަރެއްގެ ބާރެއް ހިނގި، އެފްއޭއެމްގެ އެ ކަންކަމާ ދެކޮޅު ކްލަބުތައް ފަސޭހަ ގޮތަކަށް ސަސްޕެންޑްކޮށްލައިގެން އެހިސާބުން ބައްސާމް ހުރީ ވެރިކަމުގައި. އެއީ މިހާލަތަށް ވެއްޓުނު ސަބަބު. އެކަމުގައި ކްލަބުތަކަށް ފައިނަގަންވެސް ނުކެރުނީ،" ކްލަބެއްގެ އިސް އޮފިޝަލަކު "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
ބައްސާމްގެ ހިޔާނާތަށް ކްލަބުތަކުންވެސް ވިސްނަން ޖެހެއެވެ. އޭނާގެ އެފްއޭ އެކްސްކޯގައި ކްލަބުތަކުގެ އިސްވެރިންވެސް ބޮޑެތި މަގާމުތަކުގައި ތިއްބެވެ. އެ ދުވަސްތަކުގެ ތެރެއިން މިހާރު ފެންމަތިވެފައިވާ ހިޔާނާތްތައް ހިންގަމުން ދިޔަ ދިޔުމަކީ މުޅި ފުޓުބޯޅައިގެ ނިޒާމް ފުނޑެން މެދުވެރިވި ސަބަބެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް ހުނަރުވެރި ކުޅުންތެރިންނެއް ތިބި ނަމަވެސް، ހުނަރު ދައްކާލެވޭނެ ޕްލެޓްފޯމެއް އެފްއޭއެމްއަށް ގާއިމު ކުރެވިފައެއް ނެތެވެ. އެފްއޭއެމްއަށް ގްރާސް ރޫޓް ޕްރޮގްރާމެއްވެސް ހިންގިފައެއް ނެތެވެ. އެކަޑެމީތަކާއި އަމިއްލަ ޖަމިއްޔާތަކުގެ މުބާރާތްތަކުން ފުޓުބޯޅަ ދިރިއޮތް ނަމަވެސް، މިވަގުތު ގައުމީ ޓީމުގެ ކުޅުންތެރީންނަށް ފައިސާ ހޯދެން އޮތް ހަމައެކަނި މަގަކީވެސް އަތޮޅުތެރޭގެ މުބާރާތްތައް ކުޅުމެވެ.
"މިހާރަކު އެފްއޭއަށް ވަންނަ ފައިސާއަކަށް އަތްލެވޭނެ ނުރަނގަޅު ގޮތެއް ނޯންނާނެ. މިހާރުވެސް ކުރިއަށް އޮތް ތަނުގައިވެސް ކޮރަޕްޝަނުގެ މައްސަލައެއް ނޯންނާނެ. އަޅުގަނޑުމެން ހިޔާނަތްތެރިވެފައިވާ ނަމަ، މިއަހަރުވެސް އޭއެފްސީއާއި ފީފާގެ ފަންޑިންނެއް ނުލިބޭނެ. އެބޭފުޅުން ދޭތެރެއަކުން މިކޮޅަށް ސަޕްރައިސް ވިސިޓްވެސް ކުރާނެ. އަޅުގަނޑު މިދޭތެރެއިން ގައުމުން ބޭރުގައި ހުއްޓައި، ޖެނެރަލް ސެކްރެޓަރީ ވިދާޅުވި ފީފާގެ އޮޑިޓަރުން އައިސް އެބަ ތިއްބޭ. އެއީ ހަމަ މެއިލެއްވެސް ނުކޮށް ސަޕްރައިސް ވިސިޓެއް އެ ކުރީ. އިރާދަކުރެއްވިއްޔާ އެބޭފުޅުން އައިސް ބެލިބެލުމުގައި ހުރިހާ ކަމެއް ރަނގަޅަށް އޮތީ،" ބައްސާމް 2023 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަށްފަހު ނޫސްވެރީންގެ ކުރިމައްޗަށް އަރާވަޑައިގެން ވިދާޅުވިއެވެ.
އެހެން އެ ވިދާޅުވި ވިދާޅުވުމުން ދޭހަވީ ފީފާއާއި އޭއެފްސީއަށްވެސް ބަރޯސާ ވެވެން ނެތްކަމެވެ. ތަން ހުސްވެގެން މިއަދު އެވާހަކަ ދައްކަން ޖެހުނު އިރު، އެތައް އޮޑިޓެއް ކުރި ކަމަށް އެފްއޭއެމްއިން ފާހަގަކުރިއެވެ. އެހެން ނަމަވެސް އެއިން އޮޑިޓަކަށް ހިލަމެއް ނުވެ، އެފްއޭއެމް މިހާރު ވެފައި ވަނީ ދުނިޔޭގެ ކުރިމަތީގައިވެސް އެންމެ ބޮޑު އެއް ކޮރަޕްޝަންގެ ހާއްޔަށެވެ.
ބައްސާމްގެ މައްސަލަ ފީފާއިން މިވަގުތުވެސް ތަހުގީގުކުރަމުން އަންނައިރު، ޕީޖީއާއި ފުލުހުންގެ ތަހުގީގުންވެސް ބައްސާމްގެ ސަސްޕެންޝަނަށް އަސަރުކުރާނެ ކަން ޔަގީނެވެ. ފީފާއިން އޮތީ އެކަން މާ ކުރިންވެސް އަންގައިފައެވެ. ބައްސާމްގެ މައްސަލައިގައި ފީފާއާއި ނޯމަލައިޒޭޝަން ކޮމިޓީވެސް ޕީޖީއާ ބައްދަލުކޮށް، އެފްއޭގެ ހިޔާނާތްތައް ސާފުކުރަމުންދެއެވެ. މިހާރު އޮތް ހާލަތުންވެސް ބައްސާމް ފުޓުބޯޅައިން މުޅި އުމުރަށް ސަސްޕެންޑް ކުރަން ލާޒިމެވެ. ރާއްޖެއިން އެ ފިޔަވަޅު އެޅުމުގެ އިތުރުން ދުނިޔޭގެ ފެޑަރޭޝަނުންވެސް އެފިޔަވަޅު އަޅާން ޖެހެއެވެ. މީގެ ކުރިންވެސް ކޮރަޕްޝަންގެ މައްސަލަތަކުގައި މާ ބޮޑެތި އަދަބުތައް ދީފައިވެއެވެ.
ދާދިފަހުން ބަންގްލަދޭޝް ފުޓުބޯޅަ ފެޑަރޭޝަންގެ އިސް އޮފިޝަލަކުވެސް އުމުރު ދުވަހަށް ފުޓުބޯޅައިން ސަސްޕެންޑް ކޮށްފައިވަނީ މިހާރު ހިނގަމުންދާ މައްސަލައަކަށްވުރެ މާ ކުޑަކުޑަ މައްސަލައެއްގައެވެ. ފީފާގެ ރައީސް ކަމަށް ކުރިން ވާދަކުރެއްވި މުހައްމަދު ބިން ހައްމާމަށްވެސް އުމުރު ދުވަހުގެ ސަސްޕެންޝަނެއް އައިސްފައިވެއެވެ. އޭގެ އިތުރުން މެޗު ފިކްސް ކުރި އެތައް ކުޅުންތެރީންނަކާއި ކޯޗުންނަކަށްވެސް އުމުރުދުވަހުގެ ސަސްޕެންޝަން އައިސްފައިވާ އިރު، ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ އާއި ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލަޓީނީއަށްވެސް ފިޔަވަޅު އެޅީ ނިސްބަތުން މަދު އަދަދެއްގެ ކޮރަޕްޝަން ސާބިތުވެގެންނެވެ. އެއީ ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރުގެ ހިޔާނާތެއްގެ މައްސަލަ ސާބިތުވެގެންނެވެ.
ބައްސާމްގެ މައްސަލަ ޔަގީނުންވެސް ދުނިޔޭގެ ސަމާލުކަމަށް އަންނާނީ ފުޓުބޯޅައިގެ އެންމެ ހަޑި އެއް މައްސަލައިގެ ގޮތުގައެވެ. ހާއްސަކޮށް އޭރުގެ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފިހިފުން ވެގެންދާނީ ރާއްޖޭގެ ކުޅިވަރު ތާރީހުގައިވެސް ފެނުނު އެންމެ ކަޅު އެއް ސަފުހާ ކަމުގައެވެ. މިހާރު އޮތް ހާލަތުންވެސް ބައްސާމް އުމުރަށް ފުޓުބޯޅައިން ބޭރު ކުރަން ޖެހެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް