ނެދަލޭންޑްސްގެ ރަން ޖީލުގެ ފުޓުބޯޅަ ލެޖެންޑް، ޔޯހަން ނީސްކެންސް އުމުރުން 73 އަހަރުގައި މަރުވެއްޖެއެވެ.

ނެދަލޭންޑްސް ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ދުވަސްވަރު ކަމަށްވާ 1970 ގެ ތެރޭގައި ވިދާލި ނީސްކެންސް މަރުވިކަން އެ ގައުމުގެ ފުޓުބޯޅަ އިދާރާއިން ރޭ ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. ނީސްކެންސްއަކީ އަޔެކްސްގެ އިތުރުން ނެދަލޭންޑްސްގެ ގައުމީ ޓީމާއެކު "ޓޯޓަލް ފުޓްބޯލް"ގެ ފެށުމުގައި ހިއްސާވާ ކުޅުންތެރިޔެކެވެ.

ދުނިޔޭގެ ފުޓުބޯޅަ ސްޓައިލަށް ބޮޑު ބަދަލެއް ގެނެސްދިން "ޓޯޓަލް ފުޓްބޯލް"ގެ އެއް މޭސްތެރިޔާގެ ގޮތުގައި ނީސްކެންސް ހިމެނިފައިވާ އިރު، އޭނާ ވަނީ އަޔެކްސްއާއެކު ޔޫރަޕިއަން ކަޕް ތިން ފަހަރު ހޯދައި، ނެދަލޭންޑްސް ލީގު ދެފަހަރު ކާމިޔާބު ކޮށްފައެވެ. ގައުމީ ޓީމަށް 49 މެޗު ކުޅެފައިވާ ނީސްކެންސް ވަނީ އެ ގައުމާއެކު 1974 އަދި 1978 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލަށް ދަތުރު ކޮށްފައެވެ. އެ ދެފަހަރުވެސް ނެދަލޭންޑްސް ނިންމާލީ ރަނަރަޕް ޓީމުގެ ގޮތުގައެވެ.

ނެދަލޭންޑްސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު ނީސްކެންސް ވަނީ ބާސެލޯނާއަށް ކުޅެގެންވެސް ކާމިޔާބީތައް ހޯދައިފައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބާއެކު ޔޫރަޕިއަން ކަޕް ވިނާސް ކަޕްގެ އިތުރުން ކޮޕާ ޑެލް ރޭވެސް ކާމިޔާބު ކޮށްފައެވެ.

ނީސްކެންސް 1991 ވަނަ އަހަރު ފުޓުބޯޅައިން ރިޓަޔާކުރުމަށްފަހު ކޯޗިންގައިވެސް ފެނިގެން ދިޔައެވެ. އޭނާ ވަނީ 1995 އިން 2000 ވަނަ އަހަރާ ހަމައަށް ނެދަލޭންޑްސް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކޮށްފައެވެ.