އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (ސާގަރް)" ގެ ތަސައްވުރުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށް އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އެހެން ވިދާޅުވެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައި މިރޭ ބޭއްވި ބައްދަލުވުމުގައެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ރައީސް ވަނީ، ރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވާފައި ކަމަށާއި އިންޑިއާއިން ގެންގުޅޭ "ނޭބަހުޑް ފަސްޓް" ސިޔާސަތުގައްޔާއި، ބޮޑުވަޒީރު މޯދީގެ "ސާގަރް"ގެ ތަސައްވުރުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށް އެކަމަނާ ވިދާޅުވި ކަމަށެވެ.

އެގޮތުން ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއަކީ ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު އުމްރާނީ މަޝްރޫއުކަން ފާހަގަކުރައްވައި، އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށް ދޭ އެހީ ފަރުމާކޮށްފައިވަނީ، އޭގެ ފައިދާ ރައްޔިތުންނަށް ފޯރާނެ ގޮތަށް ކަމަށް ރައީސް މުރުމޫ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ މިއަދު އިއުލާންކުރި "ކޮމްޕްރިހެންސިވް ސެކިއުރިޓީ އެންޑް މެރިޓައިމް ޕާޓްނާޝިޕް" ގެ ދަށުން، ދޭދޭ ގުޅުން ހަރުދަނާކުރާނޭ އާ އޮނިގަނޑެއް ބިނާކުރެވޭނޭ ކަމަށްވެސް އެކަމަނާ ވިދާޅުވި ކަމަށާއި އަދި ރާއްޖެ ތަރައްގީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގައި އިންޑިއާ ދެމި އޮންނާނެކަމުގެ ޔަގީންކަން ވެސް ދެއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ، އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދެއްވީތީ އިންޑިއާގެ ރައީސަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ގައުމުގެ ދެމެދުގައި މުތަގާބިލު މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި ކަމަށާއި އެގޮތުން ތައުލީމާއި، ބިނާރާއި، ފަތުރުވެރިކަން އަދި ސިއްހީ ދާއިރާ ހިމެނޭނޭ ފަދައިން ގިނަ ދާއިރާތަކުން ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި އިންޑިއާއިން އަދާކުރާ ހައްސާސް ދައުރުގެ މައްޗަށްވެސް އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު އަލިއަޅުއްވާލި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކުރިއަށް އޮތް ތަނުގައި، ދެ ގައުމުގެ ދެމެދުގައި ގާއިމުވެފައިވާ ގުޅުން އިތުރަށް ހަރުދަނާކޮށް، މި ފުރަމާނަ ދަތުރުފުޅުގައި ފެށި މުއާމަލާތްތައް އެދެވޭ ގޮތެއްގައި ކުރިއަށްގެންދިއުމަށް ރައީސް މުއިއްޒާއި ރައީސް ދުރުޕަދީ މުރުމޫ، އެ ބައްދަލުކުރެއްވުމުގައި އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބައްދަލުކުރެއްވުން ނިންމަވައިލެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ، ރާޝްތުރަޕަތީ ބަވަންއަށް ޒިޔާރަތްކުރައްވާ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފައެވެ.