ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ދައުވަތު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގަބޫލުކުރައްވައިފިއެވެ.
މޯދީ ރާއްޖެ ވަޑައިގަތުމަށް ރައީސް މުއިއްޒު ދައުވަތު އެރުވީ މިހާރު އެމަނިކުފާނު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުގެ ތެރެއިން މޯދީއާ ބައްދަލުކުރެއްވުމަށްފަހު ދެ ބޭފުޅުން އެކުގައި މިއަދު ދެއްވި ޕްރެސް ސްޓޭޓްމަންޓެއްގައެވެ.
ރައީސް ވިދާޅުވީ، ބޮޑުވަޒީރު މޯދީއަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު ޑިޕޮލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވަނީ ރައީސް މުއިއްޒު ދެއްވި ދައުވަތު މޯދީ ގަބޫލުކުރެއްވިކަން ކަށަވަރުކޮށްދެއްވައިފައެވެ.
"ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ޑެލިގޭޓަށް ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވާފައި. އަންނަ އަހަރު ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ވެސް ދައުވަތު ދެއްވި. ބޮޑުވަޒީރު ވަނީ އެ ދައުވަތު ގަބޫލުކުރައްވާފައި. އެ ދަތުރުފުޅު ކުރައްވާނެ ތާރީހެއް ޑިޕްލޮމެޓިކް މަޝްވަރާތަކުން ނިންމަވާނެ،" އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވިއެވެ.
އަންނަ އަހަރުގެ ދަތުރު ވެގެންދާނީ ބޮޑުވަޒީރުކަމުގައި މޯދީ ރާއްޖެއަށް ކުރައްވާ ތިންވަނަ ދަތުރުފުޅަށެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވި ރަސްމިއްޔާތަށް އަދި 2022 ގައި ފުރަމާނަ ދަތުރެއްގައިވެސް މޯދީ މާލެ ވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު