ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް، ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން ގަތް ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރުން ދިން މުއްދަތު އިތުރަށް ފަސްކޮށްނުދިނުމަށް ނިންމައި، ފަހުގެ އިންޒާރު ފުލުހުން ދީފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ދެ އެޕާޓްމަންޓު މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ 10:58 އިން ފެށިގެން 136 ގަޑިއިރުގެ ތެރޭގައި ހުސްކޮށްދޭން ބައްސާމަށް އެދުމުން، އިތުރު މުއްދަތެއް ހޯދުމަށް އެދި އޭނާ އެދިފައިވާ ކަމަށާއި އޭރު އެދިފައިވާ ގޮތަށް އިއްޔެ 12:00 އާ ހަމައަށް މުއްދަތު އިތުރުކޮށްދީފައިވާނެ ކަމަށެވެ. ބައްސާމް އޭގެ ފަހުން އެދިފައިވަނީ މިމަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިނުމަށެވެ.

"ދެންނެވުނު އެންގުމާ ގުޅިގެން މުއްދަތު އިތުރުކޮށްދިނުމަށް ބައްސާމް އަދީލް ޖަލީލްގެ ފަރާތުން 2024 އޮކްޓޯބަރު 04 ވަނަ ދުވަހު އެދިފައިވާތީ، މި ހިދުމަތުން އިތުރަށް ބެލި ބެލުމުން އެދިފައިވާގޮތަށް މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް މި ހިދުމަތުން ވަނީ ނިންމައިފައެވެ..،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނީ އެ ދެ އެޕާޓްމަންޓު ހުސްކޮށް ހަވާލުކުރުމުގެ ކަންކަން އެ ހިދުމަތުން ކުރިއަށްގެންދާނެ ކަމަށާއި މިރޭ 12:00 އާ ހަމައަށް އެޕާޓްމަންޓު ހަވާލުނުކޮށްފި ނަމަ، ގާނޫނީ އިމުގެ ތެރެއިން އެޕާޓްމަންޓު ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށެވެ.

ފުލުހުން މިއަދު ހެނދުނު މީޑިއާތަކަށް ބުނީ، އެޕާޓްމަންޓުތައް ފުލުހުންނާ ހަވާލުކުރުމުގެ ކޯޓު އަމުރުގައި އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް އަމުރުކޮށްފައިވާ ކަމަށާއި އެޕާޓްމަންޓުތަކަކީ ބޮޑެތި މީހުންނާއި ކުޑަކުދީން ވެސް ދިރިއުޅެމުންދާ އެޕާޓްމަންޓްތަކަކަށްވާތީ، ހާލަތަށް ރިއާޔަތްކުރުމުގައި އެކަންކަން ކަމަށް ބަލައިފައިވާނެ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުން ބައްސާމް އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތީ ކޮވިޑް-19އާ ގުޅިގެން ފުޓްބޯޅަ ކްލަބުތަކަށް ދިމާވީ މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފީފާ އިން ހޯދި 1.9 މިލިއަން ޑޮލަރު ލޯނު ބޭނުންކޮށްގެންނެވެ.

އެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ވަނީ ފޮނުވައިފައެވެ. އެއީ ބައްސާމްގެ އިތުރުން މ. ހިރިނައިދޫ، ހަސަން ވަހީދު އާއި ގއ. ގެމަނަފުށި/ ފެހިކުރި، މުހައްމަދު އަގީލް، 35 އެވެ. އޭގެ އިތުރުން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އެދިފައިވެއެވެ. އެ ފަރާތްތަކަށް ފުލުހުން ތުހުމަތު ކުރަނީ އޮޅުވާލުމާއި މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ކުށެވެ.