ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.
ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)ގެ ޕްރޮޑަކްޓެއް ކަމަށްވާ ރުޕޭ އަކީ މިހާރު ދުނިޔޭގެ 300 މިލިއަން އަށްވުރެ ގިނަ މީހުން ބޭނުންކުރަމުންދާ އިންޑިއާގެ ފުރަތަމަ ގްލޯބަލް ކާޑު ޕޭމަންޓް ނެޓްވޯކެވެ.
ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަދާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގައި ރުޕޭ ކާޑު ބަލައިގަތުން މަގުފަހިކުރުމަށް ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ އާއެކު ބައިވެރިވެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.
"އިންޑިއާގެ ރީޓެއިލް ޕޭމަންޓް ސިސްޓަމްތަކަށް ރުޕޭގެ ސަބަބުން ފާހަގަކޮށްލަންޖެހޭ ފަދަ ބޮޑު ބަދަލެއް އައިސްފައިވާ އިރު، ރާއްޖޭގެ އެންމެ ފުޅާ ބޭންކިން ނެޓްވޯކްގައި، ބޭންކް އޮފް މޯލްޑިވްސް އިން ރުޕޭ ކާޑުގެ ހިދުމަތް ދޭން ފެށުމާއެކު ރުޕޭ ކަސްޓަމަރުންނަށް ފައިސާ ދެއްކުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ބީއެމްއެލުން ބުނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗު، 88 ސެލްފްސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 7000 އަށްވުރެ ގިނަ މާޗަންޓުންނާއި ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އެ ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު، ދެ ބޭފުޅުން އެކުގައި ދެއްވި ޖޮއިންޓް ސްޓޭޓްމަންޓް ފެއްޓެވުމުގެ ކުރިން ވަނީ ރާއްޖޭގައި ރުޕޭގެ ފުރަތަމަ ޓްރާންސެކްޝަން ހެދި މަންޒަރު ދައްކައިލައިފައެވެ. އެންމެ ފުރަތަމަ ޓްރާންސެކްޝަން ކާޑު ބޭނުންކޮށްގެން ކޮށްފައިވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއްގައެވެ.
ޖޮއިންޓް ސްޓޭޓްމަންޓްގައި މޯދީ ވަނީ، ކުރިއަށްއޮތް ތަނުގައި ރާއްޖޭގައި އިންޑިއާގެ އިންސްޓެންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ވެސް ފަށާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަށްޓަކައި މިހާރު ވަނީ އެމްއޯޔޫއެއްގައި ސޮއިވެސް ކޮށްފައެވެ.
ޔުޕީއައި ޕޭމެންޓް އިންޑިއާގައި ތައާރަފުކޮށްފައިވަނީ 2016 ވަނަ އަހަރެވެ.
ރުޕޭ ކާޑު ތައާރަފުކުރުމާއެކު ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ވެސް ރުޕޭ ކާޑު ބޭނުންކުރެވޭނެއެވެ. ރުޕޭއަކީ ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު