ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް، ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެއް ގާއިމުކުރުމުގެ މަޝްވަރާތައް ފަށަން ނިންމައިފިއެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު މިއަދު މެންދުރު ބޭއްވި ބައްދަލުވުމަށްފަހު ދެ ބޭފުޅުން އެކުގައި ދެއްވި ޖޮއިންޓް ސްޓޭޓްމަންޓްގައި މޯދީ ވިދާޅުވީ ރައީސް މުއިއްޒުގެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުދަގަ ވެގެންދާނެ ކަމަށާއި އެގޮތުން އެފްޓީއޭއެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށިގެންދާނެ ކަމަށެވެ.
ރާއްޖޭގެ ތަރައްގީއަށާއި ސިނާއީ އަދި އިގުތިސާދީ ކުރިއެރުންތަކުގައި އިންޑިއާއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށާއި އިންޑިއާ ކަނޑުގެ ކާރިސާތަކުން ދިމާވާ މައްސަލަތަކަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރާނެ ކަމަށް މޯދީ ވިދާޅުވިއެވެ.
"ހައިޑްރޯގަރަފީ އަދި ކާރިސާތަކުން ރައްކާތެރިވެ ތިބުމުގެ ގިނަ މަސައްކައްތައްވެސް ގެންދާނީ ކުރިއަށް. އަދި ދެ ގައުމުގެ ދެމެދުގައި ކުރިއަށްދިޔަ ނުތަނަވަސް ކަމަށް ދާއިމީ ހައްލެއް ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އޮތް ސްޓެޓެޖިކް ހަމަނުޖެހުމަށް މިވަނީ އެއްބަސްވުމަކަށް އާދެވިފައި. ދެ ގައުމުގެ ދެމެދުގައި އެފްޓީއޭއެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށިގެންދާނެ،" މޯދީ ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވީ މޫސުމީ ބަދަލުތަކަކީ ދެ ގައުމަށްވެސް ދިމާވާ ގޮންޖެހުމެއް ކަމަށާއި އެ މަސައްކަތުގައި ސޯލާ އަދި އެނާޖީ އެފިސެންސީގައި އިންޑިއާއިން ރާއްޖެއާއެކު މަސައްކަތްކުރުމަށް ތައްޔާރު ކަމަށެވެ.
"ރާއްޖޭގެ އަވަށްޓެރިއެއްގެ ހައިސިއްޔަތުން އިންޑިއާއިން އަބަދުވެސް ބަލަނީ ރާއްޖެއަށް ދިމާވާ އެކިއެކި ކާރިސާތަކާއި ބަލިމަޑުކަމުން އަރައިގަތުމަށާއި އެހީގެ ގޮތުންވެސް އަތް ދިއްކޮށްލާނެ އެންމެ ފުރަތަމަ ގައުމަށް ވުމަށް،" މޯދީ ވިދާޅުވިއެވެ.
އިންޑިއާއަށް ރައީސް އިއްޔެ ފެއްޓެވި އެ ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
އެ ދަތުރުފުޅުގައި ރައީސް މުއިއްޒު، އިންޑިއާގެ ރައީސާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އެ ގައުމުގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު