ދެހާސް ސަތާރަ ވަނަ އަހަރުގެ ތެރޭގައި މާލޭގައި ބޮމެއް ގޮއްވާލަން އުޅުނު މައްސަލައަކާ ގުޅިގެން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ކޮށްފައިވާ ފަރާތެއް ކަމަށްވާ ގދ. މަޑަވެލި، ގަމަރީ، އިއުތިސާމް މުހައްމަދު ސައީދަށް، ދައުލަތުން ކުރާ ދައުވާއަށް ބަދަލު ގެނެސްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އިމުން ބޭރުން ކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.
މާލޭގައި ބޮމެއް ގޮއްވާލަން އުޅުނު އެ މައްސަލައިގައި ދައުލަތުން ވަނީ ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާކޮށްފައެވެ. އެއީ އިއުތިސާމްގެ އިތުރުން ހދ. ނައިވާދޫ، ރިވެލި، ޝިމާން ޝަރީފް، ހއ. ހޯރަފުށި، ވިދުވަރު، ނާސިއު މުހައްމަދު އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.
އެ މައްސަލައިގައި ދައުވާ ލިބޭ އިއުތިސާމަށް ކުރާ ދައުވާއަށް ދައުލަތުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ދައުލަތުން އެ ބަދަލު ގެނެސްފައިވަނީ ޖިނާއީ އިޖުރާއަތާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އިއުތިސާމްގެ ފަރާތުން ކުރިމިނަލް ކޯޓުގައި އެދުމުން، އެ ކޯޓުން ނިންމީ ދައުވާއަށް، ދައުލަތުން ބަދަލު ގެނައީ ރަނގަޅަށް ކަމަށެވެ. އެހެންވެ އިއުތިސާމްގެ ފަރާތުން ވަނީ ކުރިމިނަލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ދައުލަތުން އިއުތިސާމްގެ މައްޗަށް 2017 ވަނަ އަހަރު ކުރި ދައުވާގައި ބަޔާންކޮށްފައިވަނީ "އިއުތިސާމް މުހައްމަދު ސައީދު، އިތުރު ބަޔަކާ އެކު، 24 އެޕްރީލް 2017 ދުވަހު މއ. އެނބޫ ގޭގައި ހުންނަ
އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އޮފީހުގައި ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް ހިންގުމަށް ރާވައި، އެ އޮފީސް ތެރޭގައި އައިއީޑީ (އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް) އެއް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްފައިވާތީ،" ކަމަށެވެ.
ދައުލަތުން ވަނީ އެ ދައުވާއަށް 2022 ވަނަ އަހަރު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފަހުން ކުރި ދައުވާގައި ބަޔާންކޮށްފައިވަނީ "އިއުތިސާމް މުހައްމަދު ސައީދު. އިތުރު ބަޔަކާ އެކު، 24 އެޕްރީލް 2017 ދުވަހު މއ. އެނބޫގޭގައި ހުންނަ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އޮފީހުގައި ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށްޓަކައި އައިއީޑީ (އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް) އެއް ތައްޔާރުކުރުމަށް ރާވައ،ި އެ އައިއީޑީ ކ. މާލެ މ. ކުނޫޒުގައި ހުންނަ ޖުމްހޫރީ ޕާޓީގެ އޮފީހުގައި ޖަލްސާއެއް ކުރިއަށްދާ އިރު، ގޮއްވާލަން އުޅޭ ކަމަށް، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ އޮފީސް ތެރެ ބަލައި ފާސްކުރި އިރު، އެ އޮފީސް ތެރެއިން އައިއީޑީ (އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް) އެއް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ފެނިފައިވާތީ އާއި އެ އައިއީޑީ މ. ކުނޫޒުގައި ހުންނަ ޖުމްހޫރީ ޕާރޓީގެ އޮފީހުގައި ޖަލްސާއެއް ކުރިއަށްދާ އިރު ގޮއްވާލަން އުޅެފައިވާތީ،" ކަމަށެވެ.
ހައި ކޯޓުގައި، އިއުތިސާމްގެ ފަރާތުން ބުނެފައިވަނީ ދައުލަތުން ދައުވާ އިސްލާހު ކުރި އިރު ދައުވާ ބިނާކުރި ސަބަބުގެ ބޭރުން އާ އަމަލު ހިމަނައި ދައުވާގެ ސިޣާއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި އެ
އަމަލުގެ ބޭނުމަކީ ހެކިންގެ ހެކިބަހުން ސާބިތުކުރަން ބޭނުންވާ ކަންކަމަށް ބަދަލު ގެނައުން ކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުއްދަ ލިބެނީ ފުރަތަމަ ދައުވާ ހުށަހެޅި ކުށްތައް ބިނާވެފައިވާ އަމަލުގެ މައްޗަށް ކަމަށެވެ.
ދައުވާ ބިނާ ކުރާ މައިގަނޑު ސަބަބަކީ މއ. އެނބޫގޭގައި ހުރި އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގައި ނުރައްކާތެރި އަމަލެއް ހިންގުމަށް ރޭވުމާއި އެ އޮފީސް ތެރޭގައި އައިއީޑީއެއް ތައްޔާރުކޮށްފައިވުން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެއީ ކުރިން ދައުވާ ހުށަހެޅި އިރު ދައުވާގެ ސީޣާގައި ވެސް އަދި ހެކިން ހުށަހަޅާ ސަބަބުގައި ވެސް ބަޔާންކޮށްފައިވާ ކަމެއް ނޫން ކަމަށް އިއުތިސާމްގެ ފަރާތުން ބުނެފައިވެއެވެ.
އެކަމަށް ރައްދުދެއްވައި ދައުލަތުން ވިދާޅުވީ ދައުވާ އިސްލާހުކޮށްފައިވާ އިރު، ދައުވާ ކުރި ގާނޫނުގެ މާއްދާއަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި ކުށުގެ އުންސުރަށް ބަދަލެއް އައިސްފައި ނުވާނެ ކަމަށާއި ދައުވާ ސާފުވާނެ ފަދައިން ދައުވާ ތަފްސީލުކޮށްފައިވާނެ ކަމަށެވެ.
"ގާނޫނުގައި ދައުވާ ފޯމަށް ބަދަލު ގެނެވޭނެ ތިން ގޮތެއް ބަޔާންކޮށްފައިވާ ކަމަށާއި އެގޮތުން އިބްތިދާއީ އަޑުއެހުމުގެ ކުރިން ދައުވާގައި އިތުރު ކުށް ހިމެނުމާއި ދައުވާގެ ތަފްސީލުތައް ބަދަލުކުރުމުގެ އިހުތިޔާރު ދައުލަތަށް ލިބިދިނުން ކަމަށާއި، ދެވަނަ ގޮތަކީ އިބްތިދާއީ މަރުހަލާ ފެށުމަށްފަހު ޝަރީއަތުގެ ހުއްދައާ އެކު ދައުވާ އެ މައްޗަށް ބިނާވެފައިވާ ކަންކަން އިބްތިދާއީ މަރުހަލާގައި ބަދަލުކުރުން ކަމަށާއި ތިން ވަނަ ގޮތަކީ ގާނޫނުގެ 92 ވަނަ މާއްދާގެ ދަށުން ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ފެށުމުގެ ކުރިން، އަލުން ހުށަހެޅޭ ގޮތަށް މައްސަލަ އަނބުރާ ގެންދިޔުމަށްފަހު ދައުވާ އިސްލާހުކޮށް އަލުން ހުށަހެޅުން ކަމަށާއި މައްސަލަ މިހާރު އޮތް ހިސާބުން ޕްރޮސިކިއުޝަނަށް މައްސަލަ އަނބުރާ ގެންގޮސް އިތުރު ތަފްސީލުތައް ހިމަނައިގެން މައްސަލަ ހުށަހެޅުމުގެ ފުޅާ ފުރުސަތު އޮތް ކަމަށާއި ނަމަވެސް އެގޮތަށް އަމަލު
ނުކުރީ ވަގުތު ބޭކާރުވެގެން ދާނެތީ ކަމަށް،" ދައުލަތުން ވިދާޅުވެފައިވެއެވެ.
"އައިއީޑީއެއް ތައްޔާރުކޮށްފައިވުން ކަމަށް ލިޔެފައިވަނީ އޮޅުމަކުން ކަމަށް ގަބޫލުކުރެވޭ ކަމަށަވެ. ސަބަބަކީ ދައުލަތުގެ ދައުވާގައި ވެސް އެފަދައިން ބަޔާންކޮށްފައިނުވާތީ ކަމަށެވެ،" ދައުލަތުން ވިދާޅުވިއެވެ.
ނަމަވެސް ފުރަތަމަ ހުށަހެޅި ދައުވާގައި ވެސް އަދި ފަހުގެ ދައުވާގައި ވެސް ބުނެފައިވަނީ އެއް އަމަލެއް ކަމަށާއި އޭގެ ސަބަބުން ސާބިތުވާނީ ވެސް އެއް ދައުވާއެއް ކަމަށެވެ. އަދި އެ ދައުވާއަށް ކަނޑައެޅޭނެ އަދަބަކީ ވެސް އެއް އަދަބެއް ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.
ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ސަލީމް، މައްސަލައިގެ ހުކުމުގެ ރައުޔުގައި ވިދާޅުވީ ދައުލަތުން ވިދާޅުވެފައިވާ ފަދައިން ދެ ފޯމުގައި ވެސް ދައުވާ ކޮށްފައިވާ މާއްދާއަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. ނަމަވެސް، ފަހުން ހުށަހެޅި ދައުވާ ފޯމުގައި ހިމަނާފައިވާ އިތުރު ކަންކަމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރެވިދާނެ ކުށްތަކެއްތޯ ޝަރީއަތުން ސުވާލުކުރުމުން، އެ ކަންކަމަކީ ދައުވާކުރެވިދާނެ ކަންކަން ކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ.
އަދި ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅައިފައިވާ ހެކި، ގަރީނާއަށް ބަލާ އިރު، ދައުވާ ފޯމާއެކު ހުށަހަޅާފައިނުވާ އިތުރު ހެކި، ގަރީނާއަށް ފަހުން ހުށަހެޅި ދައުވާ ފޯމުގައި ހަވާލާދީފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން، ފުރަތަމަ ހުށަހެޅި ދައުވާ ފޯމުގައި ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވަނީ ޖުމްލަ 15 ހެކި، ގަރީނާ ކަމަށާއި ފަހުން އިސްލާހުކޮށް ހުށަހެޅި ދައުވާ ފޯމާއެކު، ސިއްރު ހެކި ހިމެނޭގޮތުން ޖުމްލަ 30 ހެކި، ގަރީނާ ހުށަހަޅާފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"އެހެންކަމުން، ފަހުން އިސްލާހުކޮށް ހުށަހެޅި ދައުވާ ފޯމުގައި، ކުރިން ދައުވާ ކުރި ސަބަބުގެ އިތުރުން، އިތުރު އަމަލުތަކަކާއި ވާގިއާތަކެއް ހިމަނައި އަދި އެކަންކަން ސާބިތުކުރުމަށް އިތުރު ހެއްކާއި ގަރީނާ ހިމެނޭ ގޮތުން ދައުވާ ފޯމަށް ގެނެސްފައިވާ ބަދަލުތައް ހާމަކަމާއެކު ފެންނަން އޮތް ހިނދު، ދައުވާއިން ދިފާއުވުމުގެ ހައްގު ލިބިދީފައިވާ ފަރާތަށް ދައުވާ ކުރިތާ އެތައް އަހަރެއް ފަހުން މި ގެނައި ބަދަލަކީ، ދިފާއުވުމުގެ ހައްގަށް ލިބިދެވޭނެ ގޮންޖެހުމެކެވެ. ސަބަބަކީ ކުރިން ދައުވާ އޮތް ގޮތުންނަމަ، އެ ފަރާތަށް ދައުލަތުން ކުރާ ދައުވާއަކީ އައިއީޑީއެއް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްފައިވުމެވެ. ނަމަވެސް، ކުރިން ދައުވާ ފޯމުގައި އެއްވެސް ވަރަކަށް ޒިކުރުވެސް ކޮށްފައިނުވާ އެ އައިއީޑީ މ. ކުނޫޒުގައި ހުންނަ ޖުމްހޫރީ ޕާޓީގެ އޮފީހުގައި ޖަލްސާއެއް ކުރިއަށްދާ އިރު ގޮއްވާލަން އުޅުން ފަދަ އަމަލުތަކަކީ މީގެ ކުރިން ދައުވާއިން ދިފާއުވުމަށް މަސައްކަތް ކުރަމުން ދިޔަ ފަރާތަށް ނުވަތަ އެ ދައުވާ ލިބޭ ފަރާތަށް އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއެއްކަން ތަސައްވަރު ކުރެވޭނެ އެއްވެސް ހިލަމެއްވެސް ވެފައިވާ ކަމެއް ނޫނެވެ،" ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންވެ ފަނޑިޔާރު ސަލީމް އޭނާގެ ރައުޔު ކަނޑައެޅުއްވީ ދައުލަތުން، ދައުވާއަށް ގެނެސްފައިވާ ބަދަލަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އިމުން ބޭރުން ގެނެސްފައިވާ ބަދަލެއް ކަމަށެވެ. އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދު ވަނީ ތާއީދު ކުރައްވައިފައެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަނޑިޔާރު ސަލީމް ކުރެއްވި ހުކުމުގައި ވަނީ ކުރިމިނަލް ކޯޓަށް މި މައްސަލައާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާ މެދު އެ ކޯޓުން ނިންމި ނިންމުން ބާތިލު ކަމަށް ކަނޑައަޅައި، މައްސަލައިގެ ދައުވާ ފޯމަށް 09 މާޗު 2022 ގައި ގެނައި ބަދަލަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ގެނައި ބަދަލެއް ކަމަށް ކަނޑައަޅައި، ހައި ކޯޓުގައި މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު