ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ ދެކަނބަލުން އިންޑިއާއަށް ފުރާވަޑައިގެންނެވީ މިއަދު ކަމަށެވެ.
ރައީސް އޮފީހުން މިދިޔަ ހުކުރު ދުވަހު ބުނީ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ވެސް ބުންޏެވެ.
މި ދަތުރުފުޅުގައި ރައީސް އިންޑިއާގެ ރައީސާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމު އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެއެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅުގައި، ދިވެހި ވަފްދުގެ މެހްމާންދާރީގެ ހުރިހާ ކަންކަންވެސް ހަމަޖައްސަވައިދޭނީ އިންޑިއާ ސަރުކާރުގެ ފަރާތުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ރައީސް ވަނީ މީގެ ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ދަތުރުފުޅެއް ކުރައްވައިފައެވެ.
މީގެ އިތުރުން ރައީސް ވަނީ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ "ކޮޕް-28" ގެ ހަވާސާގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ބޮޑު ވަޒީރާ ވެސް ބައްދަލުކުރައްވައިފައެވެ.
މި ސަރުކާރުގެ ކުރީކޮޅުގައި އިންޑިއާއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. އެއީ ސަރުކާރުގެ ތިން ނައިބު ވަޒީރަކު، މޯދީއަށް ފުރައްސާރަކުރުމާއި އިންޑިއާއަށް ނުސީދާ ގޮތެއްގައި ސަރުކާރުގެ އިސް ބޭފުޅުން ފާޑުވިދާޅުވުމުންނެވެ. އެކަމުގެ ސަބަބުން އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިން ބޮޑުތަނުން މަދުވިއެވެ. ނަމަވެސް ސަރުކާރުގެ މަސައްކަތުން ހީނަރުވެފައިވާ ދެ ގައުމުގެ ގުޅުން މިހާރު އަންނަނީ ރަނގުވަމުންނެވެ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު