ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ވިލަރެއާލްގެ މައްޗަށް ކުރި ހޯދި އިރު، އެޓީމުގެ ޑިފެންޑަރު ޑެނީ ކަވަހާލަށް ސީރިއަސް އަނިޔާއެއް ވެއްޖެއެވެ.
ރެއާލުން ރޭ އަމިއްލަ ދަނޑުގައި ވިލަރެއާލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުން ހޯދި މޮޅާއެކު ރެއާލުން މިވަގުތު ލީގު ތާވަލުގެ ދެވަނައިގައި އޮތީ ނުވަ މެޗުން 21 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް އަށް މެޗުން 21 ޕޮއިންޓް ލިބިފައިވާ އިރު، ބާސާއަށް ފަރަގު ބޮޑުކުރުމަށް ފުރުސަތު އެބައޮތެވެ.
ރެއާލުން ވަރުގަދަކޮށް ފެށި މެޗުގެ ކުރީކޮޅުގައި ފެޑެރީކޯ ވަލްވާޑޭ ޖެހި ގޯލުން ކުރީބައިގައި އެ ޓީމުން ލީޑު ނެގިއެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ވިލަރެއާލުން ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލި އިރު، ނިކޮލަސް ޕެޕޭ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ. އަދި ތިއެރީ ބަރީ ޖެހި ބޯޅަވެސް ބޭރަށް ދިޔައީ ދަނޑި ކައިރިންނެވެ.
މެޗުގެ ދެވަނަ ހާފަށް ނުކުމެ ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދަނިކޮށް ރެއާލުން ދެވަނަ ގޯލެއް ޖެހީ 17 މިނެޓް ބާކީ އޮއްވައެވެ. އެ ގޯލު ޖެހީ ވިނީޝިއަސް ޖޫނިއާއެވެ.
ރެއާލުން ފުރިހަމަ މޮޅަކާ ދިމަލަށް ދަނިކޮށް، ފަހު ވަގުތު އެޓީމުގެ މުހިއްމު ޑިފެންޑަރު ޑެނީ ކަވަހާލަށް އަނިޔާވެ ބާލަން ޖެހުނެވެ. ޔެރެމީ ޕިނޯއާ ދެކުޅުންތެރިން ޖެހުނު ޖެހުމެއްގެ ތެރެއިން ކަވަހާލްގެ ކަކުލަށް ބޮޑު އަނިޔާއެއްވެފައިވާ އިރު، މެޗަށްފަހު ކޯޗު ކާލޯ އެންޗެލޮޓީ ބުނީ އަނިޔާ ސީރިއަސް ކަމަށެވެ.
އިތުބާރު ނޫސްތަކުން ބުނެފައި ވަނީ ކަވަހާލްގެ ކަކުލުގެ ލިގަމެންޓަށް ގެއްލުން ލިބި، ސާޖަރީއަކަށް ދާން ޖެހިފައިވާ ކަމަށެވެ. އަދި އަނިޔާގެ ސަބަބުން އޭނާއަށް ސީޒަން އެއްކޮށް ގެއްލޭނެ ކަމުގެ ބިރު ބޮޑު ކަމަށްވެސް ނޫސްތައް ބުނެއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ