އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި މެންޗެސްޓާ ސިޓީން ކުޅުނު މެޗުތަކުންވެސް މޮޅުވެއްޖެއެވެ.

ޗެމްޕިއަން ސިޓީން ރޭ އަމިއްލަ ދަނޑުގައި ފަހަތުން އަރައި ފުލްހަމް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ތަށީގެ ރޭހުގައި ދެން ފެވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރަމުން އަންނަ އާސެނަލުންވެސް ރޭ ފަހަތުން އަރައި މޮޅުވި އިރު، އެޓީމުން އަމިއްލަ ދަނޑުގައި ސައުތުހެމްޓަން ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މިވަގުތު އިނގިރޭސި ލީގު ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތް އިރު، ރޭގެ މޮޅުތަކާއެކު ސިޓީއާއި އާސެނަލުންވެސް ވަނީ ލިވަޕޫލާ އެއް ޕޮއިންޓަށް ކައިރކޮށްފައެވެ. ލިވަޕޫލް އެއްވަނައިގައި ހަތް މެޗުން 18 ޕޮއިންޓާއެކު އޮތް އިރު، ސިޓީއާއި އާސެނަލަށްވެސް ހަތް މެޗުން ވަނީ 17 ޕޮއިންޓް ލިބިފައެވެ. ސިޓީއާއި އާސެނަލްގެ ފައިދާ ގޯލުވެސް އެއްވަރުވެފައި އޮތް އިރު، ސިޓީ ދެވަނައިގައި އޮތީ ޖެހި ގޯލަށް ބަލައިގެންނެވެ. އާސެނަލް މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.

އަނިޔާގެ ސަބަބުން ރޮޑްރީއާއި ކެވިން ޑި ބްރޭނާއާވެސް ނުލައި ނުކުތް ސިޓީން ރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި ނުރައްކާ ކުރަމުން ދަނިކޮށް، މެޗުގައި ފުރަތަމަ ލީޑު ނެގީ ފުލްހަމް އެވެ. އެޓީމަށް 26 ވަނަ މިނެޓުގައި ގޯލު ޖަހައިދިނީ އަންދްރޭސް ޕެރޭރާ އެވެ. އެއީ ކައުންޓާ އެޓޭކް ފުރުސަތެއްގަ އެވެ.

އެ ގޯލަށްފަހުވެސް ސިޓީގެ ނުރައްކާ ފެނުނީ ބޮޑުކޮށެވެ. އާލިން ހާލަންޑާއި ޖެކް ގްރީލިޝްގެ އިތުރުން ބަނާޑޯ ސިލްވާއަށް ފުރުސަތުތައް ލިބި ބޭކާރުވެފައިވާ އިރު، ހާފު ނިމުމުގެ ކުރިން އެޓީމަށް އެއްވަރުކޮށްދިނީ މަޓެއޯ ކޮވަސިޗް ޖެހި ގޯލަކުންނެވެ.

ދެވަނަ ހާފު ފެށިގެންވެސް މާ ގިނައިރެއް ނުވެ، ސިލްވާ ދިން ބޯޅައަކުން ކޮވަސިޗް އޭނާގެ ދެވަނަ ގޯލު ކާމިޔާބުކޮށް، ސިޓީއަށް މެޗުގެ ނަތީޖާ އަނބުރާލަ ދިނެވެ. ކޮވަސިޗްގެ އެ ގޯލުން ސިޓީ ހަމަޖެހިލި އިރު، އެޓީމަށް ތިންވަނަ ގޯލެއް ޖަހައިދިނީ ބަދަލަކަށް ނުކުތް ޖެރަމީ ޑޮކޫއެވެ. އެއީ 82 ވަނަ މިނެޓުގައެވެ.

މެޗުގައި ފުލްހަމްގެ ދެވަނަ ގޯލު، 88 ވަނަ މިނެޓުގައި ޖަހައިދިނީ ރޮޑްރިގޯ މުނީޒެވެ.

އާސެނަލުން އެ ކްލަބު ތާރީހުގައި ލީގުގައި ހޯދި 400 ވަނަ މޮޅު ރޭ ހޯދީ ދެވަނަ ހާފުގައި ފެނުނު ގޯލުތަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ރަނގަޅަށް ޕްރެޝަރުކޮށްގެން ކުޅުނު ނަމަވެސް އެޓީމަށް ގޯލެއް ޖެހިފައެއް ނުވެއެވެ. އެންމެ ނުރައްކާތެރިކޮށް ފެނުނު ޖޯޖީނިއޯގެ ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފު ފެށިގެން 10 މިނެޓް ހިނގިތަނާ ސައުތުހެމްޓަންއިން ގޯލު ޖަހައި ލީޑު ނެގިއެވެ. ރަހީމް ސްޓާލިން އަތުން ބޯޅަ ހޯދައިގެން މަތެއަސް ފެނާންޑޭޒް ދުއްވާލި ބޯޅައިން ސައުތުހެމްޓަންއަށް ލީޑު ނަގައިދިނީ ކަމެރޮން އާޗާއެވެ. އެ ގޯލާއެކު ސައުތުހެމްޓައިން ލީޑު ނެގި ނަމަވެސް އެޓީމަށް ހަމަނޭވައެއް ލުމަށްވެސް އާސެނަލުން ވަގުތެއް ނުދިނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ކައި ހަވާޓްސް ޖެހި ގޯލުން ލީޑު ނަގައި، އޭގެ 10 މިނެޓް ފަހުން ގެބްރިއަލް މާޓިނެލީ ޖެހި ގޯލުން މެޗު އަނބުރާލިއެވެ. އެ ދެ ގޯލަށްވެސް އެސިސްޓް ހަދައިދީ، އާސެނަލަށް ތިންވަނަ ގޯލަކާއެކު ތިން ޕޮއިންޓް ޔަގީންކޮށްދިނީ ބުކަޔޯ ސަކާއެވެ.

އާސެނަލުން އެންމެފަހުން ހޯމްގައި ކުޅުނު 41 މެޗުގައިވެސް އެޓީމު ބަލިވެފައެއް ނުވެއެވެ.