އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް ބަލިކޮށް، އެ ޓީމުން ތާވަލުގެ އެއްވަނަ މަގާމުގައި ލީޑު ދަމަހައްޓައިފިއެވެ.
މިއަދު ރަށުން ބޭރުގައި ކުޅުނު މެޗު ލިވަޕޫލުން 1-0 އިން ކާމިޔާބު ކޮށްފައިވާއިރު، އެ ނަތީޖާ އާއެކު ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި އޮތީ ހަތް މެޗުން 18 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން ހަ މެޗުން 15 ޕޮއިންޓް ހޯދާފައިވާ އިރު، އެ ޓީމުން މިރޭ ކުޅޭ މެޗުން މޮޅުވެ، ލިވަޕޫލާ ޕޮއިންޓްގެ ގޮތުން ހަމަހަމަކުރެވޭނެއެވެ.
ޕެލެސް މިހާތަނަށް ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައިވާ އިރު، އެ ޓީމަށް އަދި މޮޅެއް ހޯދިފައެއް ނުވެއެވެ. އެ ޓީމު ތިން މެޗުން އެއްވަރުކޮށް ތިން ޕޮއިންޓް ހޯދާފައިވާ އިރު، މި ވަގުތު އޮތީ 18 ވަނައިގައެވެ.
ލިވަޕޫލުން އެންމެފަހުން ލީގުގައި ކުޅުނު ހަ މެޗުންވެސް މޮޅުވެފައިވާ އިރު، ލީގުގައި ކުޅުނު އަވޭ ހަތަރު މެޗުވެސް އެ ޓީމުން ކާމިޔާބުކުރިއެވެ. އެއާއެކު އާ ކޯޗު އާނޭ ސްލޮޓް ވެފައިވަނީ އެ ކްލަބާއެކު ސީޒަނުގެ ފުރަތަމަ ހަތަރު އަވޭ މެޗު ކާމިޔާބުކުރި ފުރަތަމަ ކޯޗަށެވެ.
މިއަދުގެ މެޗުގެ ކުރީކޮޅުގައި ލިވަޕޫލުން ވަނީ ލީޑު ނަގައިފައެވެ. ނުވަ ވަނަ މިނެޓުގައި އަރިމަތިން ކޯޑީ ގަކްޕޯ ހުރަސްކޮށްދިން ބޯޅައަށް ރަނގަޅަށް ކުރިއަށް ޖެހި ބޯޅަ ގޯލަށް ވައްދާލީ ޑިއޭގޯ ޖޮޓާއެވެ.
ގޯލާއެކު ލީޑު ނެގި ނަމަވެސް ލިވަޕޫލަށް މެޗު ފަސޭހަވެގެން ނުދިޔައެވެ. ހާފު ނިމުމުގެ ކުރިން ޕެލެސްގެ އެޑީ އެންކެޓިއާ އަދި އިސްމައިލާ ސާ އުފެއްދި ހަމަލާތައް ފެނިގެން ދިޔައިރު، ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ކީޕަރު އެލިސަން ބެކާއާ މުހިންމު ސޭވްތަކެއް ކުރަން ޖެހުނެވެ. އެއީ އެންކެޓިއާގެ އިތުރުން އެބެރެޗީ އެޒޭ ފޮނުވާލި ހަމަލާތަކުގައެވެ.
މެޗުގެ ފަހުކޮޅަށް ގޮސް 79 ވަނަ މިނެޓުގައި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަންގެ ފަލަމަސްގަނޑަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހުނެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ޗެކް ރިޕަބްލިކްގެ ގޯލްކީޕަރު ވިޓެޒްސްލޭވް ޖަރޯސްއެވެ. މިއަދުގެ މެޗަކީ ޖަރޯސް ލިވަޕޫލް ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ.
ޕެލެސްއަށް ފަހުކޮޅުގައި ރަނގަޅަށް ލިވަޕޫލްގެ ކީޕަރު ޓެސްޓް ކޮށްލެވިފައި ނުވާއިރު، ޕެލެސް އިން ފަހު ހާފުގައި ޕެނަލްޓީއަކަށް ޝަކުވާ ކޮށްފައިވެއެވެ. އޭރިއާ ތެރެއިން ވާޖިލް ވެން ޑައިކް މާކް ގުއޭހީއަށް ފައުލް ކުރި ކަމަށް ބުނެ ޕެލެސް އިން ޝަކުވާ ކުރުމުންވެސް ރެފްރީ ޕެނަލްޓީއެއް ނުދިނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު