ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުރިއަށް އޮތް މުބާރާތުގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ސްޓެބިސިސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިދިޔަ މަހު ރަސްމީކޮށް އިއުލާންކުރި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަންނަ އަހަރުގެ މުބާރާތް ބާއްވަން ނިންމާފައިވަނީ އަންނަ އަހަރު ޖެނުއަރީ ހަތަރެއްގައެވެ.

ރާއްޖޭގެ އޮތޮރައިޒްޑް ޑީޖޭއައި ޑީލާ، ސްޓެބްސިސް އާއެކު ސޮއިކުރުމަށް ބޭއްވި ހަފުލާގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާއެވެ. ސްޓެބްސިސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނިހާދެވެ.

ނިހާދު ވިދާޅުވީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުރީގެ މުބާރާތްތައްވެސް ފެނިފައިވާ ކަމަށާއި މުބާރާތުގެ އިންތިޒާމު އަބަދުވެސް ވަރަށް ފުރިހަމަ ކަމަށެވެ. އެހެންކަމުން އެ ޕްލެޓްފޯމަކީ ސްޓެބްސިސްގެ ޕްރޮޑަކްޓްތައް މާކެޓްކުރުމަށް ރަނގަޅު ޕްލެޓްފޯމް އަކަށްވާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މުބާރާތް ބެލުން އެއީ ސްޕޮންސާޝިޕަށް ޝައުގުވެރިވި ސަބަބެއް ކަމަށް ވިދާޅުވިއެވެ.

ނިހާދު އިތުރަށް ވިދާޅުވީ ގޯލްޑަން ފުޓްސަލް ޗެެލެންޖަކީ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ހަރަކާތްތެރިވާ މުބާރާތެއް ކަމަށާއި ސްޓެބިސިސްގެ ޕްރޮޑަކްޓް ޑީޖޭއައި އަކީ ޒުވާނުންނާ ގުޅޭ ބްރޭންޑެއް ކަމަށެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ އެންމެ މަގުބޫލު ޑްރޯން ބްރޭންޑް، ޑީޖޭއައިގެ ޑްރޯންތައް ދިވެހީންގެ ތެރޭގައިވެސް މަގުބޫލުކަން ބޮޑުވެފައިވާއިރު، ނިހާދު ފާހަގަކުރީ ޑީޖޭއައިގެ ހުރިހާ ޕްރޮޑަކްޓަކީވެސް ޒުވާނުންނާ ގުޅޭ ޕްރޮޑަކްޓްތަކެއް ކަމަށެވެ.

އެއްބަސްވުމަށްފަހު ރިލުވާން ވިދާޅުވީ ސްޕޮންސަރުންގެ ފަރާތުން އަބަދުވެސް ލިބޭ އެއްބާރުލުން ފާހަގަކުރައްވާ ކަމަށާއި ކޮންމެ ސްޕޮންސަރަކާއެކުވެސް ކުރިއަށް ދަނީ ނުހަނު އިތުބާރާއެކުގައި ކަމަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އެންމެފަހުން މިއަހަރު ބޭއްވި މުބާރާތުގައި ޖުމުލަ 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެފައިވެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ކާމިޔާބު ކަމާއެކު ނިންމާލާފައިވާ އިރު، މުބާރާތުގެ ފައިނަލް މެޗަކީ ރެކޯޑް އަދަދަކަށް މެޗު ބަލަން ސަޕޯޓަރުން ހާޒިރުވި މެޗެކެވެ. އެ މެޗުގައި 2023 ވަނަ އަހަރު ޗެމްޕިއަން ލ. ގަން ބަލިކޮށް، ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދީ، ބ. އޭދަފުއްޓެވެ.

އަންނަ އަހަރުގެ މުބާރާތަށް ތައްޔާރުވާއިރު، މި އަހަރުގެ ފައިނަލް މެޗު ފެށުނީއްސުރެ ނިމެންދެން ލ. ގަން އަދި ބ. އޭދަފުށި ސަޕޯޓަރުންގެ ފަރާތުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ދިން ސަޕޯޓަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ޝުކުރު އަދާކޮށްފައިވެއެވެ. އަންނަ އަހަރުގެ މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ, މި އަހަރުގެ ޗެމްޕިއަން ބ. އޭދަފުށްޓާއި 2023 ވަނަ އަހަރުގެ ޗެމްޕިއަން ލ. ގަމެވެ.

މިދިޔަ ދެ އަހަރު މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރި "ވަން ސްޕޯޓްސް" އިން ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކަވަރޭޖް އެންމެ ފުރިހަމައަށް ކިޔުންތެރިންނާ ހަމައަށް ގެނައުމަށް ހާއްސަ ކަވަރޭޖެއް ގެނެސްދިނުމަށް ހަމަޖައްސައިފައެވެ.

އޭގެ ތެރޭގައި އަތޮޅު ތެރޭގައި މުބާރާތަށް ވަމުންދާ ތައްޔާރީތަކުގެ އިތުރުން މުބާރާތުގެ ތެރެއިން ކުރިއަށްދާ ފޯރިގަދަ އެކިއެކި އިވެންޓުތަކާއި، ސަޕޯޓަރުންގެ ޝުއޫރުތައްވެސް ހިމެނޭނެ ހާއްސަ ރިޕޯޓުތަކާއި، ކުޅުންތެރިންގެ ޕްރޮފައިލްތައްވެސް ހިމެނެއެވެ.