މި ސީޒަން ނިންމާ ތަނުން ކްލަބު ވޯލްޑް ކަޕް ކުޅެން ޖެހޭތީ، އަންނަ ސީޒަންގެ ފެށުން ފަސްކޮށްލަން ޕްރިމިއާ ލީގުގެ ކިބައިން އެދޭނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ފީފާ އިން އަލަށް އިއުލާންކޮށްފައިވާ ކްލަބު ވޯލްޑް ކަޕް، 32 ޓީމާއެކު ފަށަން ނިންމާފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. ފީފާ ކްލަބު ވޯލްޑް ކަޕް މިފަހަރު އެމެރިކާގައި ބާއްވަން ނިންމާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ މެޓްލައިފް ސްޓޭޑިއަމުގައެވެ. ކްލަބު ވޯލްޑް ކަޕާ ގުޅިގެން މި ސީޒަންގެ ނިމުން ދިގުލައިގެން ގޮސް، އަނެއް ސީޒަން ފެށުމާ ދޭތެރޭގައި ލިބޭނީ ހަތަރެއް ނޫނީ ފަސް ހަފުތާއެވެ.

ސިޓީއާއެކު ކްލަބު ވޯލްޑް ކަޕުގައި ދެން ވާދަކުރާ އިނގިރޭސި ޓީމަކީ ޗެލްސީއެވެ. އެ ދެ ޓީމަށްވެސް މި ސީޒަން އިތުރަށް ދިގުލައިގެންދާ އިރު، އަންނަ ސީޒަންގެ ފެށުމަށް ޕްރިމިއާ ލީގުން އަދި ވަކި ތާރީހެއް ކަނޑައަޅާފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ސީޒަން ފަށަން ލީގުން ތައްޔާރު ވަނީ އޮގަސްޓް ނުވަވަނަ ދުވަހުން 16 ވަނަ ދުވަހާ ދެމެދުގެ މުއްދަތެއްގައެވެ.

"ބެލެވޭ ގޮތުގައި ޕްރިމިއާ ލީގުން ބޭނުމެއް ނުވާނެ އަހަރެމެން އެދޭ ގޮތަށް ލީގުގެ ފެށުން ފަސްކުރާކަށް. އަހަރެމެންގެ ރިކަވަރީއަށް ބޭނުންވާނެ ހަމަ ޔަގީނުންވެސް ފަސް ވަރަކަށް ހަފުތާ. އެހެންވެ އަހަރެމެން ބޭނުން ވަނީ ފުރަތަމަ ދެ މެޗުގެ ފެށުން ފަސްކޮށްލަން. އެހެންވިޔަސް އެކަމަށް ފުރުސަތު ނުދޭނެ ކަމަށް ބެލެވެނީ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ފާހަގަކުރި ގޮތުގައި އެކަމަށް މިހާރު ސިޓީން ވަނީ އެދިފައެވެ. ނަމަވެސް ބީބީސީ ސްޕޯޓްސް އިން ބުނީ ސިޓީން ސީޒަން ފެށުން ފަސްކުރަން އަދި ރަސްމީކޮށް އެދިފައި ނުވާ ކަމަށެވެ.