ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ މަނާ ބޭސް ބޭނުންކުރި މައްސަލައިގައި ހަތަރު އަހަރު ދުވަހަށް ފުޓުބޯޅައިން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ކުޑަކޮށްދީފިއެވެ.
އުމުރުން 31 އަހަރުގެ މިޑްފީލްޑަރު މަނާ ބޭސް ބޭނުންކުރި މައްސަލައިގައި އޭނާ ސަސްޕެންޑް ކޮށްފައިވަނީ އިޓަލީގެ ނޭޝަނަލް އެންޓި ޑޯޕިން ޓްރައިބިއުނަލް (ނާޑޯ) އިންނެވެ. އޭނާ ހަތަރު އަހަރަށް ފުޓްބޯޅައިން ސަސްޕެންޑް ކޮށްފައިވަނީ ފެބްރުއަރީ މަސް ތެރޭގައެވެ. ޕޮގްބާއަށް ފިޔަވަޅު އަޅާފައިވަނީ އޭނާގެ ސާމްޕަލްގެ ޓެސްޓޮސްޓެރޯން ލެވެލް މަތިވުމުގެ ސަބަބުންނެވެ.
އެތުލީޓުންގެ ގިނަ ޕާފޯމަންސްތަކަށްފަހު މަނާ ބޭހަށް އަބަދުވެސް ޓެސްޓު ކުރަމުން އަންނައިރު، ޕޮގްބާ ފުރަތަމަ މަނާ ބޭހަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ޔުވެންޓަސް އިން ލީގުގައި އުޑިނޭޒީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ހެދި ޓެސްޓަކުންނެވެ.
އޭގެފަހުން ޕޮގްބާ ވަގުތީ ސަސްޕެންޝަނެއްގައި ހުރި އިރު، ޕޮގްބާގެ ދެވަނަ ސާމްޕަލްވެސް މަނާ ބޭހުގެ ލެވެލް މަތިވެފައިވާ ކަމަށް ނާޑޯއިން ބުންޏެވެ.
ޕޮގްބާގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރުމުން ކާސްގެ ޑިރެކްޓާ ޖެނެރަލް މަތެއު ރީބް ނޫސްތަކަށް ވިދާޅުވީ ޕޮގްބާގެ ސަސްޕެންޝަން 18 މަހަށް ކުޑަކުރަން މިދިޔަ މަހުގެ 11 ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ.
ޕޮގްބާގެ އުމުރުން މިހާރު 31 އަހަރު ވެފައިވާއިރު، ކުރިން ނިންމުން ނިންމާފައިވާ ގޮތުންނަމަ އޭނާއަށް އެންމެ އަވަހަށްވެސް ކުޅެވެން އޮތީ 2027 ވަނަ އަހަރުއެވެ. އޭރު ޕޮގްބާއަށް ހުންނާނީ އުމުރުން 34 އަހަރުވެފައެވެ. ނަމަވެސް ކާސްގެ ނިންމުމާއެކު އަންނަ އަހަރު ޖެނުއަރީ މަހު ޕޮގްބާ ތަމްރީނުތަކަށް ނުކުމެ، މާޗު މަހު ދަނޑު މައްޗަށް ނުކުންނާނެއެވެ.
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ