ގިނަ ބަދަލުތަކަކާއެކު ނުކުމެވެސް، ޗެލްސީން ޔޫއެފާ ކޮންފަރެންސް ލީގުގައި ރޭ ކުޅުނު މެޗުގައި ޖެންޓް ކައިރިން މޮޅުވެއްޖެއެވެ.

ޗެލްސީން ލީގުގައިވެސް މިވަގުތު ރަނގަޅު ފޯމެއްގައި ކުޅެމުންދާ އިރު، ރޭ އަމިއްލަ ދަނޑުގައި ޖެންޓް ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި ބްރައިޓަން ކައިރިން މޮޅުވި އިރު، އެމެޗުގައި ނުކުތް ފުރަތަމަ 11 ކޯޗު އެންޒޯ މަރެސްކާ ވަނީ އެއްކޮށް ބަދަލުކޮށްފައެވެ. އެ ބަދަލުތަކާއެކުވެސް ޗެލްސީން ވަނީ ރޭގެ މެޗުގައި ރަނގަޅު އެޓޭކިން ކުޅުމެއް ދައްކައިފައެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ޗެލްސީން ލީޑު ނަގާފައި ވަނީ ޑިފެންޑަރު ރެނާޓޯ ވެއިގާ ޖެހި ގޯލުންނެވެ. މީހައިލޯ މުޑްރީކްގެ ހުރަސް ގޯލަށް ވައްދާލައި، ވެއިގާ ޗެލްސީ ޖާޒީގައި ފުރަތަމަ ގޯލު ޖެހި އިރު، ދެވަނަ ހާފަށް ނުކުމެ ތިން މިނެޓްފަހުން ޗެލްސީ ދެވަނަ ގޯލެއް ޖެހިއެވެ. އެ ގޯލަކީ ޕެޑްރޯ ނެޓޯ ކާމިޔާބުކޮށްދިން ގޯލެކެވެ.

ދެ ގޯލުގެ ލީޑެއްގައި ޗެލްސީން އޮއްވާ 50 ވަނަ މިނެޓުގައި ޖެންޓްގެ ޑިފެންޑަރު ޓްސުޔޯޝީ ގޯލު ޖަހައި އެޓީމަށް އުންމީދެއް ހޯދައިދިން ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން ކްރިސްޓޮފާ އެންކުންކޫ ވަނީ އަނެއްކާވެސް ޗެލްސީ ހަމަޖައްސާލަ ދީފައެވެ. ރީބައުންސް ބޯޅައަކަށް އަރައި އެންކުންކޫ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ޑޭވީ ރޮއެފް ފައިގައި ޖެހިފައެވެ.

ޗެލްސީން ރަނގަޅަށް ކުޅެމުން ގޮސް ހަތަރު ވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލަކީ މެދުތެރެއިން ކުޅެމުންދިޔަ ކީރްނަން ޑިއުސްބެރީ-ހޯލް ޖެހި ގޯލެކެވެ. ޖެންޓަށް އެޓީމުގެ ދެވަނަ ގޯލު މެޗުގައި ޖަހައިދިނީ އޮމްރީ ގަންޑެލްމަންއެވެ.

ޗެލްސީ ކޮޅަށް ރޭގެ މެޗުގައި ދެ ގޯލު ވަން ނަމަވެސް، އެޓީމުގެ ފަރާތުން ފެނިގެން ދިޔައީ ސްކޮޑުގެ ކޮލިޓީއެވެ. 11 ބަދަލާއެކުވެސް މެޗުން މޮޅެއް ހޯދި އިރު، ޗެލްސީން މި ސީޒަނަށް ކުރި އެންމެ ބޮޑު އެއް ޓާގެޓަކީވެސް ކޮންފަރެންސް ލީގު ކާމިޔާބު ކުރުމެވެ. ޗެލްސީން ވަނީ މީގެ ކުރިން ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.