ޗެލްސީއާ ދެކޮޅަށް މިރޭ ކުޅޭ ޔޫއެފާ ކޮންފަރެންސް ލީގު ފައިނަލުގައި ރެއާލް ބެޓިސްއަކީ އަންޑަ ޑޯގް ޓީމު ނޫން ކަމަށް ކޯޗު މެނުއަލް ޕެލެގްރީނީ ބުނެފިއެވެ.

ޗެލްސީއާއި ބެޓިސް، ޔޫއެފާ ކޮންފަރެންސް ލީގު ފައިނަލަށް މިރޭ ނުކުންނައިރު، މިއީ ބެޓިސްގެ ފުރަތަމަ ޔޫރަޕްގެ ފައިނަލެވެ. އެހެންކަމުން މިރޭގެ މެޗަކީ އެ ޓީމަށް ތާރީހީ މެޗެކެވެ. ބެޓިސް މީގެ ކުރިން ޑޮމެސްޓިކް ކާމިޔާބީތައް ހޯދި ނަމަވެސް، އެ ޓީމަށް ޔޫރަޕްގައި އަދި ކާމިޔާބީއެއް ލިބިފައެއް ނެތެވެ.

އަނެއްކޮޅުން ނުކުންނަ ޗެލްސީއަކީ ޔޫރަޕްގައި ކާމިޔާބު ޓީމެކެވެ. އެ ޓީމުން މީގެ ކުރިން ދެ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައި، ޔޫރޮޕާ ލީގުވެސް ކާމިޔާބު ކޮށްފައިވާއިރު، މިރޭގެ ތައްޓާއެކު ޔޫރަޕްގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރި ހަމައެކަނި ޓީމަށްވުމުގެ ފުރުސަތު އެބަ އޮތެވެ.

"އަހަންނަކަށް ހިޔެއް ނުވޭ މިއީ ޑޭވިޑާއި ގޮލައިތުގެ ކުރިމަތިލުމެއް ހެނެއް. އަހަރެމެންނަށްވެސް މި ފައިނަލުގައި ޗެލްސީއާ އެއްވަރަށް އަހަރެމެންނަށްވެސް ފުރުސަތު އެބަ އޮތް،" ތަޖުރިބާކާރު ކޯޗު ޕެލިގްރީނީ ބުންޏެވެ.

ޕެލިގްރީނީ ބުނީ ޖަޒުބާތުގައި ޖެހިގެން ފައިނަލުން މޮޅު ނުވާނެ ކަމަށާއި ވިސްނަން ޖެހޭނީ ޗެލްސީއަށް ދުލެއް ނުދީ ކުޅެވޭނެ ގޮތެއް ކަމަށެވެ.

"އަހަރެމެން މުޅި ސީޒަނުގައި ކުރި މަސައްކަތުން މި ފައިނަލާ ހަމައަށް އާދެވުނީ. އަހަރެމެން ފައިނަލަށް ނުކުންނަނީ 'އަންޑާ ޑޯގުން" ގޮތުގައެއް ނޫން. މިއީ ބެޓިސްއަށް ހައްގު ފައިނަލެއް،" ޕެލިގްރީނީ ބުންޏެވެ.