ކްރިސްޓަލް ޕެލެސްއިން ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށް، އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕުގެ ބޮޑު މުބާރާތެއްގެ ތަށި އުފުލާލައިފިއެވެ.
ޖަރުމަނުގެ ލެއިޕްޒިގުގެ ރެޑްބުލް އެރީނާގައި ކުޅުނު ކޮންފަރެންސް ލީގު ފައިނަލް މެޗުގައި, އިނގިރޭސިވިލާތުގެ ޕެލެސްއިން ސްޕެއިންގެ ރަޔޯ ވަޔެކާނޯގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.
ކޯޗު އޮލިވާ ގްލާސްނާ މި ސީޒަނަށްފަހު ޕެލެސް ދޫކޮށްލަން ނިންމާފައިވާ އިރު، މިދިޔަ 12 މަސްދުވަހުގެ ތެރޭގައި އޭނާ ވަނީ ޕެލެސްއަށް ތިން ތަށި ހޯދައިދީފައެވެ. އެއީ އެފްއޭ ކަޕާއި ކޮމިއުނިޓީ ޝީލްޑްގެ އިތުރުން ކޮންފަރެންސް ލީގެވެ.
ރޭ ކުޅުނު ފައިނަލް މެޗުގެ ހަމައެކަނި ގޯލް ފެނުނީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަމިނިޓު ތެރޭ ގޯލް ޖެހީ ފްރާންސްގެ ފޯވާޑް، ޖިއަން ފިލީޕް މަޓޭޓާއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެޑަމް ވާޓަން ފޮނުވާލި ހަމަލާ ރަޔޯ ވަޔެކާނޯގެ ކީޕަރު އަގަސްޓޯ ބަޓާލާ އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު މަޓޭޓާ ވަނީ ގޯލަށް ބޯޅަ ވައްދާލައިފައެވެ.
ޕެލަސްގެ ސްޕެއިން ތަރި، ޔެރެމީ ޕީނޯ ފޮނުވާލި ބޯޅަ ދަނޑިއަށް އަމާޒުވި އިރު، ޕެލަސްގެ ކީޕަރު ޑީން ހެންޑަސަން ވަނީ މެޗުގައި ރަޔޯ ލަނޑެއް ޖެހިޔަނުދީ ނިންމާލުމަށް މޮޅު ކުޅުމެއް ދައްކައިފައެވެ.
ކޮންފަރެންސް ލީގާއެކު އަންނަ ސީޒަނުގެ ޔޫރޮޕާ ލީގު ޖާގައެއް ޕެލެސްއިން ހޯދި އިރު، ޕެލެސްއަކީ ކޮންފްރެންސް ލީގު ކާމިޔާބުކުރި ތިންވަނަ އިނގިރޭސި ކްލަބެވެ. 2022 ވަނަ އަހަރު ބާއްވަން ފެށި ޔޫރަޕްގެ ތިންވަނަ ފަންތީގެ މުބާރާތް، ކޮންފަރެންސް ލީގުގެ ފުރަތަމަ ޗެމްޕިއަނަކީ ރޯމާއެވެ. އޭގެފަހުން ވެސްޓް ހޭމް، އޮލިމްޕިއާކޯސް އަދި ޗެލްސީންވެސް މުބާރާތް ހޯދިއެވެ.
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު