މިއަހަރުގެ ވިންޓާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެއާޕޯޓް އޮޕަރޭޝަންސް ޑިވިޝަނުން ބައްދަލުވުމެއް ބާއްވައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އޮޕަރޭޝަންތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.
ވިންޓާ ސީޒަން ނުވަތަ ނޮވެމްބަރުމަހުގެ ފަހުކޮޅާއި ޑިސެމްބަރު މަހަކީ ޔޫރަޕުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ސީޒަނެވެ. އެ ސީޒަނުގައި ވީއައިއޭގެ ހިދުމަތްތަކަށް ވަރަށް ބޮޑަށް ބާރުބޮޑުވެއެވެ.
އެމްއޭސީއެލުން މިއަދު ބުނީ ވިންޓާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް އަދި ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަރީފް ވަނީ، ވިންޓާ ސީޒަނަށް ތައްޔާރުވަމުންދާ އިރު، އާ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ވެސް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އާ ބެގޭޖް ހޭންޑްލިން ސިސްޓަމުގެ ސަބަބުން ވީއައިއޭގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިވެ، ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެކަން ޝަރީފު ވަނީ ފާހަގަކުރައްވާފައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.
މީގެ އިތުރުން ކުންފުނީގެ ލަނޑުދަނޑިތަކާއި އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުންނާއި މެނޭޖްމަންޓް ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދާނެކަން ފާހަގަކޮށް، އިކުއިޕްމަންޓް އަޕްގްރޭޑްކުރުމާއި ހިދުމަތްތައް ރަނގަޅުކުރުމަށް އިސްކަންދޭނެ ކަމަށް ޝަރީފު ވިދާޅުވި ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އަދި ކުރިއަށްއޮތް ތަނުގައި އެފަދަ އިތުރު މަޝްވަރާތައް ކުންފުނީގެ ހިއްސާދާރުންނާއެކު ބޭއްވުމަށް ނިންމާފައިވާކަން ޝަރީފު ހާމަކުރެއްވި ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ވީއައިއޭއިން، ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އެގޮތުން މިހާރު ބޭނުންކުރާ ޓާމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު