ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ އެސްޓަން ވިލާއިން ވަރުގަދަ ބަޔާން މިއުނިކް ބަލިކުރި އިރު، ލިލްއިން އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.
ވިލާއިން ރޭގެ މެޗަށް ނުކުތް އިރު، އެޓީމުގެ މެޗަށް އޮތީ ތާރީހުގެ ހިޔަނި އެޅިފައެވެ. ވިލާ އާއި ބަޔާނުން ރޭ ކުޅުނު މެޗުގެ ކުރިން އެންމެފަހުން ވާދަކޮށްފައި ވަނީ 1982 ވަނަ އަހަރު ޔޫރޮޕިއަން ކަޕް ފައިނަލްގައެވެ. އެ މެޗުގައި ޖަރުމަނުގެ ވަރުގަދަ ބަޔާންގެ މައްޗަށް ވިލާއިން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
ރޭ ވިލާ ޕާކްގައި ކުޅުނު މެޗުގައި ބަޔާން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
ވިލާއިން ރޭގެ މެޗު ރަނގަޅު ޓެމްޕޯއެއްގައި ފަށައި، އެޓީމުން ހަމަލާތަކަށް މަސައްކަތް ކުރަމުން ގޮސްފައިވެއެވެ. އެ މަސައްކަތުގައި މެޗުގެ 22 ވަނަ މިނެޓުގައި ފޮނުވާލި ހަމަލާއެއް ޕައު ޓޮރެސް ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އޭނާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.
މެޗުގައި ހަމަލާތައް މަދުކޮށް ފެނިގެން ގޮސްފައިވާ އިރު، 70 ވަނަ މިނެޓުގައި ވިލާއިން ވަނީ ޖޯން ޑުރާން ޖެހި ގޯލުން ލީޑު ނަގައިފައެވެ. އެ ގޯލާއެކު ވިލާ ޕާކް ފުރާލާފައި އޮތް ސަޕޯޓަރުން ގުގުމާލި އިރު، ވިލާއިން ތާރީހީ މޮޅެއް ހޯދިއެވެ.
ލީގު ބުރުގައި ރޭ ރެއާލުން ރަށުން ބޭރުގައި ކުޅުނު މެޗުގައި ލިލް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭ ރެއާލުން ބަލިވި މެޗަކީ 2023 ވަނަ އަހަރު މޭ މަހަށްފަހު އެޓީމުން ޗެމްޕިއަންސް ލީގުގައި ބަލިވި ފުރަތަމަ މެޗެވެ. އޭގެ އިތުރުން އެއީ މިދިޔަ 36 މެޗުގައި ރެއާލުން ބަލިވި ފުރަތަމަ މެޗެވެ. ރޭގެ ކުރިން ރެއާލުން އެންމެ ފަހުން ބަލިވެފައި އޮތީ ޖެނުއަރީ 18 ވަނަ ދުވަހުއެވެ.
ރޭގެ މެޗުގައި ލިލްއިން ޖެހި ހަމައެކަނި ގޯލު ޖަހައިދިނީ ޖޮނަތަން ޑޭވިޑެވެ. އެއީ އެޑުއާޑޯ ކަމަވިންގާ، އެޑޮން ޒެގްރޯވާއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުންނެވެ.
ރޭގެ މެޗުގައި ރެއާލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އުމުރުން 18 އަހަރުގެ ފޯވަޑް އެންޑްރިކާއި އަނިޔާއިން ރަނގަޅުވެ މެޗަށް ނުކުތް ކިލިއަން އެމްބާޕޭއަށް ވެސް މާ ބޮޑު ތަފާތެއް ނުދެއްކުނެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު