މި ސީޒަނަކީ އާސެނަލުން ލީގު ތަށްޓަކަށް ކުރަމުން އަންނަ އިންތިޒާރަށް ނިމުން ގެންނާނެ ސީޒަން ކަމަށް އެޓީމުގެ ޒުވާން ތަރި، ބުކަޔޯ ސަކާ ބުނެފިއެވެ.

ރޭ އާސެނަލުން ޕީއެސްޖީއާ ދެކޮޅަށް ކުޅެ، 2-0 އިން މޮޅުވި މެޗަށްފަހު އުމުރުން 23 އަހަރުގެ ސަކާ ބުނީ މިދިޔަ ދެތިން ސީޒަނެއްގައި ތަށްޓެއް ނުލިބި، ވަރަށް ގިނަ މުބާރާތްތަކެއްގެ ރަނަރަޕް ގޮތުގައި ނިންމާލަން ޖެހިއްޖެ ކަމަށާއި އެއީ ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމަށެވެ.

އާސެނަލުން މިދިޔަ ދެ ސީޒަނުގެ ލީގުވެސް ނިންމާލީ ދެވަނައިގައެވެ. މިދިޔަ ސީޒަނުގައި ވެސް ލީގުގެ ބޮޑު ބައެއްގައި އާސެނަލުން ލީގު ލީޑު ކުރަމުން ގޮސް، އެ ލީޑު ގެއްލުވާނީ ފަހުވަގުތުގައެވެ. އެޓީމުން އެންމެފަހުން ޕްރިމިއާ ލީގު ތަށި ހޯދީ މީގެ 21 އަހަރު ކުރިންނެވެ. އެއީ 2003-04 ވަނަ އަހަރު ސީޒަނުގައި އާސެން ވެންގާގެ ކޯޗުކަމުގެ ދަށުގައެވެ.

"އަހަރެން ބޭނުމެއް ނޫން މާ ބޮޑަށް ޕްރެޝަރު ކުރާކަށް ވެސް ޓީމަކަށް. އެހެންވިޔަސް އަހަރެން ގަބޫލުކުރާ ގޮތުގައި މިއީ އާސެނަލުން ތަށީގެ އިންތިޒާރަށް ނިމުން ގެންނަ އަހަރު. މިއީ އާސެނަލުން ލީގު ހޯދާނެ ސީޒަން،" ސަކާ ބުންޏެވެ.

އާސެނަލާ އެކު މިދިޔަ ދެ ސީޒަނުގެ ލީގުގައިވެސް ދެވަނައިގައި ސަކާ ނިންމާލި އިރު، އޭނާއަކީ 2021 އަދި 2024 ވަނަ އަހަރު ޔޫރޯގެ ރަނަރަޕް ގޮތުގައި ނިންމާލި އިންގްލެންޑް ޓީމުގައިވެސް ހިމެނުނު ކުޅުންތެރިއެކެވެ.

"މީގެ ކުރިން އަހަންނަށް ވަރަށް ގިނަ މުބާރާތްތަކެއް ރަނަރަޕް ގޮތުގައި ނިންމާލަން ޖެހިއްޖެ. އެއީ ހިތްދަތި ކަމެއް. އަހަރެން ބޭނުންވަނީ މި ސީޒަން ކާމިޔާބުކުރަން،" ސަކާ ބުންޏެވެ.

ސަކާ ބުނީ ރޭ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ކުޅުމުން އެ ފެނުނީ ޓީމުގެ ހިތްވަރު ކަމަށާއި ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅެ މޮޅުވުމަކީ ޓީމުގެ ފެންވަރު ސާބިތުކޮށްދޭނެ ކަމެއް ކަމަށެވެ.