ފުޓުބޯޅަ ދުށް އެންމެ ކާމިޔާބު އެއް މިޑްފީލްޑަރު، ސްޕެއިންގެ އަންދްރޭސް އިނިއެސްޓާ ފުޓުބޯޅަ ހުއްޓާލަން ތައްޔާރުވެފައިވާ ކަމަށް އޭނާ ބުނެފިއެވެ.

އިނިއެސްޓާ ފުޓުބޯޅަ ހުއްޓާލަން ނިންމާފައި ވަނީ އަންނަ މަހުގައެވެ. އިިނިއެސްޓާ އެންމެފަހުން ކުޅެފައި ވަނީ ޔޫއޭއީގެ އެމިރެޓްސް ކްލަބަށެވެ. 2023 ވަނަ އަހަރު އެ ކްލަބަށް ބަދަލުވެ، މިދިޔަ ސީޒަން އެ ކްލަބާއެކު ހޭދަކޮށްފައިވާ އިރު، ކުރިއަށް އޮތް ސީޒަނަށް އެއްބަސްވުން އާކުރަން ނުވިސްނާ ކަމަށް އިނިއެސްޓާ ވަނީ ނޫސްތަކަށް ބުނެފިއެވެ.

އިނިއެސްޓާ ބުނީ އޭނާ ރަސްމީކޮށް ފުޓުބޯޅަ ހުއްޓާލާނީ އޮކްޓޯބަރު އަށްވަނަ ދުވަހުގައި ކަމަށާއި އެއީ އޭނާގެ ޖާޒީ ނަމްބަރު އަށަކަށް ދޭ ހާއްސަ ޝަރަފެއްގެ ގޮތުން ކަމަށެވެ.

އިނިއެސްޓާ 2002 ވަނަ އަހަރުން ފެށިގެން ބާސާގެ ސީނިއާ ޓީމަށް ކުޅެން ފަށައި، އެ ކްލަބާއެކު 442 މެޗު ކުޅެފައިވެއެވެ. ސީނިއާ ޓީމަށް ކުޅުމުގެ ކުރިން ލަ މަސިއާގައި 1996 ވަނަ އަހަރުން ފެށިގެން އިނިއެސްޓާ ހޭދަކުރީ ބާސާގައެވެ. ދިގު ކެރިއަރަކަށްފަހު އިނިއެސްޓާ ބާސާ ދޫކޮށްލީ 2018 ވަނަ އަހަރުއެވެ.

ބާސާއާ އެކު ނުވަ ފަހަރަށް ލީގު ކާމިޔާބުކޮށް، ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ހޯދުމުގެ އިތުރުން އެ ކްލަބާއެކު ތިން ފަހަރު ފީފާ ކްލަބު ވޯލްޑް ކަޕްވެސް އިނިއެސްޓާ ކާމިޔާބު ކޮށްފައިވެއެވެ.

އޭގެފަހުން ޖަޕާން ލީގުގެ ވިސެލް ކޯބަށް ގޮސް ޖަޕާނު ލީގުވެސް ކާމިޔާބު ކޮށްފައިވާ އިނިއެސްޓާ 2005 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ސްޕެއިން ގައުމީ ޓީމަށްވެސް 131 މެޗު ކުޅެފައިވެއެވެ. އެއީ ސްޕެއިން ގައުމީ ޓީމުގެ ރަން ދުވަސްތަކެވެ. އިނިއެސްޓާ ވަނީ އެޓީމުން 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުލުފުލުގައި ކާމިޔާބު ކުރި ޓީމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ.