ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ އާސެނަލުން ޕީއެސްޖީ ބަލިކުރި އިރު، މެންޗެސްޓާ ސިޓީއާއި ބާސެލޯނާއިން ކުޅުނު މެޗުތައް ތަފާތު ބޮޑުކޮށް ކާމިޔާބުކޮށްފިއެވެ.

އެހެން ސީޒަންތަކާ ހިލާފަށް މިސީޒަނުގެ ޗެމްޕިއަންސް ލީގު ކުރިއަށްދަނީ މުޅިން އާ ފޯމެޓަކަށެވެ. ޗެމްޕިއަންސް ލީގުގައި މިފަހަރު ޖުމުލަ 36 ޓީމުން ވާދަކުރާނެއެވެ. ކޮންމެ ޓީމަކުންވެސް ހޯމް ހަތަރު މެޗު، އަވޭ ހަތަރު މެޗު، ޖުމުލަ އަށް މެޗު ލީގު ބުރުގައި ކުޅޭނެއެވެ. ޓީމުތައް ކުޅޭނީ ލީގެކެވެ. 36 ޓީމަކީ އެއް ގްރޫޕެއްގެ ޓީމުތަކެވެ. ލީގު ބުރުގައި އެއް ގައުމެއްގެ ދެ ޓީމެއް ވާދަކުރާކަށް ނުޖެހޭނެއެވެ.

ލީގު ބުރު ނިމޭއިރު އެންމެ ޕޮއިންޓް ގިނަ އަށް ޓީމު އޮޓޮމެޓިކުން ގަދަ 16 އަށް ދާނެއެވެ. އަދި ނުވަވަނަ އިން، 24 ވަނައާ ދޭތެރޭ ނިންމާލާ ޓީމުތަކުގެ މެދުގައި ދެ ލެގުގެ ކޮލިފިކޭޝަން ދެ ލެގު ކުޅެގެން ގަދަ 16 އަށް ޓީމުތަކަށް ދެވޭނެއެވެ.

ލީގު ބުރުގައި އާސެނަލުން ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް އާސެނަލުން ލީގު ބުރުގައި ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އަނެއް މެޗުން އެއްވަރުވެފައިވާ އިރު، އެޓީމު އޮތީ އަށް ވަނައިގައެވެ. ކުޅުނު ދެމެޗުން އެއް މޮޅާއެކު ޕީއެސްޖީ އޮތީ ލީގުގެ 18 ވަނައިގައެވެ.

އާސެނަލުން ރޭ ކުޅުނު މެޗުގައި އެޓީމުގެ ފަރާތުން ފެނުނު ދެ ގޯލުވެސް ފެނުނީ ފުރަތަމަ ހާފުގައެވެ. 20 ވަނަ މިނެޓުގައި ކައި ހަވާޓްސް އާސެނަލަށް ލީޑު ނަގައިދިނީ ލެއާންޑްރޯ ޓްރޮސާޑް ނަގައިދިން ހުރަސްބޮލުން ގޯލަށް ވައްދާލައިގެންނެވެ.

އޭގެ 15 ވަރަކަށް މިނެޓްފަހުން ބުކަޔޯ ސަކާގެ ހިލޭ ޖެހުމަކާއެކު އާސެނަލުން ލީޑު ފުޅާކުރި އިރު، އޭގެފަހުން ޕީއެސްޖީއަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުއެވެ. އެގޮތުން ނޫނޯ މެންޑޭސްއާއި ޖާއޯ ނެވޭސް ފޮނުވާލި ބޯޅަތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ބާސެލޯނާއިން ޔަންގް ބޯއީސް ކައިރިން 5-0 އިން މޮޅުވި އިރު، އެޓީމުގެ ފަސް ގޯލުގެ ތެރެއިން ދެގޯލު ޖެހީ ފޯމުގައި ހުރި ވެޓެރެން ފޯވަޑް ރޮބާޓް ލެވަންޑޯސްކީއެވެ. އޭގެ އިތުރުން ރަފީނިއާއި އިނީގޯ މާޓިނޭޒް ދެ ގޯލު ޖެހި އިރު، އަނެއް ގޯލަކީ މުހައްމަދު އަލީ ކަމާރާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ބާސާއިން މިހާތަނަށް ކުޅުނު އެއް މެޗުން މޮޅުވެ، އެޓީމު 10 ވަނައިގައި އޮތް އިރު، މެންޗެސްޓާ ސިޓީން ރޭ އާ ފޯމެޓްގައި ފުރަތަމަ މޮޅެއް ހޯދީ ރަށުން ބޭރުގައި ސްލޮވަން 0-4 އިން ބަލިކޮށްގެންނެވެ. މެޗުގައި އިލްކާއީ ގުންޑޮގަންގެ އިތުރުން ފިލް ފޮޑެންނާއި އާލިން ހާލަންޑް އަދި ޖޭޟްސް މެކަޓީ ގޯލުތައް ޖެހި އިރު، މެޗުގައި ސިޓީން ޑޮމިނޭޓްކޮށް އިތުރު ގިނަ ހަމާލަތަކެއްވެސް އުފެއްދިއެވެ.

ޖެރަމީ ޑޮކޫއާއި ފޮޑެން އަދި ގުންޑޮގަންގެ ހަމަލާތައްވެސް ދަނޑިއަށް އަމާޒުވެފައިވާ އިރު، މެޗުގައި ހާލަންޑް ޖެހީ މި ސީޒަނުގައި އޭނާ ޖެހި 11 ވަނަ ގޯލެވެ.