ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ރާއްޖެއަށް ވަންނަ ހުރިހާ ބޭރު ފައިސާއެއް ރާއްޖޭގެ ބޭންކަކަށް ޖަމާކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާބެހޭ ގަވާއިދެއް ހަދައި, މިއަދު ގެޒެޓުކޮށްފިއެވެ.
މަރުކަޒީ ބޭންކް, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ގަވާއިދުގައި ބުނެފައިވާ ގޮތުން ޓޫރިޒަމްގެ ދާއިރާ އިން ފައިސާގެ މުއާމަލާތްތައް ހިންގަން ވާނީ ރުފިޔާއިންނެވެ. ނަމަވެސް 11 ކަމެއް ވަނީ އިސްތިސްނާކޮށްފައެވެ.
- ބޭރު ފައިސާއަކުން ސަރުކާރަށް ނުވަތަ ދައުލަތަށް ދެއްކުމަށް ހުއްދަކުރާ ފައިސާ ދެއްކުމާއި އެ ފައިސާ ބަލައިގަތުން
- ބޭންކުތަކާއި ފައިނޭންސިން ކުންފުނިތަކުން ދޭ ހިދުމަތްތަކާއި އެ އިދާރާތަކާއި ކަސްޓަމަރުންނާ ދެމެދު ކުރެވޭ މުއާމަލާތްތައް
- ރެމިޓެންސް ހިދުމަތްދޭ ފަރާތްތަކާއެކު ހިންގާ މުއާމަލާތްތައް
- ޓޫރިޒަމް ދާއިރާގެ ފަރާތްތަކަށް ވިއްކާ އިންޝުއަރެންސް ޕޮލިސީތަކާ ގުޅޭ މުއާމަލާތްތައް
- ބައިނަލްއަގުވާމީ މުއާމަލާތްތައް
- ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު
- އެކްސްޕޯޓް ކުރެވޭ މުދަލާއި ހިދުމަތުގެ އަގު
- ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ގަންނަ މުދަލާއި ހޯދާ ހިދުމަތަކަށް
- ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުންވާ ނަމަ, ޑިވިޑެންޑް ދިނުމުގައި ހިއްސާދާރުންނާ ދެމެދު ހިންގާ މުއާމަލާތްތައް
- ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިއެއްގެ ހިއްސާ ގަނެވިއްކުން
- ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުންވާ ނަމަ, މުސާރައައި އިނާޔަތް ދިނުން
އެހެންކަމުން ރިސޯޓްތަކަށް ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ޓޫރިސްޓުންނަށް ދޭ ހިދުމަތްތައް ބޭރު ފައިސާ އިން ބަލައިގަތުމަކީ މަނާކަމެއް ނޫނެވެ.
އެ ގަވާއިދުގައި ބުނެފައިވާ ގޮތުން, އެ ގަވާއިދަށް އަމަލުކުރަން ފަށާއިރު ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މީރާގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީ ކުރަން އެމްއެމްއޭއަށް ހުށަހަޅަންޖެހެއެވެ.
ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ކޮންމެ މަހެއްގެ ތެރޭގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ ތަފުސީލު ލަސްވެގެން ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭ އިން ކަނޑައަޅާ ގޮތަކަށް އެ އޮތޯރިޓީއަށް ހުށަހަޅަންޖެހެއެވެ.
އަދި ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމުލަ އަދަދު (ރިއަލައިޒްޑް ސޭލްސް ޕްރޮސީޑްސް) އެކުގައި, އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފާ ނުވަތަ ޖަމާކުރަންވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.
އެހެންކަމުން މިސާލަކަށް, އޮކްޓޯބަރު 2024 ގައި ރިއަލައިޒްވާ ސޭލްސް ޕްރޮސީޑްސް ލަސްވެގެން 28 ޖެނުއަރީ 2025 ގައި ބޭންކް އެކައުންޓަކަށް ޖަމާކުރަންޖެހޭނެއެވެ. އަދި އެގޮތަށް ދައްކަންޖެހޭ ފައިސާ ޖަމާކުރާނީ އެމެރިކާ ޑޮލަރުން ނުވަތަ އޮތޯރިޓީން ހުއްދަކުރާ އެހެންވެސް ބޭރު ފައިސާއަކުންނެވެ.
ގަވާއިދުގައި އިތުރަށް ބުނެފައިވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ބޭންކަކަށް ބޭރު ފައިސާ ޓްރާންސްފާ ނުވަތަ ޖަމާކުރުމަށްފަހު، އެކަމުގެ މައުލޫމާތާއި އެމްއެމްއޭ އިން އަންގާ އެހެންވެސް މައުލޫމާތު، އެ އޮތޯރިޓީއަށް ހުށަހަޅަންޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު