ފްރާންސްގެ ގައުމީ ޓީމާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އެ ގައުމުގެ ލެޖެންޑަރީ ކުޅުންތެރިޔާ އެންޓޮއިން ގްރީޒްމަން ގައުމީ ޓީމަށް ރަސްމީކޮށް ކުޅުން ހުއްޓާލައިފިއެވެ.
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އުމުރުން 33 އަހަރުގެ ފޯވަޑް ގްރީޒްމަން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރީ އިއްޔެއެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 137 މެޗު ކުޅެ، 44 ގޯލު ޖަހައި ދީފައެވެ. ފްރާންސުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި ޓީމުގައި ގްރީޒްމަން މުހިންމު ދައުރެއް އަދާކޮށްފައިވާ އިރު، އެ ފަހަރުގެ ފައިނަލް މެޗުގައި އޭނާ ވަނީ ކްރޮއޭޝިއާ ކޮޅަށް ގޯލުވެސް ޖަހައިފައެވެ.
"ދިހަ އަހަރުގެ ކާމިޔާބު، ހަނދާނުން ފިލައިގެން ނުދާނެ ފަދަ އުފާވެރި ކެރިއަރެއް ނިންމާލައި، އާ ޖީލަކަށް ފުރުސަތު ދޭން އަހަރެން ތައްޔާރު. މިއީ މުޅިން އާ ބާބެއްގެ ފެށުމެއް. މުޅި ކެރިއަރުގައި އެހީތެރިވެދިން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ފްރާންސް އާއެކު 2021 ވަނަ އަހަރުގެ ނޭޝަންސް ލީގުވެސް ކާމިޔާބު ކޮށްފައިވާ ގްރީޒްމަން ބުންޏެވެ.
އެންމެފަހުން ގައުމީ ޓީމުތަކުގެ މެޗުތައް ކުޅުނު އިންޓަނޭޝަނަލް ބްރޭކުގައި ފްރާންސުން ކުޅުނު ދެ މެޗުގައިވެސް ގްރީޒްމަން ފެނިގެން ގޮސްފައިވެއެވެ. އިޓަލީއާ ދެކޮޅަށް ކުޅެ 3-1 އިން ބަލިވި މެޗުގައި ގްރީޒްމަން ފުރަތަމަ 11 ގައި ކުޅެފައިވާ އިރު، އޭގެފަހުން ބެލްޖިއަމާ ދެކޮޅަށް ކުޅެ، 2-0 އިން މޮޅުވި މެޗުގައި ގްރީޒްމަން ފެނުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
ގްރީޒްމަންއަކީ ފްރާންސާއެކު 2016 ވަނަ އަހަރު ޔޫރޯ ފައިނަލްވެސް ކުޅުނު ކުޅުންތެރިޔައެކެވެ. އެ ފަހަރުގެ ޔޫރޯ މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައި ރަން ބޫޓުވެސް ހޯދީ އޭނާއެވެ. އޭގެފަހުން 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި އާޖެންޓީނާއާ ދެކޮޅަށްވެސް ގްރީޒްމަން ކުޅެފައިވެއެވެ.
ފްރާންސް
ފްރާންސް
ފްރާންސް
ފްރާންސް