ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކު 18 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކޯޓުން އެ ހުކުމް ކޮށްފައިވަނީ ނާޒިމް އިބްރާހީމް ކިޔާ މީހެއްގެ މައްޗަށެވެ.

ކޯޓުން ކުރި ހުކުމުގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ)ގެ ދަށުން ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ އާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން ނާޒިމު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ.

އަދި އެ ކުށުގެ އުގޫބާތެއްގެ ގޮތުން، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގެ ދަށުން، 18 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށްވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެއެވެ.