ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަސައްކަތުގައި ނުގެންގުޅުމަށް އިލްތިމާސްކުރައްވާ ކަމަށާއި ދިވެހީންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް މިއަދު ހުޅުމާލޭގައި ހިންގި އިންސްޕެކްޝަންގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޝަމްއާން ވިދާޅުވީ އިމިގްރޭޝަނާ މެދު އާންމުން ދެކޭ ގޮތް ބަދަލުވެ، އިތުބާރު ބޮޑުވެގެންދާކަން މިހާރު ފެންނަމުންދާ ކަމަށެވެ.

"އަޅުގަނޑު އިލްތިމާސްކުރަން ބޭނުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އެހީތެރިނުވާށޭ. އެ ފަރާތްތައް ތިބޭފުޅުންގެ ބެލުމުގެ ދަށުގައި ނުގެންގުޅުއްވާށޭ. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އާންމުންގެ އެއްބާރުލުން ވަރަށް މުހިންމު. އެހެންވީމާ އަޅުގަނޑު އެދެން އާންމުންގެ ފުރިހަމަ އެއްބާރުލުން މިކަމުގައި،" އޭނާ ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ އިމިގްރޭޝަންގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ކުރިއަށްއޮތް ތިން އަހަރުގެ ތެރޭގައި ހައްލުކުރުން ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"އޭގެ ތެރޭގައި ރެގިއުލަރައިޒް ވުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވިފައި. އަދި ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް، ރެކޯޑު ނެތް ފަރާތްތައް އަޅުގަނޑުމެންގެ ކުރަނގި އޮޕަރޭޝަންގެ ތެރޭގައި އެމީހުން ރަޖިސްޓާ ވެގެން އެމީހުންގެ އައިޑެންޓިޓީ އަޅުގަނޑުމެންނަށް ދިނުން ހިމެނޭ. އޭގެ އިތުރުން ތިންވަނަ ކަމަކަށް އެންފޯސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށް މި ގެންދަނީ، ރެއިޑް ކުރުމުގެ ކަންތައްތައް،" އޭނާ ވިދާޅުވިއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހުޅުމާލޭގައި މިއަދު ކުރިއަށްގެންދިޔަ މާސް އިންސްޕެކްޝަންގައި 200 އަށްވުރެ ގިނަ އޮފިސަރުން ބައިވެރިވެފައިވާ ކަމަށާއި އިމިގްރޭޝަންގެ އިތުރުން ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އުތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް އެ އިންސްޕެކްޝަންގައި ބައިވެރިވެފައިވާ ކަމަށެވެ.

ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ހިމެނޭހެން 27 ޒޯނެއް ބަލައި ފާސްކުރުމަށް މިއަދު ކުރިއަށްގެންދިޔަ އިންސްޕެކްޝަންގެ މަގުސަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުންދާ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަނެ، އެ ފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި އެފަދަ ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ދާދިފަހުން އިމިގްރޭޝަނުން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި ދިހަ މަސް ދުވަހުގެ ތެރޭގައި ގަވާއިދާ ހިލާފުވެގެން 4000 އަށްވުރެ ގިނަ ބިދޭސީން ވަނީ ފޮނުވާލައިފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިމަހުގެ 17 ގެ ނިޔަލަށް ގަވާއިދާ ހިލާފުވެގެން ޖުމުލަ 4054 ބިދޭސީއަކު ވަނީ އަނބުރާ ފޮނުވާލައިފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އިމިގްރޭޝަނުން ވަނީ ބިދޭސީން ދިރިއުޅޭ ތަންތަނާއި އެފަދަ ފަރާތްތަކުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންގޮސްފައެވެ. އޭގެ އިތުރުން ރާއްޖޭގައި ބިދޭސީން ދިރިއުޅޭ ހުރިހާ ތަނެއް ބަލައި ފާސްކުރުމަށް ވެސް ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.