ޖަރުމަނު ލީގުގައި ރޭ އެންމެފަހުގެ ޗެމްޕިއަން ބަޔާން ލެވަކޫސަން އާއި ބަޔާން މިއުނިކް ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭ ބަޔާންގެ އެލިއާންޒް އެރީނާގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވާ އިރު، މެޗުގައި ފެނިގެން ދިޔަ ދެ ގޯލުވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. މެޗުގެ ފަހުކޮޅުގައި ބަޔާންގެ އެއް ނަމްބަރު ފޯވަޑް ހެރީ ކޭންއަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، އޭނާގެ ކުޑަހުޅަށް ލިބުނު އަނިޔާ ވެގެންދާނީ ބަޔާނަށް ހާސްކަމަކަށެވެ.

މެޗަށްފަހު ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނީ އޭނާއަކީ ޓީމުގެ ޑޮކްޓަރު ނޫން ކަމަށާއި ބަލާބެލުމަށް އަނިޔާގެ ކުޑަ ބޮޑުމިން ބުނަން ނޭނގޭ ކަމަށެވެ. އަދި އަނިޔާގެ ސީރިއަސްކަން ބުނަން އެނގޭނީ އިތުރު ޓެސްޓްތައް ފުރިހަމަ ކުރުމަށްފަހު ކަމަށްވެސް ކޭން ބުންޏެވެ.

ކޮމްޕެނީ އިތުރަށް ބުނީ އެޓީމުން ޗެމްޕިއަންސް ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކޭން ފިޓްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ރޭގެ މެޗުގައި ލެވަކޫސަން ފުރަތަމަ ލީޑު ނެގީ ރޮބާޓް އެންޑްރިޗް ޖެހި ގޯލުންނެވެ. ގްރަނިޓް ޒަކާ ދުއްވާލި ބޯޅައަށް މަސައްކަތް އެންޑްރިޗް ގޯލު ޖެހީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

ބަޔާނުން ނަތީޖާ ހަމަހަމަ ކުރީ އޭގެ އަށް މިނެޓް ފަހުންނެވެ. އެ ގޯލަކީ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ވޮލީއެއްގައި އެލެކްސެންޑާ ޕެވްލޮވިޗް ޖެހި ރީތި ގޯލެކެވެ. އެ ބޯޅަ ހުއްޓުވަން ލެވަކޫސަންގެ ގޯލްކީޕަރު ލޫކަސް ހްރެޑެކީ މަސައްކަތް ކުރި ނަމަވެސް، ގޯލަށް ބޯޅަ ވަނީ އޭނާ އަތުގައި ޖެހިފައެވެ.