އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ވުލްވްސް ބަލިކޮށް، އެޓީމުން އެނބުރި ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ރޭ ލިވަޕޫލުން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެޓީމުން ތާވަލުގެ އެއްވަނައިގައި އޮތީ ހަ މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. މެންޗެސްޓާ ސިޓީ ތާވަލުގެ ދެވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް އާސެނަލަށްވެސް ހަ މެޗުން 14 ޕޮއިންޓ ލިބިފައިވާ އިރު، އެޓީމާ ސިޓީއާ ދެމެދު އޮތް ފަރަގަކީ ފައިދާ ގޯލެއްގެ ފަރަގެވެ.
ސިޓީން މިހަފުތާގައި ކުޅުނު މެޗުގައި ނިއުކާސަލްއާ އެއްވަރުވެފައި އޮތުމުން ލިވަޕޫލަށް އޮތީ މޮޅަކާ އެކު އެއްވަނައަށް އެރުމަށް ފުރުސަތު ލިބިފައެވެ. އެ ފުރުސަތުގެ ބޭނުން ހިފަން ތައްޔާރުވެ، ލިވަޕޫލުން ކުޅުނު މެޗުގައި ރޭ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމުން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ އިބްރާހިމަ ކޮނާޓޭއެވެ.
ލިވަޕޫލުން ލީޑު ނަގައިގެން ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ރަޔަން އަޔަތު-ނޫރީ ޖެހި ގޯލުން ވުލްވްސް އެއްވަރު ކުރިއެވެ. އެ ގޯލަށްފަހު ވުލްވްސްއިން އިތުރު ހަމަލާތަކަށް ވެސް މަސައްކަތް ކޮށްފައިވާ އިރު، މަތެއަސް ކޫނިއާ ފޮނުވާލި ހަމަލާ މަތަކުރީ އެލިސަން ބެކާއެވެ.
އަނެއްކޮޅުން ލިވަޕޫލުން މަޑުމަޑުން މެޗުގެ ކޮންޓްރޯލް ހޯދައި ވުލްވްސްއަށް ނުރައްކާ ކުރަމުން ދިޔައެވެ. މުހައްމަދު ސަލާހާއި ޑިއޭގޯ ޖޮޓާގެ ނުރައްކާ ފާހަގަކުރެވުނު އިރު، ސަލާހް ޕެނަލްޓީގައި ލިވަޕޫލަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ 61 ވަނަ މިނެޓުގައެވެ. ނެލްސަން ސަމެޑޯ އޭރިއާ ތެރެއިން ޖޮޓާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ސަލާހް ގޯލަށް ވައްދާލީ ހަމަޖެހިލައިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު