އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މިއަދު ލީގުގައި ކުޅުނު މެޗުގައި ނިއުކާސަލްއާ އެއްވަރުވެއްޖެއެވެ.
ނިއުކާސަލް ދަނޑުގައި މިއަދު ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވާ އިރު، މިއަދުގެ މެޗަކީ ނުފޫޒުގަދަ މިޑްފީލްޑަރު، ސްޕެއިންގެ ރޮޑްރީއަށް ބޮޑު އަނިޔާއެއްވި ފަހުން ސިޓީން ކުޅުނު ފުރަތަމަ މެޗެވެ. އެންމެފަހުން އާސެނަލާ ދެކޮޅަށް ލީގުގައި ސިޓީން ކުޅުނު މެޗުގައި ރޮޑްރީގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ސީޒަން އެއްކޮށް ގެއްލޭނެ ކަމަށް މިހާރު ވަނީ ވަރަށް ބޮޑަށް ޔަގީންވެފައެވެ.
ސިޓީއަށް މިދިޔަ ދެތިން ސީޒަނެއްގައި ވެސް އެންމެ މުހިއްމު ރޯލެއް އަދާކުރި ރޮޑްރީއަށް ލިބުނު އަނިޔާއާ އެކު ޕެޕް ގާޑިއޯލާއަށް ހާސްކަން ކުރިމަތިވެފައިވާ އިރު، މިއަދުގެ މެޗުގައި މެދުތެރެއިން ފެނުނީ ރިކޯ ވިލިއަމްސް އާއި މަޓެއޯ ކޮވަސިޗެވެ. ރޮޑްރީ ނެތްތައް ފޫބައްދަން މެޗުގައި އެ ދެކުޅުންތެރިންގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.
މެޗު ފެށިގެން ސިޓީން ކޮންޓްރޯލުގައި ކުޅެމުން ގޮސް، 35 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގައިފައެވެ. ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމަށް ލީޑު ނަގައިދިނީ ކްރޮއޭޝިއާގެ ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލެވެ.
ފުރަތަމަ ހާފުގައި ސިޓީއަށް އިތުރު ފުރުސަތުތައް ލިބި ބޭކާރުވިއެވެ. ނިކް ޕޯޕް އަތުން ހެދުނު ގޯހެއްގައި އިލްކާއީ ގުންޑޮގަންއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
ސިޓީއަށް ދެވަނަ ގޯލެއް ނުޖެހިގެން އުޅެނިކޮށް، ދެވަނަ ހާފުގެ ކުރީކޮޅުގައި ނިއުކާސަލް އެއްވަރު ކުރިއެވެ. އެއީ ޕެނަލްޓީއަކުންނެވެ. މެދުތެެރެއިން ބްރޫނޯ ގިމަރޭޝް ދުއްވާލި ޕާހަކާ އެކު އެންތޮނޯ ގޯޑޮން އޭރިއާ ތެރެއަށް ވަނުމުން އެޑަސަން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކުރީ ވެސް ގޯޑޮންއެވެ.
ދެ ޓީމުން ވެސް މެޗުން ތިން ޕޮއިންޓް ހޯދަން މަސައްކަތް ކޮށްފައިވާ އިރު، ނިއުކާސަލްގެ ޝޯން ލޯންގްސްޓާފަށް ލިބުނު ފުރުސަތު ނާކާމިޔާބުވެ، އަނެއްކޮޅުން ސިޓީގެ ބަނާޑޯ ސިލްވާ ޖެހި ބޯޅަ މަތަކުރީ ޕޯޕެވެ.
މިއަދުގެ މެޗުން ލިބުނު ޕޮއިންޓާ އެކު ސިޓީ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ލިވަޕޫލް ފަސް މެޗުން 12 ޕޮއިންޓާއެކު އޮތް އިރު، މި ހަފުތާގެ މެޗުން މޮޅުވެ، އެޓީމަށް އެއްވަނައަށް ޖެހިލެވޭނެއެވެ. ނިއުކާސަލް މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ. އެއީ ހަ މެޗުން 11 ޕޮއިންޓާއެކުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު