ހައުސިން މިނިސްޓްރީގެ ޕީއެސްގެ މަގާމު ނުދިނުމުން، ހއ. ކެލާ ފީރޯޒުގެ ފަތުހުﷲ އިސްމާއީލް، ބަދަލު ހޯދުމަށް ހުށަހެޅި ދެވަނަ މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ހުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ.
މި މައްސަލައަކީ ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް ފަތުހުالله އިސްމާއީލް ކުރިމަތިލުމުން އޭނާ އެމަގާމަށް ހޮވުނުކަމާއި އެ މަގާމަށް އައްޔަން ކުރެވޭނީ އެހެން މަގާމެއްގައި ހުރި ފަރާތެއްނަމަ، އެ މަގާމުން ވަކިވިކަމުގެ ލިޔުން ހުށަހެޅުމުން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެންގުމާ ގުޅިގެން، އޭނާ އަދާކުރަމުން ދިޔަ ވަޒީފާއިން ވަކި ވުމުންވެސް ޕީއެސްގެ މަގާމު ނުލިބިގެން ހުށަހެޅި މައްސަލައެކެވެ.
ސީއެސްސީގެ އެންގުމާ އެއްގޮތަށް އޭނާ އޭރު އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިވީ ފަހެއް ފެބްރުއަރީ 2015 ގައެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައެއް އެ ކޮމިޓީން ދިރާސާ ކުރަމުން ގެންދާތީ، އެ މަގާމަށް ފަތުހުﷲ ހަމަޖެއްސުން މަޑުޖައްސާލުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެދިފައިވާތީ، އެކަން މައުލޫމާތަށްޓަކައި އަންގާ ކަމަށް ބަޔާންކޮށް، ދޭއެއް އޭޕްރީލް 2015 ގައި ސީއެސްސީން ފަތުހުﷲ އަށް ސިޓީއެއް ފޮނުވިއެވެ.
ސީއެސްސީން އެދިގެން އޭނާ އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިވުމުން ވެސް، ޕީއެސްގެ މަގާމު ލިބުނުކަން އަންގައި، ވަޒީފާއަށް ނުކުންނަން އަންގާފައިނުވާތީ ސީއެސްސީއާ ދެކޮޅަށް ފަތުހުﷲ ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ.
އެ ދައުވާގައި ފަތުހުﷲ އެދިފައިވަނީ، އޭނާ އަދާމުރަމުން ދިޔަ ވަޒީފާއިން ވަކިވުމުން ވެސް ޕީއެސްގެ މަގާމަށް އައްޔަން ކޮށްފައިނުވާތީ އެކަމުގެ ބަދަލު ހޯދުމަށެވެ.
ފަތުހުﷲ އެދިފައިވާ ގޮތަށް އެ މައްސަލައިގައި ބަދަލު ނަގައިދެވޭނެ ގާނޫނީ އަދި ޝަރުއީ ހަމައެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރިއެވެ.
ނަމަވެސް އެ ހުކުމް ފަތުހުﷲ ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، ބަދަލުގެ ގޮތުގައި ފަތުހުﷲ އަދާކުރަމުންދިޔަ ސާކް ކޯސްޓަލް ޒޯން މެނޭޖްމަންޓް ސެންޓަރުގެ ޕްރޮގްރާމް އޮފިސަރުގެ މަގާމުން ވަކިކުރި ދުވަހުން ފެށިގެން އެ ވަޒީފާގެ މުއްދަތު ހަމަވާ ތާރީހު ކަމަށްވާ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި އޭނާއަށް 278،154 ރުފިޔާ ދޭންޖެހޭ ކަމަށް 25 ފެބްރުއަރީ 2020 ގައި ހައިކޯޓުން ހުކުމް ކުރިއެވެ.
ނަމަވެސް އޭގެ ފަހުން މި މައްސަލައާ ގުޅުން ހުރި އިތުރު ދައުވާއެއް ފަތުހުﷲ ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެއީ ސީއެސްއީ ކޮމިޝަން (ދައުލަތް) އާ ދެމެދު ގާނޫނީ ގޮތުން ބަނދެވިގެންދާ ތަންފީޒު ކުރެވޭނެ އެއްބަސްވުމެއް އޮތް ކަމަށް ހައިކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވާތީ ޕީއެސްގެ މަގާމަށް އޭނާ ހޮވުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް އެކީ އެއްފަހަރާ ލިބިދިނުމަށް ސީއެސްސީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، އެއީ އެކޯޓުގައި އިތުރަށް ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށެވެ.
އެ ހުކުމް ވެސް ފަތުހުﷲގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ހުކުމް ކޮށްފައި ވަނީ، އެކަމާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމް ބާތިލް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު