ދެހާސް ފަންސަވީސް ވަނަ އަހަރުގެ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގެ ގްރޫޕް އެފްގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި މިއަދު ޔަމަން ކައިރިންވެސް ބަލިވެއްޖެއެވެ.

މިއަދު ޖަކާޓާގެ މަދްޔާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރާއްޖެ ޔަމަން އަތުން ބަލިވީ 3-0 އިންނެވެ. މިއަދުގެ މެޗަށް ނުކުތްއިރު ރާއްޖެއިން ފުރަތަމަ ކުޅުނު މެޗުގައި އިންޑޮނޭޝިއާ ކައިރިން 4-0 އިން ބަލިވެފައި އޮތް އިރު، ދެން ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ އީސްޓް ޓިމޯއާ ދެކޮޅަށް އޮތް މެޗެވެ. އެ މެޗުން މޮޅުވި ނަމަވެސް ކޮލިފިކޭޝަންގައި ރާއްޖެއަށް މިހާރު އަމިއްލަ ބާރެއް ނެތެވެ. ރާއްޖެއަށް ކިރިޔާވެސް ފުރުސަތެއް އޮތީ މިރޭ އިންޑޮނޭޝިއާ ކުޅޭ މެޗުން ބަލިވެގެންނެވެ.

މިއަދުގެ މެޗުގެ ކުރީކޮޅުގައި ޔަމަނުން ވަނީ ރާއްޖެ ކޮޅަށް ގޯލު ޖަހައިފައެވެ. އެ ގޯލު ޖެހީ އަބްދެލް އައްބާސް ގާސެމްއެވެ. އަށްވަނަ މިނެޓުގައި އެ ގޯލު ޖަހައި ޔަމަނުން ހާފު ނިންމާލުމުގެ ކުރިން އިތުރު ގޯލެއް ޖެހިއެވެ. އެ ގޯލަކީ އަންވަރު ހުސައިން އަލް-ތުރައިގީ ޖެހި ގޯލެކެވެ.

ޔަމަނުން ތިންވަނަ ގޯލު މެޗުގައި ޖެހީ މުހައްމަދު އެއްސާމް އަލް-އަވާމީ އެވެ. ބަދަލަކަށް ނުކުތް އެއްސާމް އެ ގޯލު ޖެހީ މެޗުގެ 90 ވަނަ މިނެޓުގައެވެ.

ރާއްޖެއިން ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި އީސްޓް ޓިމޯއާ ދެކޮޅަށް ނުކުންނާނީ އާދީއްތަ ދުވަހު މެންދުރުފަހު 1:00 ގައެވެ.