ރާއްޖޭގެ އެންމެ ތާރީހީ އެއް ކްލަބު، ކްލަބު ވެލެންސިއާގެ ސަސްޕެންޝަން އުވިއްޖެއެވެ.

އެފްއޭއެމްގެ ރައީސް ކަމުގައި ބައްސާމް އަދީލް ޖަލީލް ހުންނެވި އިރު، އޭރުގެ އެކްސްކޯއިން ވެލެންސިއާ ސަސްޕެންޑްކުރަން ނިންމީ މިއަހަރުގެ މާޗު މަހުގައެވެ. އެއީ އެ ކްލަބަށް އެފްއޭއެމްގެ އިންތިހާބުގައި ބައިވެރިވުމަށް ފުރުސަތު ނުދިނުމަށް ކަމަށް އޭރު ކްލަބުގައި އޮތް އެކްސްކޯއިން ބުނެފައިވެއެވެ. ހާއްސަކޮށް ކުރިން ބައްސާމް ކޮންޓްރޯލް ކުރަމުންދިޔަ ކްލަބެއްގެ އެކްސްކޯއަށް އޭނާގެ ބާރު ގެއްލުމުން ކަމަށްވެސް ތުހުމަތުތައް ކޮށްފައިވެއެވެ.

ވެލެންސިއާގެ ސަސްޕެންޝަނަށް އެފްއޭއެމްއިން ދިޔައީ އެ އިދާރާގެ އިންތިހާބީ މައްސަލަތަކުގެ ތެރެއިންނެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހު އެފްއޭއެމް އެކްސްކޯގެ ކޯރަމް ގެއްލުމުން ބައްސާމަށް މަގާމު ގެއްލިފައިވާ އިރު، އެކަން ސްޕޯޓްސް ކޮމިޝަނަރު އެންގުމުންވެސް އެކަމަށް އެ އިދާރާއިން ތަބާވެފައެއް ނުވެއެވެ. އޭގެފަހުން އިއުލާނުކުރި އިންތިހާބުވެސް ސްޕޯޓްސް ކޮމިޝަނަރު މަޑުޖައްސާލާފައިވާ އިރު، ދެން އިންތިހާބަށް ދެ ކެނޑިޑޭޓަކު ކުރިމަތިލި އިރު، ދެ ކެނޑިޑޭޓުންވެސް ވެލެންސިއާގެ ތާއީދު ސިޓީ ހުށަހެޅުއްވިއެވެ.

މުފާވިޒު ހާޝިމާއި އަހުމަދު ތޯރިގު (ޓޮމް)ވެސް އެފަހަރު ވެލެންސިއާގެ ތާއީދު ސިޓީ ހުށަހެޅުއްވި އިރު، ވެލެންސިއާއިން ޓޮމްއަށް ތާއީދު ސިޓީ ދިނީ، އެ ކްލަބުގެ ޗެއާމަން އަބްދުﷲ އަޒްމީން ސޮއިކޮށް، ބޯޑު މެމްބަރުންގެ ރިޒޮލިއުޝަން އަކާއެކެވެ. މުފާ އަތުގައި އޮތް ސިޓީއަކީ ވެލެންސިއާގެ ވައިސް ޗެއާމަން، އިލްމާއު ހުސެއިން (މައު) ސޮއިކޮށްފައިވާ ބޯޑު މެމްބަރުންގެ ތާއީދު ހިމެނޭ ސިޓީއެކެވެ.

ވެލެންސިއާގެ އެ ދެ ތާއީދު ސިޓީގެ މައްސަލައިގައި އޭރު އޮތް އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ވަނީ އެކަމުގައި އަމަލުކުރާނެ ގޮތެއް އޮޅުންފިލުވަން ގާނޫނީ ލަފަޔަކަށް އޭއެފްސީ ކިބައިން އެދިފައެވެ. އޭއެފްސީން ސްޕޯޓްސް ކޮމިޝަނަރަށް ގޮތް ނިންމަން ހަވާލުކުރި ނަމަވެސް، އެފްއޭއެމްއިން ވަނީ ވެލެންސިއާގެ ދެ ސިޓީ ބާތިލުކޮށް ޓޮމްގެ ކެނޑިޑެންސީ ބާތިލުކޮށްފައެވެ.

އެކަމުގައި ޓޮމް އެޕީލް ކުރި ނަމަވެސް އެޕީލަށް ޖަވާބެއް ނުދެއެވެ. އަދި ދިހަ ކްލަބުގެ ސޮޔާއެކު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ޖެނުއަރީ މަހު ހުށަހެޅުއްވުމުން އެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް ވަނީ ކޮމިޓީތައް ނަގަން ތާވަލުކޮށްފައެވެ. އެ ކޮންގްރެސް ކޯރަމް ހަމަނުވެ، 15 މިނެޓް ފަހުން ނިންމާލުމަށްފަހު އަލުން ދެވަނަ ޖަލްސާއެއް ބޭއްވީ ކޯރަމް ހަމަނުކޮށެވެ. އެއީ 24 ގަޑިއިރުނުވެ، ކޯރަމް ހަމަނުކޮށް އަލުން އެ ކޮންގްރެސް ބާއްވަން އެފްއޭއެމްއަށް ބާރު ލިބޭތީއެވެ.

އޭރު އެފްއޭއެމްއިން އިންތިހާބު މަޑުޖައްސާލަން އަންގާފައި އޮތް އިރު، އެ ކޮންގްރެސްގައި ވަނީ އެޕީލް ކޮމިޓީއަކާއި ޑިސިޕްލިނަރީ ކޮމިޓީއެއް ނަގައިފައެވެ. އަދި ހިޔާލު ބަދަލުކުރައްވައި ބައްސާމް އަލުން ރައީސް ކަމަށް ނުކުންނަވަން މަސައްކަތް ކުރައްވައި، މާޗު މަހު ވެލެންސިއާ ސަސްޕެންޑް ކުރިއެވެ. ވެލެންސިއާ ސަސްޕެންޑްކޮށް އެފްއޭއެމްއިން ވަގުތުން އިންތިހާބު އިއުލާންކުރި ނަމަވެސް، އެ އިންތިހާބު ނުބޭއްވި އެފްއޭއެމް ތެރެއަށް ފީފާއާއި އޭއެފްސީން ވަދެ، މިހާރު އޮތީ ނޯމަލައިޒޭޝަނަކަށް ގެނެސްފައެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން "ވަން ސްޕޯޓްސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފީފާގެ އިރުޝާދުގެ ދަށުން ފެބްރުއަރީ އަށްވަނަ ދުވަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއާއި އެ ކޮންގްރެސްއަށްފަހު އެކިއެކި ކަންކަމުގައި ނިންމި ނިންމުންތައްވެސް މިހާރު ވަނީ ބާތިލުކޮށްފައެވެ.

ވެލެންސިއާ ސަސްޕެންޑް ކުރީ އެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއިން އައްޔަން ކުރި ޑިސިޕްލިނަރީ ކޮމިޓީއަކުން ކަމަށްވާތީ، އެ ސަސްޕެންޝަންވެސް ބަލައިނުގަންނަން ނިންމައި، އެކަންވެސް މިހާރު ވަނީ ބާތިލުކޮށްފައެވެ. އެ ނިންމުން އަދި ކްލަބަށް ނޭންގި ނަމަވެސް، އެކަމުގައި ނިންމަން ޖެހޭ އިދާރާ މަސައްކަތްތައް ދަނީ ނިންމަމުންނެވެ.