އިނގިރޭސި ލީގު ކަޕްގައި އާސެނަލާއި ލިވަޕޫލުން ރޭ ކުޅުނު ތިންވަނަ ބުރުގެ މެޗުތައް ކާމިޔާބުކޮށް، އެ ދެޓީމުވެސް ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.
ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި 5-1 އިން ވެސްޓް ހަމް ބަލިކުރި އިރު، ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދިން އާސެނަލުން އަމިއްލަ ދަނޑުގައި ބޯލްޓަން ބަލިކުރީ ވެސް 5-1 އިންނެވެ.
ލީގު ކަޕްގެ ގަދަ 16 ގައި މިހާރު ކަށަވަރު ނުވެ އޮތީ އެންމެ ޖާގައެކެވެ. އެއީ ނިއުކާސަލް އާއި އޭއެފްސީ ވިމްބަލްޑަން ކުޅެން އޮތް މެޗުން ޔަގީންވާ ޖާގައެވެ. އެ މެޗު މިހާތަނަށް ފަސް ކުރެވިފައިވަނީ ވިއްސާރައިގެ ސަބަބުން ވިމްބަލްޑަން ސްޓޭޑިއަމަށް ލިބުނު ގެއްލުމާ ގުޅިގެންނެވެ.
ލީގު ކަޕްގެ ހަތަރުވަނަ ބުރު ކަމަށްވާ ގަދަ 16 ގެ ބުރުގައި ފާހަގަކޮށްލެވޭ ކުރިމަތިލުންތަކަށް ބަލާ އިރު، ޓޮޓެންހަމް އާއި މެންޗެސްޓާ ސިޓީ ކުރިމަތިލާ މެޗު ހިމެނެއެވެ. އޭގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ވާދަކުރަން ޖެހުނު އިރު، ލިވަޕޫލުން ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ. އާސެނަލް ގަދަ 16 ގައި ނުކުންނަން ޖެހޭނީ ޕްރެސްޓޮން ނޯތު އެންޑާ ދެކޮޅަށެވެ.
ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވެސްޓް ހަމްއިންނެވެ. ކޯނަރެއްގައި އެޓީމުން ނެގި ހުރަސް އެންޑޯ ވަޓަރު ސާފުކޮށްލަން ފޮނުވާލުމުން ބައިކޮޅަށް ވަނީ ޖަރެލް ކުއެންސާ ގައިގައި ޖެހިފައެވެ.
އެ ގޯލާއެކު ވެސްޓް ހަމްއަށް ލީޑުގައި އޮވެވުނީ އެންމެ ދެ މިނެޓަށެވެ. ޑިއޭގޯ ޖޮޓާ ވަނީ 25 ވަނަ މިނެޓުގައި ލިވަޕޫލަށް އެއްވަރުކޮށްދީ، ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ އަނބުރާލައިފައެވެ. ލިވަޕޫލުގެ ތިންވަނަ ގޯލު މުހައްމަދު ސަލާހް ޖެހި އިރު، 76 ވަނަ މިނެޓުގައި ވެސްޓް ހަމްގެ އެޑްސަން އަލްވަރޭޒަށް ރަތް ކާޑު ދެއްކުމުން ލިވަޕޫލަށް އިތުރަށް ފަސޭހަވިއެވެ.
ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ ފަހު މިނެޓު ކޮޅުގައި އިތުރު ދެ ގޯލު ޖަހައިފައެވެ. އެ ދެ ގޯލުވެސް ޖެހީ ކޯޑީ ގަކްޕޯއެވެ.
އާސެނަލުން ރޭ ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖެހީ އުމުރުން 17 އަހަރުގައި އާސެނަލަށް ފުރަތަމަ މެޗު ކުޅެދިން އީތަން ވަނޭރީ އާއި ޑެކްލަން ރައިސްގެ އިތުރުން މި ސީޒަނަށް އެޓީމަށް ގެންދިޔަ ރަހީމް ސްޓާލިންގެ އިތުރުން ކައި ހަވާޓްސްއެވެ. ޒުވާން ތަރި ވަނޭރީ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
ތިންވަނަ ޑިވިޝަނުގެ ބޯލްޓަންއަށް މެޗުގައި ގޯލު ޖަހައިދިނީ އާރޮން ކޮލިންސްއެވެ.
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް