ރާއްޖެއިން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ސިންގަޕޫރުގެ ފަންނީ އެހީއަށް އެދިއްޖެއެވެ.
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ޑރ. ވިވިއަން ބާލާކްރިޝްނާން އާއި އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ޕެނީ ވޮންގާއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ، ސިންގަޕޫރުގެ ފޮރިން މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖެއިން އިތުރު އިންވެސްޓްމަންޓުތައް ހޯދުމަށާއި، ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައި ކަމަށެވެ.
އަދި ރައީސް ވަނީ އާންމު ބޯހިޔާވަހިކަމުގައި ފަންނީ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި، ރަސްމާލެއަކީ ޑިޖިޓަލް، ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް ހެދުމަށް ރާއްވަވާފައިވާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ހިއްސާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަކުރުމަކީ ރާއްޖޭގެ އާބާދީގެ 50 ޕަސަންޓް ހިއްސާކުރާ ޒުވާނުންނަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ޕޭޕަލް ފަދަ އެކިއެކި ޕްލެޓްފޯމްތަކުގެ ބޭނުން ހިފާނެ ފުރުސަތު ދިވެހި ޒުވާނުންނަށް ލިބުމަކީ ޒުވާން ވިޔަފާރިވެރިންނަށް ބޭރު ދުނިޔޭގެ މާކެޓްތަކަށް ވަނުމަށާއި އެ ޒުވާނުންގެ އީޖާދީ އުފެއްދުންތައް ކުރިއެރުވުމަށް ބާރަކަށް ވެގެންދާނެ ކަމެއްކަން ރައީސް ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމަށް މުހިންމު ކަންކަމުގައި، ހާއްސަ ގޮތެއްގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އޭއޯސިސް)އާ ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރުމަށް މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ޕެނީ ވޮންގާއާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ އެ ގައުމުން ރާއްޖެއަށް ދޭ ސްކޮލާޝިޕްތަކުގެ ފުރުސަތު ފާހަގަކޮށް އެކަަމަށް ޝުކުރު އަދާކުރައްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ރައީސް ވަނީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރައްވާފައި ކަމަށާއި އެގޮތުން އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ގައުމުން ހިއްސާކުރާ ކަންބޮޑުވުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ހާރިޖީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނޭކަމުގެ ޔަގީންކަން ދެ ބޭފުޅުން ދެއްވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު