ކޮރަޕްޝަނުގެ އިތުރުން ފީފާގެ ކޯޑް އޮފް އެތިކްސްއާ ހިލާފުވެފައިވާ މައްސަލަތަކެއްގައި ބަންގްލަދޭޝް ފުޓުބޯޅައިގެ ތެރޭގައި ހިމެނޭ ފަސް މީހަކަށް ފިޔަވަޅު އަޅައިފިއެވެ.

ފީފާގެ އެޑްޖުޑިކެޓޮރީ ޗެމްބާ އޮފް ދަ އިންޑިޕެންޑެންޓް އެތިކްސް ކޮމިޓީން ފިޔަވަޅު އަޅާފައިވާ ބަންގްލަދެޝް ފުޓުބޯޅަ ފެޑަރޭޝަން (ބީއެފްއެފް) ގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވުނީ އެ އިދާރާގެ ސީނިއާ ނައިބު ރައީސް އަބްދުއްސަލާމް މުރްޝެދީ އެވެ. އޭގެ އިތުރުން ދެން ފިޔަވަޅު އަޅާފައިވަނީ ކުރިން އެ އިދާރާގައި މަސައްކަތް ކުރި ފަރާތްތަކަށެވެ. އޭގެ ތެރޭގައި ކުރިން އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަބޫ ނަޔީމް ޝޮހާގުގެ ބޭން އިތުރު އެއް އަހަރަށް ދަންމާލައިފައިވެސް ވެއެވެ.

މީގެ ކުރިން 2023 ވަނަ އަހަރު ފީފާއިން ވަނީ ޝޮހާގް، ފުޓުބޯޅައާ ގުޅުން ހުރި ހުރިހާ ކަމަކުން ދެ އަހަރަށް ސަސްޕެންޑްކޮށް، 10،000 ސްވިސް ފްރޭކުން ޖޫރިމާ ކޮށްފައެވެ. މިފަހަރު ފީފާއިން ވަނީ އެ ބޭން އިތުރު އެއް އަހަރަށް ދަންމައިލައިފައެވެ. އަދި އިތުރު 20،000 ސްވިސް ފްރޭންކުން ޖޫރިމަނާވެސް ކޮށްފައިވެއެވެ.

ބަންގްލަދޭޝްގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީގެ މަޖިލިސް މެންބަރެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ ބީއެފްއެފްގެ ސީނިއާ ނައިބު ރައީސް، މުރްޝެދީއަށް ފީފާއިން ދިން އަދަބަކީ ޖޫރިމަނާގެ އަދަބެކެވެ. ކޯޑް އޮފް އެތިކްސްއާ ހިލާފުވި ކަމަށް ނިންމައި، ފީފާއިން ވަނީ މުރްޝެދީ 10،000 ސްވިސް ފްރާންކުން ޖޫރިމަނާ ކޮށްފައެވެ.

އޭގެ އިތުރުން ދެން ފިޔަވަޅު އެޅި މީހުންގެ ތެރޭގައި ބީއެފްއެފްގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސާ އަބޫ ހޮސައިންނާއި އޮޕަރޭޝަންސް މެނޭޖަރު މިޒަނޫރް ރަހުމަނާއި މިހާރުވެސް ބީއެފްއެފްގެ ޕްރޮކިއުމެންޓް އަދި ސްޓޯރު އޮފިސަރު އިމްރުލް ހަސަން ޝަރީފް ހިމެނެއެވެ. އޭގެ ތެރެއިން ހަސަން ޝަރީފަށް ފީފާގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން އަންގާފައިވާ އިރު، އަބޫ ހުސައިނާއި މިޒަނޫރު ޖޫރިމަނާ ކޮށްފައި ވަނީ 10،000 ސްވިސް ފްރޭންކަށެވެ.

ފީފާއިން ފިޔަވަޅު އެޅި ބަންގްލަދޭޝްގެ އޮފިޝަލުންނަށް ޖޫރިމަނާ ދައްކަން ދީފައިވާ މުއްދަތަކީ އެއް މަސް ދުވަހުގެ މުއްދަތަކެވެ.