ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ފްރާންސް ޑިފެންޑަރު ރަފޭލް ވަރާން، އުމުރުން 31 އަހަރުގައި ފުޓުބޯޅަ ހުއްޓާލި ކަމަށް މިއަދު އިއުލާނު ކޮށްފިއެވެ.

ވަރާން ރެއާލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު ޔުނައިޓެޑަށްވެސް ގިނަ މެޗުތަކެއް ކުޅެ، އެންމެފަހުން ހިލޭ ޓްރާންސްފާއެއްގައި ބަދަލުވީ އިޓަލީގެ ކޮމޯއަށެވެ. މި ސީޒަނަށް ކޮމޯއަށް ބަދަލުވި ވަރާންއަށް ޖުލައި މަސް ތެރޭގައި ބޮޑު އަނިޔާއެއްވެ، އޭނާ މިވަގުތު ހުރީ އަނިޔާގައެވެ. ވަރާން ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ މިއަދު ފުޓުބޯޅަ ހުއްޓާލާފައިވާ އިރު، ކޮމޯގައި ދެން އަދާކުރާނީ ކުޅުމުން ބޭރުގެ ދައުރެއް ކަމަށް ވަނީ ބުނެފައެވެ.

"އަހަރެން ބޭނުންވަނީ އެންމެ މަތީ ފަންތީގައި ހުރެ ކުޅުން ހުއްޓާލަން. ފުޓުބޯޅައަށް ކިތަންމެ ލޯތްބެއް ދޭ ނަމަވެސް، ފުޓުބޯޅައިގައި އަސްލު ފެންވަރު ނުދެއްކޭނަމަ ކުޅުމުގައި ދެމި ހުންނާކަށް ބޭނުމެއް ނުވޭ. އަހަރެން ވަރަށް ހިތްވަރު ގަދަކޮށްފައި ހުއްޓާލަން މި ނިންމީ،" ވަރާން އިންސްޓަގްރާމްގައި ބުންޏެވެ.

ވަރާން ކެރިއަރު ފެށީ ފްރާންސްގެ ލެންސުންނެވެ. އެ ކްލަބުގައި އެއް ސީޒަން ހޭދަކުރުމަށްފަހު ވަރާން ރެއާލަށް ބަދަލުވީ 2011 ވަނަ އަހަރުއެވެ. އެ ކްލަބުގައި ވަރާން ވަނީ 10 އަހަރު ދުވަސް ހޭދަކޮށް، 18 ތަށްޓެއް ހޯދައިފައެވެ. އޭގެ ތެރޭގައި ތިން ލަ ލީގާ ތަށްޓާއި ހަތަރު ޗެމްޕިއަންސް ލީގު ހިމެނެއެވެ.

ރެއާލްގެ ކެރިއަރު ނިންމައި ވަރާން ޔުނައިޓެޑަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. އެ ކްލަބުގައި ވަރާން އަނިޔާގެ މައްސަލަތަކާ ކުރިމަތިލާފައިވާ އިރު، ޖުމުލަ 95 މެޗު ކުޅެ، ލީގު ކަޕާއި އެފްއޭ ކަޕް ހޯދިއެވެ. ވަރާން އެންމެފަހުން ޔުނައިޓެޑަށް ކުޅުނު މެޗަކީ މިދިޔަ އަހަރުގެ އެފްއޭ ކަޕް ފައިނަލުގައި ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗެވެ.

ވަރާންއަކީ ފްރާންސް ގައުމީ ޓީމުގައިވެސް ފާހަގަކޮށްލެވުނު ޑިފެންޑަރެކެވެ. 2013 ވަނަ އަހަރު ފްރާންސް ސީނިއާ ޓީމަށް ކުޅެން ފަށައި، އޭނާ ވަނީ 93 މެޗު ކުޅެފައެވެ. ގައުމީ ޓީމާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، 2021 ވަނަ އަހަރު ނޭޝަންސް ލީގުވެސް ވަރާން ގައުމީ ޓީމާއެކު ކާމިޔާބުކުރިއެވެ. އަދި އެންމެފަހުން 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ފައިނަލުގައިވެސް ފްރާންސް ޓީމުގައި ވަރާން ކުޅެފައިވެއެވެ.