ބްލޮގަރު ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި، ކްރިމިނަލް ކޯޓުގައި ކުށް ސާބިތުނުވި މީހުންގެ މައްޗަށް މަރާލުމުގައި އެހީވުމުގެ ކުށަށް ދަށު ކޯޓުގައި ރިއާޔަތްކޮށްފައި ނުވަނީ ގޯސްކޮށް ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުން އެކަމަށް ރިއާޔަތް ކުރެން އެބައޮތްކަމަށް ވިދާޅުވެ، އެ މައްސަލައިގެ އިސްތިއުނާފު ދައުލަތުން މިއަދު ހައި ކޯޓަށް ހުށަހަޅައިފިއެވެ.
ޔާމީން ރަޝީދު މަރައިލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން އުފުލިއެވެ. އެއީ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލްގެ އިތުރުން ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދެވެ.
އެ މީހުންގެ ތެރެއިން ކުށް ސާބިތުވި ކަމަށް ކަނޑައެޅީ ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ. ހައިޝަމުގެ މައްޗަށް ކުށް ސާބިތުވީ، ޔާމީން މަރާލަން ދިން ހަމަލާ ރާވައި، ޓާސްކުތައް ހަވާލުކޮށް އަމަލީ ގޮތުން އެކަން ކުރި ފަރާތް ކަމަށް ސާބިތުވުމުންނެވެ. ޒިހާންގެ މައްޗަށް ކުށް ސާބިތުވީ، މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން އޭނާ ބައިވެރިވެފައިވާކަން ސާބިތުވެގެންނެވެ. އެ ދެ މީހުންވެސް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފައެވެ.
ދެން ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމުން، އޭގެ ތެރެއިން އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މިއަދު އޮތީ އެ މައްސަލައިގެ އަޑުއެހުމެކެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އިސްތިއުނާފު ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ ދައުލަތުން ކުރާ ދައުވާގެ އިތުރުން ވެސް ގާނޫނުގައި ބަޔާންކުރާ އެހެން ކުށެއް ސާބިތުވާކަން ފަނޑިޔާރަށް ފާހަގަވާ ނަމަ، އެކަމަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށެވެ.
ދަށު ކޯޓުގައި ފަނޑިޔާރަށް އެ ދެ މީހުންގެ މައްޗަށް، މީހަކު މަރާލުމުގައި އެހީތެރިވެދިން ކަމަށް ގަބޫލު ކުރެވުނު ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ހަވާލާދެއްވައި ނައުފަލް ވިދާޅުވީ ފަނޑިޔާރަށް އެކަން ކުރެވޭނެ ތިން ގޮތެއް ވެސް އެބައޮތް ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލު ހަމްޒާ ލަތީފް އެ މައްސަލައަށް ރައްދުދެއްވައި ވިދާޅުވީ ދަށު ކޯޓުގައި ދައުލަތުން އެފަދަ އެއްވެސް ކަމެއް ފާހަގަ ނުކުރާ ކަމަށެވެ.
ދަށު ކޯޓުގައި ފަނޑިޔާރާއި ދިފާއީ ވަކީލުން ވެސް އެހީތެރިވުމުގެ ކުށުގެ ދައުވާ ނުއުފުލި ސަބަބާއި އެ ކުށް ސާބިތުވުމާ ގުޅޭގޮތުން ދައުލަތުން ފާހަގަނުކުރާ މައްސަލަ ނެގިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވާ ކަަމަށް ހުކުމް އިއްވި ދެ މީހުންގެ ފަރާތުން ވެސް ވަނީ އެ އެމީހުންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އެއް ހާދިސާއެއްގެ އިސްތިއުނާފުތަކަށް ވާތީ، ހައި ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދަނީ އެ ހުރިހާ މައްސަލައެއް އެކުއެކީގައެވެ.
ޔާމީން ރަޝީދު މަރާލީ 23 އޭޕްރީލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު، އޭނާ ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު