ދެހާސް ފަންސަވީސް ވަނަ އަހަރުގެ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖެއިން ވާދަކުރާ ޓީމަކީ، އެންމެފަހުން ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ކުޅުނު ޓީމާ ތަފާތު ޓީމެއް ކަމަށާއި، އެއީ ޗެލެންޖެއް ކަމަށް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.

އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ވާދަކުރާނީ ގްރޫޕް އެފްގައެވެ. ގްރޫޕް މެޗުތައް އިންޑޮނޭޝިއާގެ ޖަކާޓާގައި ހޯސްޓް ކުރަމުންދާ އިރު، އިންޑޮނޭޝިއާއާއި ރާއްޖޭގެ އިތުރުން ދެން އެ ގްރޫޕްގައި ހިމެނެނީ ޔަމަނާއި އީސްޓް ޓިމޯއެވެ.

މިފަހަރުގެ ކޮލިފިކޭޝަން ކުޅެން ރާއްޖެ ނުކުންނަނީ ދާދިފަހުން ނޭޕާލްގައި އޮތް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ދިޔަ ޓީމުގައި ހިމެނުނު ކުޅުންތެރިންނާ އެކުގައެވެ. އެހެން ނަމަވެސް، އެ މުބާާރާތުން ތަޖުރިބާ ހޯދި ގިނަ ކުޅުންތެރިންތަކަކަށް މިފަހަރުގެ މުބާރާތް ވަނީ އެކި ސަބަބާ ހުރެ ގެއްލިފައެވެ.

"ސާފަށް ދިޔަ ޓީމާ މި ޓީމާ އަޅާކިޔާކަމަށްވަންޏާ، އެޓީމުގައި ހިމެނުނު 23 ކުޅުންތެރިންގެ ތެރެއިން 12 ވަރަކަށް ކުޅުންތެރިން މިވަނީ ބަދަލުވެފައި. އެއާއެކު އަޅުގަނޑުމެން ސާފްގައި ކުޅުނު ޓީމުގެ ފުރަތަމަ 11 ގައި ހިމެނުނު ފަސް ވަރަކަށް ކުޅުންތެރިން މި ޓީމުގައި ނުހިމެނޭ. އެހާ ބޮޑު ބަދަލެއް އައިސް، ފަރިތަކޮށްލަން އެކަށީގެންވާ ވަގުތު ނުލިބި އަންނަން ޖެހުން އެއީ ވަރަށް ބޮޑު ޗެލެންޖެއް،" ޝާކިއްޓެ ބުންޏެވެ.

ކޯޗު ޝާކިއްޓެ ބުނީ ޓީމަށް ބޮޑެތި ބަދަލުތައް އަންނަ މައިގަނޑުކޮށް ދިމާވި ސަބަބަކީ ބައެއް ކުޅުންތެރިންގެ އޭ ލެވެލް އިމްތިހާނާ މުބާރާތް ދިމާވުމުގެ އިތުރުން، އަނިޔާގެ މައްސަލަތައް ކަމަށެވެ.

ރާއްޖެ ހިމެނޭ ގްރޫޕާ ގުޅޭގޮތުން ޝާކިއްޓެ ދެން އޮތް ހުރިހާ ގައުމަކީވެސް ވަރުގަދަ ގައުމުތައް ކަމަށެވެ. ހާއްސަކޮށް ތަޖުރިބާއަށް ބަލައި ރާއްޖެއަށްވުރެ އެގައުމުތައް ފެންވަރު ރަނގަޅުވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

"ގްރޫޕަށް ބަލާއިރު ވަރަށް ވަރުގަދަ ގައުމުތަކެއް މި ފެންނަނީ. އިންޑޮނޭޝިއާއަށް ބަލާއިރު އެންމެފަހުން އާސިއާން ކަޕްގައިވެސް ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ޓީމެއް. ޔަމަން ދެން މިއޮތީ. ޔަމަނަކީ ވަރަށް ހަލުވި ކޮލިޓީ ކުޅުންތެރިންތަކެއް ތިބި ޓީމެއް. ޔަމަނުން މުބާރާތަށް މި އަންނަނީ ޔޫރަޕްގެ އިތުރުން އަރަބި އެހެން ގައުމުތަކުގެ ލީގުގައި ކުޅޭ ކުޅުންތެރިންނާއެކު. ޓީމޯ ލެސްޓޭ ފުޓުބޯޅައިގެ ނަން މަޝްހޫރު ނޫން ނަމަވެސް، ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެއް އެއީވެސް،" ޝާކިއްޓެ ބުންޏެވެ.

ރާއްޖެއިން ކުޅޭ ކޮލިފިކޭޝަން ފުރަތަމަ މެޗުގައި މިއަދު ހަވީރު ރާއްޖެއިން ނުކުންނާނީ ހަވީރު 5:30 ގައެވެ.