ސްޕެނިޝް ލަ ލީގާގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ޑެޕޮޓީވޯ އަލާވޭސް ކައިރިން ހަނި މޮޅެއް ހޯދައިފިއެވެ.
އެންމެފަހުގެ ޗެމްޕިއަން ރެއާލުން ރޭ އަމިއްލަ ދަނޑުގައި އަލާވޭސް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ބޮޑު ބައެއްގައި ރެއާލުން ތިން ގޯލުގެ ލީޑެއް ދަމަހައްޓަމުން ދިޔަ ނަމަވެސް، ފަހުކޮޅަށް ގޮސް އަލާވޭސްއިން ދެ ގޯލު ޖަހައި ރެއާލް ހާސްކޮށްލިއެވެ. ދެ ގޯލާ އެކު އަލާވޭސްއިން މެޗު އެއްވަރުކުރުމާ ގާތަށް ޖެހިލި ނަމަވެސް، ޕޮއިންޓެއް ހޯދަށް އެޓީމަށް ފުރުސަތު ނުދީ ރެއާލުން މެޗު ހިފަހައްޓައިލިއެވެ.
ރޭގެ މޮޅާއެކު ރެއާލުން ލަ ލީގާ ތާވަލުގެ ދެވަނައިގައި ބާސެލޯނާއާ ޕޮއިންޓެއް ގާތުގައި އޮތީ ހަތް މެޗުން 17 ޕޮއިންޓާއެކުގައެވެ. ބާސާއިން ހަ މެޗުން 18 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ އަދި މެޗަކުން ބަލިނުވެއެވެ. ރޭ ބަލިވި އަލާވޭސް އޮތީ ލީގު ތާވަލުގެ އަށްވަނައިގައެވެ. އެއީ ހަތް މެޗުން 10 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗު ރެއާލުން ފެށީ ފުރިހަމަ ފެށުމަކުންނެވެ. އެއްވަނަ މިނެޓް ތެރޭގައި އެޓީމުން ވަނީ ލީޑު ނަގައިފައެވެ. 57 ވަނަ ސިކުންތުގައި ރެއާލަށް މެޗުގައި ލީޑު ނަގައިދިނީ ކެޕްޓަން ބޭންޑްގައި މެޗަށް ނުކުތް ލޫކަސް ވަޒްކޭޒްއެވެ. އޭގެފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން، 40 ވަނަ މިނެޓުގައި ރެއާލުން ދެވަނަ ގޯލެއްވެސް ޖެހިއެވެ.
ޖޫޑް ބެލިންހަމްގެ އެސިސްޓަކުން އެ ގޯލު ޖެހީ ކިލިއަން އެމްބާޕޭއެވެ. އެމްބާޕޭ ވަނީ އެންމެފަހުން ރެއާލުން ކުޅުނު ފަސް މެޗުގައިވެސް ގޯލު ޖަހައިފައެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ރޮޑްރީގޯ ޖަހައިދިން ގޯލާއެކު ރެއާލުން ލީޑު އިތުރަށް ފުޅާކުރިއެވެ. ތިން ގޯލުގެ ލީޑަކާއެކު ރެއާލުން ހަމަޖެހިލި ނަމަވެސް، 85 ވަނަ މިނެޓުގައި ކާލޯސް ބެނަވިޑޭޒް ވަނީ އަލާވޭސްއަށް ގޯލެއް ޖަހައިދީފައެވެ. އަދި އޭގެ މިނެޓެއްފަހުން ކީކޭ ގާސިއާގެ އިތުރު ގޯލެއްވެސް ފެނިގެން ދިޔައެވެ.
އަލާވޭސްއަށް އެއްވަރުކުރަން ބޮޑު ފުރުސަތެއް މެޗުގައި ފަހިވި ނަމަވެސް، ރެއާލުން ވަނީ މޮޅެއް ހޯދަން ހިފަހައްޓާލައިފައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ