މާކަސް ރަޝްފޯޑާ ދޭތެރޭ ކަންކަން ކުރަމުންދާ ގޮތަށް މީހުން އިތުބާރު ކުރަން ޖެހޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މާކަސް ރަޝްފޯޑު ބުނެފިއެވެ.

ޔުނައިޓެޑުން އެންމެފަހުން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރަޝްފޯޑަށް ފުރަތަމަ 11 އިން ޖާގަ ނުދިނުމުން ބައެއް ތަޖުރިބާކާރުން ވަނީ އެކަމަށް ފާޑު ކިޔައިފައެވެ. އެއީ އެ މެޗުގެ ޕްރި މެޗު ޕްރެސްގައި ޓެން ހާގު ރަޝްފޯޑަށް ތައުރީފުވެސް ކޮށްފައިވުމުންނެވެ. ރަޝްފޯޑު އޭގެ ކުރިން ކުޅުނު ދެ މެޗުގައި ތިން ގޯލު ޖަހާފައި އޮތުމުން ޓެން ހާގު ބުނީ ރަޝްފޯޑު ރަނގަޅު ފޯމަކަށް އެޅެމުން އަންނަ ކަމަށެވެ.

އެހެން ތައުރީފު ކޮށްފައި އޮތް ނަމަވެސް، ޓެން ހާގު ޕެލެސްއާ ދެކޮޅަށް ރަޝްފޯޑު ބޭނުންކުރީ އެންމެ 30 މިނެޓަށެވެ. އޭނާ ނެރުނު ފުރަތަމަ 11ގައި ފޯވަޑް ލައިނުން ޖާގަ ދިނީ ޖޯޝުއާ ޒިރްކްޒީ އާއި އަލެހާންޑްރޯ ގާނާޗޯގެ އިތުރުން އަމަދު ޑިއާލޯއަށެވެ.

އެ ނިންމުމަށް ސްކައި ސްޕޯޓްސްގެ ޕަންޑިތު ޖޭމީ ރެޑްނެޕް ވަރަށް ބޮޑަށް ފާޑު ކިޔަމުން ބުނެފައި ވަނީ ރަޝްފޯޑާ ޓެން ހާގާ ދެމެދު މައްސަލައެއް އުޅޭތަން ފެންނަ ކަމަށެވެ.

އެހެންނަމަވެސް، ރެޑްނެޕްގެ އެ ފާޑުކިޔުމަށް ޓެން ހާގު ވަނީ ޖަވާބު ދީފައެވެ. ޓެން ހާގު ބުނީ ނިންމުންތަކަށް އިހުތިރާމު ނުކޮށް، އެކަހަލަ ވާހަކަ ދައްކާ މީހުންނަކީ ރަނގަޅަށް ވިސްނޭ މީހުން ކަމަށް ގަބޫލުނުކުރާ ކަމަށާއި، ރަޝްފޯޑު ފުރަތަމަ 11 އިން ބޭރު ކުރީ ރޮޓޭޓް ކުރުމަށް ކަމަށެވެ.

ރެޑްނެޕްގެ އިތުރުން ގެރީ ލިނެކާއާއި އެލެކް ޝިއެރާވެސް ޓެން ހާގުގެ އެ ނިންމުމަށް ފާޑު ކިޔާފައިވާ އިރު، ޓެން ހާގު ބުނީ އެފަދަ ފާޑުކިޔުންތައް ބަލައިނުގަނެވޭ ކަމަށާއި، "ކަންކަން ސާފުކޮށްދިނުމުން ނިންމުންތަކަށް އިތުބާރުކުރަން ޖެހޭނެ،" ކަމަށެވެ. ޓެން ހާގު ބުނީ މި ޒަމާނުގެ ފުޓުބޯޅަ ސީޒަންތައް ބުރަބޮޑުވުމުން، އަނިޔާއިން ރައްކާތެރިކުރުމަށް ނިންމަން ޖެހޭ ނިންމުންތަކެއް ހުންނަ ކަމަށާއި، އެކަންކަން ނިންމާނީ ޒިންމާ ނަގަން ޖެހޭ ކޯޗުން ކަމަށެވެ.

ޔުނައިޓެޑުން މިދިޔަ ހަފުތާ ލީގުގައި ކުޅުމަށްފަހު ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ އެފްސީ ޓެވެންޓޭއާ ދެކޮޅަށް ނުކުންނާނެ އެވެ. މިފަހަރު ޔޫރޮޕާ ލީގުގައިވެސް 36 ޓީމު ވާދަކުރާތީ މެޗު ގިނަވާނެއެވެ.